English Edition
Dhivehi Edition
ގަވާއިދާ ޚިލާފަށް ޕާކުކޮށްފައި ތިބި އުޅަނދުތަކެއް ޓޯކުރަނީ - ފޮޓޯ: ޕޮލިސް

މާލޭ ސަރަޙައްދުގެ މަގުތަކުގެ ޓްރެފިކް ފްލޯއަށް ދިމާވެފައިވާ ދަތިތައް ހައްލުކުރުމަށް ޚާއްޞަ މަސައްކަތްތަކެއް ކުރަމުންދާ ކަމުގައި ދިވެހި ފުލުހުންގެ ޚިދުމަތުން ބުނެފިއެވެ.

އެގޮތުން އެ ޚިދުމަތުން ހާމަކުރާ ގޮތުގައި، ހިނގާބިނގާވެ އުޅޭ މީހުންނާއި އެއްގަމު އުޅަނދު ދުއްވާ މީހުންނަށް ރައްކާތެރި، އަމާން މާހައުލެއް ކަށަވަރުކުރުމަށް މާލޭ ސަރަޙައްދުގެ މަގުތައް ތަރުތީބުކުރުމާއި ޓްރެފިކް ފްލޯއަށް ދިމާވެފައިވާ ދަތިތައް ހައްލުކުރުމަށް، ކަނޑައެޅޭ ހާއްސަ ސަރަހައްދުތަކެއްގައި ޓްރެފިކް އަދި ޕާކިންގ ހަމަޖެއްސުމާއި މަގުތައް ތަރުތީބުކުރުމަށް ޚާއްޞަ މަސައްކަތްތަކެއް ދަނީ ކުރަމުންނެވެ.

އެ މަސައްކަތުގެ ތެރެއިން، އެ ސަރަހައްދުތަކުގައި ފުލުހުން ހަރަކާތްތެރިވާ މިންވަރު އިތުރުވެގެން ދާނެ ކަމަށާއި، އެ ސަރަހައްދުތަކުގެ މަގުތައް ތަރުތީބުކުރުމަށް މަސައްކަތްތައް ފެށުމުގެ ކުރިން، އެ ސަރަހައްދެއްގައި ދިރިއުޅޭ ރައްޔިތުންނާ ބައްދަލުކޮށް ކަމާގުޅޭ މައުލޫމާތާއި މަގުތަކުގެ ހާލަތު ރައްޔިތުންނަށް އޮޅުންފިލުވައިދެވޭނެ ކަމަށް ފުލުހުން ބުނެފައިވެއެވެ.

މީގެ އިތުރުން ފުލުހުން ހާމަކޮށްފައިވާ ގޮތުގައި، އެ ސަރަހައްދުތަކުގައި ހުރި ގިނަ ދުވަސްވީ އުޅަނދުތަކާއި އާންމުން ހިނގާބިނގާވެ އުޅުމަށް ދަތިވާގޮތަށް ގަވާއިދާ ހިލާފަށް ޕާކުކޮށްފައި ހުންނަ އުޅަނދުތައް ނަގަމުން ގެންދާނެއެވެ. އަދި ޕާކުކުރުން މަނާކަން އަންގައިދޭ ބޯޑާއި އެނޫންވެސް ޓްރެފިކް ނިޝާންތައް ކުރެހުމާއި ހަރުކުރުން، ކަމާ ގުޅުންހުރި އިދާރާތަކާއެކު ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ކަމަށްވެސް ފުލުހުން ހާމަކުރެއެވެ.

ދިވެހި ފުލުހުންގެ ޚިދުމަތުން ހާމަކޮށްފައިވާ ގޮތުގައި މި މަސައްކަތަކީ މާލޭ އޭރިޔާގައި ދިރިއުޅޭ ރައްޔިތުންނަށް އަމާން މާހައުލެއް ކަށަވަރުކޮށްދީ، ފުލުހުންގެ ޚިދުމަތް އެންމެ ފުރިހަމަ ގޮތެއްގައި ރައްޔިތުންނަށް ފޯރުކޮށްދިނުމަށްޓަކައި ޚާއްޞަ އިސްކަމެއް ދީގެން އެ ޚިދުމަތުން މި އަހަރަށް ހިންގުމަށް ހަމަޖެހިފައިވާ ކަންކަމުގެ ތެރެއިން ކުރިއަށްގެންދާ ކަމެކެވެ.