English Edition
Dhivehi Edition

ކ،މާފުށީ ޖަލުގައި މަސައްކަތްކުރާ ކަރެކްޝަންސް އޮފިސަރަކު މާފުށީ މަގުމަތިން ހިނގާފައި ދަނިކޮށް ހަމަލާދީފިއެވެ.

މަންޒަރު ދުށް ފަރާތަކާއި ހަވާލާދީ އޮންލައިން ނޫސް “ފެށުން އޮންލައިން” ގައި ބުނީ ކަރެކްޝަންސް އޮފިސަރަށް ހަމަލާދީފައިވަނީ މިއަދު ހެނދުނު 07:30 ހާއިރު ކަމަށާއި، ހަމަލާދީފައިވަނީ ސައިކަލެއްގައި އައި ދެމީހުންގެ ތެރެއިން ސައިކަލުގެ ފަހަތުގައި ހުރި މީހާ ކަމަށެވެ.

އެ ނޫހުގައި އިތުރަށް ބުނީ މި މާރާމާރީ ހިންގާފައިވަނީ މާފުށީ ޖަލުގައި މަސައްކަތްކުރާ ތިން އޮފިސަރަކު އޮފް ޑިއުޓީގައި ހެނދުނު ކުޅެން ގޮސްފައި އައި މަގުމަތީގައި ކަމަށާއި، ހަމަލާ ދިން މީހާ އޮފިސަރުގެ މޫނުމަތީގައި ދެތިން ފަހަރު ޖަހާ އަޅައިގެން ހުރި އައިނު ހަލާކުކޮށްލާފައިވާ ކަމަށެވެ.

ކަރެކްޝަންސް އޮފިސަރުގެ މޫނުމަތީގައޮގޮށްމުށުން ދެތިން ފަހަރު ޖެހި މަންޒަރު ފެނުނު ނަމަވެސް، އޭނާއަށް ލިބުނު އަނިޔާގެ ތަފްސީލު ބުނަން ނޭނގޭކަމަށް މަންޒަރުދުށް ފަރާތުން ބުންޏެވެ.

މަޢުލޫމާތު ލިބިފައިވާ ގޮތުގައި އޮފިސަރަށް ހަމަލާ ދީނުމުގެ ކުރިން ތިން މީހަކު ހިނގާފައި އައިސް، ޖަލުގައި އަނިޔާކުރި އޮފިސަރަކު އެތަނުގައި ހުރިތޯ ސުވާލުކޮށްފައިވެއެވެ. އަދި އެތަނުގައި އޭގެން މީހަކު ނެތްކަމަށް ބުނުމުން ދިއުމަށްފަހު ފަހުން ސައިކަލެއްގައި ދެމީހަކު އައިސް އޮފިސަރަށް ހަމަލާދިނީ ކަމަށް އެ ނޫހުގައި ބުނެފައި ވެއެވެ.