ޖަލު ހަލަބޮލިކޮށްގެން ސިޔާސީ މަންފާ ހޯދުމުގެ ޒަމާން މާޒީވެއްޖެކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.
ޖަލުގައި ގައިދީންތަކަކަށް ލާއިންސާނީ އަނިޔާކޮށްފައިވާކަމުގެ ރިޕޯޓްތައް ފެތުރެމުންދިއުމާއި ގުޅިގެން ކުރައްވާފައިވާ ޓްވީޓެއްގައި މިނިސްޓަރ ވިދާޅުވެފައިވަނީ ޖަލުގެ ހާލަތު ރަނގަޅުކުރުމަކީ އެންމެ ދުވަހަކުން ކުރެވޭނެކަމެއް ނޫންކަމަށާއި މިރާއްޖޭގެ ޖަލުތަކުގެ ހާލަތަށް އެކަށީގެންވާ ބަދަލެއް އައިސްފައިނުވާކަމަށެވެ.
އިމްރާން ވިދާޅުވީ ޖަލުގައި ހިނގާދިޔަކަަށް ބުނާ ހާދިސާއާއި ގުޅިގެން ފުރިހަމަ ތަހުގީގެއްނެތި އޮފިސަރުންނަށ ފިޔަވަޅު އެޅުމަކީވެސް އެމަނިކުފާނު ކުރައްވާނެކަމެއް ނޫންކަމަށެވެ. އިމްރާން ވަނީ ޖަލު ހަލަބޮލިކޮށްގެން ސިޔާސީ މަންފާ ހޯދުމުގެ ޒަމާން މާޒީވެއްޖެކަމަށް ވިދާޅުވެފައެވެ.
ފުރިހަމަ ތަހުގީގަކާ ނުލައި އޮފިސަރުންނަށް ފިޔަވަޅު އެޅުއްވުމަކީވެސް ކުރައްވާނެ ކަމެއް ނޫންކަމަށް މިނިސްޓަރ ވަނީ ވިދާޅުވެފައެވެ. އަދި އަނިޔާވެރި އަމަލުތަކާއި، ސިޔާސީ ބޭނުމަށް ޖަލު ހަލަބޮލިކުރުމަށް ކުރަމުންދާ ކަންކަމުން ކަރެކްޝަންގެ އޮފިސަރުން އެއްކިބާވުމަށްވެސް މިނިސްޓަރު އިމްރާން ވަނީ ނަސޭހަތްތެރިވެފައެވެ.
ޖަލުގައި ހިންގި ހަމަ ނުޖެހުމުގައި ކަރެކްޝަން އޮފިސަރެއްގެ ބޯ ފަޅައިގެން ގޮސްފައި ވާއިރު، ގައިދީންނާ މެދު ހާލަތާ ނުބައްދަލު ބާރުގެ ބޭނުންކޮށްފައި ވާކަމަށް ހޯމް މިނިސްޓްރީން ބުނެފައި ވެއެވެ. ޖަލުގައި ހިންގި މި ހަމަނުޖެހުމުގައިި ގައިދީންގެ ކުރިމަތިފަރާތަށް ޕެޕާ ސްޕްރޭ ޖެހުންފަދަ ލާއިންސާނީ ކަންކަން ހިންގާފައި ވާކަމަށް ފެތުރުނު ހަބަރުތައް ކަރެކްޝަނުން ދޮގު ކޮށްފައި ނުވެއެވެ. ނަމަވެސް ގައިދީންގެ ބޯ ބޭލި ކަމަށް ފެތުރުނު ހަބަރުތައް ކަރެކްޝަނުން ވަނީ ދޮގު ކޮށްފައެވެ.
ޖަލުގެ ޚަބަރުތައް ބައެއް ގައިދީން ގަވާއިދުން ނޫސްވެރިންނާއި ހިއްސާކުރަމުން ގެންދާއިރު، މި ހާދިސާގެ މައުލޫމާތު ހިއްސާކުރި ގައިދީން ބުނީ ޖަލު އޮފިސަރުން ބައެއް ގައިދީންގެ ކުރިމަތިފަރާތާއި، ފުރަގަސްފަރާތަށް ޕެޕާސްޕްރޭ ޖަހާފައިވާކަމަށެވެ. އަދި ވައްޓާލާ ބޫޓުން ތަޅާ އަނިޔާކޮށްފައިވާކަމަށެވެ. މީގެ އިތުރަށް ގައިދީންގެ ނުރުހުމުގައި އެ މީހުންގެ ބޯ ބާލާފައިވާކަމަށްވެސް ގައިދީން ވަނީ ބުނެފައެވެ.