ލަދުވެތި ކަމަކީ ރީތި ސިފައެކެވެ. ނަމަވެސް ލަދުގަންނަން ނުޖެހޭ ހާލަތްތަކުގައި ލަދުގަތުމަކީ ދެރަކަމެކެވެ. އޭގެ ސަބަބުން ބައެއް ފަހަރު ގެއްލުމާއި ހިތާމަތަކާއި ކުރިމަތި ލާން ޖެހިދެއެވެ.
ޒަމާނުއްސުރެ ދިވެހިންނަކީ އެއްގަމުގައި ދުއްވާ އެއްޗެހި ދުއްވާ ބައެކެވެ. އެގޮތުން މިފަދަ އުޅަނދެއް ނެތް ރަށެއް މިދިވެހިރާއްޖޭގައި ނެތޭ ދެންނެވިދާނެއެވެ. މިއީ ދުނިޔޭގެ އެހެން ޤައުމުތަކާއި އަޅާބަލާއިރު އާދަޔާ ހިލާފް ކަމެކޭ ދެންނެވުން ގޯހަކަށް ނުވާނެއެވެ. ހަމައެއާއިއެކު ދިވެހިން އެންމެ ފަހުރުވެރިވާ އެއްކަމަކީ ގިނަ ދިވެހިންނަކީ އެއްގަމު އިންޖީނުލީ އެއްޗެހި ދުއްވަން އެނގޭ، އެހުއްދަ ލިބިފައިވާ ބަޔަކަށް ވުމެވެ.
އެއްގަމު އުޅަނދު ދުއްވުމަކީ އެދުއްވާ މީހާ ނުރައްކަލަކަށް ހުޅަހެޅިގެން ހުރެ ކުރާކަމެއްކަމަށް ވަރަށް ގިނަ ފަހަރު ހީވެފައި އޮވެއެވެ. އެހެނީ ބައެއް މަގުތައް ހެދިފައި ހުރި ގޮތުން ބާރު ސްޕީޑްގައި ދުއްވުމަށް މަގުފަހިވެފައި ހުރުމާއި، ދުއްވާ ދުއްވުމުގައި މަގަށް ދޭންވާވަރަށް ސަމާލުކަން ނުދެވުން ހިމެނެއެވެ. މީގެ ސަބަބުން އިޔާދަ ނުކުރެވޭ ވަރުގެ ގެއްލުންތަކާއި، މީހުންގެ ފުރާނަ ގެއްލިގެން ގޮސްފައި ވެއެވެ.
އުޅަނދު ދުއްވަމުންދާ މީހަކަށް ނުރައްކަލެއް ކުރިމަތިވާ ވަގުތު ނުވަތަ ވެދާނެކަމަށް ހީވާ ހާލަތުގައި އެކަން އެހެން މީހުންގެ ސަމާލުކަމަށް ގެނެއުމަށް އުޅަނދުގައި ބަރުގޮނުގެ ނަމުގައި އެއްޗެއް ހަރުކުރެވިފައި ހުރެއެވެ. އަދި އެއީ ދުއްވާމީހާއަށް ފަސޭހަކަމާއި އެކު ބޭނުންކުރެވޭ ގޮތަށް ހަރުކުރެވިފައިވާ އެއްޗެކެވެ. ނަމަވެސް ސުވާލަކީ އެބަރުގޮނު ބޭނުން ކުރަނީ ކިތައް މީހުން ބާވައެވެ؟ ބަރުގޮނުގެ ބޭނުންތެރިކަން އެނގެނީ ކިތައް މީހުންނަށް ބާވައެވެ؟
ރާއްޖޭގެ އެންމެ އަވައްޓެރި ދެޤައުމަށް ބަލާލިއަސް ބަރުގޮނު ބޭނުންކުރުމުގެ ލާމަސީލު ނަމޫނާ ފެނިގެން ދާނެއެވެ. އިންޑިއާ ނުވަތަ ލަންކާ ފަދަ ޤައުމުތަކުގައި އެއްގަމު އުޅަނދުގެ ބަރުގޮނު ބޭނުން ކުރުމުގެ ސަބަބުން އެތަކެއް ނުރައްކާތެރި ހާލަތްތަކުން ސަލާމަތް ވެފައި އެބަހުއްޓެވެ. އެތައް ބައްއެއްގެ ފުރާނަ ސަލާމަތް ވެފައިވެސް އެބަހުއްޓެވެ. ނަމަވެސް ދިވެހިން އެކަން އެގޮތަށް ނުކުރުމުގެ ސަބަބުން ގިނަ ގުނަ ހިތާމަތަކާއި ކުރިމަތި ލާފައިވާ ކަން ފާހަގަ ކުރެވެއެވެ.
ދިވެހިން ބަރުގޮނު ބޭނުން ނުކުރަނީ ކީއްވެގެން ހެއްޔެވެ؟ ޖަވާބުގައި ދަންނަވަން ޖެހެނީ ދިވެހިން ވެސް ބަރުގޮނު ބޭނުން ކުރެއެވެ. އެހެންނަމަވެސް އެބޭނުންކުރަން ޖެހޭ އެންމެ އެކަށޭނެ ހާލަތުގައި ނޫނެވެ. ދިވެހިން ބަރުގޮނު ބޭނުން ކުރަނީ ޓްރެފިކްގައި ޖެހި މަގުން އިތުރަށް ކުރިއަށް ނުދެވުނީމައެވެ. ޒުވާނުން ގްރޫފް ހަދާލައިގެން ދުއްވަމުން ދާއިރު އެހެން މީހުންގެ ސަމާލުކަން ހޯދުމަށެވެ. ނުވަތަ އެހެން ބަޔަކަށް އުނދަގޫ ކުރުމުގެ ގޮތުންނެވެ. އެއްވެސް ހާލެއްގައި ދުއްވަމުން ދާ އުޅަނދަށް އެހެން އުޅަނދެއްގެ ފަރާތުން ނުރައްކާތެރި ކަމެއް މެދުވެރިވެދާނެ ހާލަތުގައި ނޫނެވެ. އަދި އެފަދަ ކަމެއް އަނެކާއަށް އެންގުމުގެ ބޭނުމުގައި ވެސް ނޫނެވެ.
ބަރުގޮނު ބޭނުން ކުރުމުގައި ދިވެހިން މިވަނީ ނަމޫނާ ދައްކާފައެވެ. އެހެންނަމަވެސް އޭތި ނަހަމަ ގޮތުގައި ބޭނުން ކުރުމުންނެވެ. މިއީ ހިތާމަ ހުރިކަމެކެވެ. މީގެ ކުރިން ހީވެފައި އޮތް ގޮތުން ދިވެހިން ބަރުގޮނު ބޭނުން ނުކުރަނީ އެވެރިންގެ ލަދުވެރިތިކަމާއި ހުރެއެވެ. ނަމަވެސް ހަޤީގަތަކީ އެއެއް ނޫނެވެ. ބަރުގޮނުގެ ސަބަބުނުން އަނެކާއަށް އުނދަގޫ ކުރެވިދާނެކަމަށް އެނގުނު ހިސާބުން މިކުޅިގަނޑު ފެށުނީއެވެ. ބަރުގޮނުގެ ހަޤީގީ ބޭނުން ނެތިގެން ދިޔައީއެވެ.