English Edition
Dhivehi Edition

ދިރާސާތަކުން ދައްކާގޮތުން އިންސާނާ އަށް ލިބެންޖެހޭ ހަމަ ނިދި ނުލިބޭ ނަމަ އޭގެ އަސަރު ސިކުނޑިއަށް ކުރެއެވެ. އަދި އޭގެ ސަބަބުން “އަލްޒީމާ” ގެ ބަލިތައް ސިކުނޑިއަށް ޖެހެ އެވެ.

ނިއުރޯ ސައިންޓިސްޓުން ވަރަށް ފަހުން ހޯދި ދިރާސަތަކުން ދައްކާގޮތުގައި ނިދި ހަމަޔަށް ނުލިބޭނަމަ ސިކުނޑީގައި އެކުލެވޭ ނިއުރޯންސްތައް މަދުވެގެންދެއެވެ. އަދި މީގެ އިތުރަން ނިދި މަދުވުމުގެ ސަބަބުން ޑެމެންޓިއާ ކިޔާ ވަރަށް ނުރައްކާތެރި ބައްޔަށް ޖެހިދެއެވެ.

ހަގީގަތުގައި ނިދުމަކީ ސިކުނޑީގެ މެޓަބޯލިކް ހޯމިއޮސްޓެޓިސް މަރާމާތުކޮށްދޭ އެއްމެ މުހިއްމު ކަމެވެ. އަދި ނުނިދާ ގިނައިރު ހުރުމުން މިޓްޗޮންޑްރިއަލް ހާސްވުންތަކެއް ސިކުނޑީގައި އެބުރެން ފަށައެވެ. ހަމަ މިއާއެކު ނިއުރޯންސް މަދުވާން ފަށައެވެ.

މިހާރަކަށް އައިސް ބައެއް މީހުންނަށް ވިސްނިފައި އޮންނަނީ ހަފްތާ ބަންދު ދެދުވަހު ގަދަޔަށް ނިދާލީމާ ހަށިގަނޑަށް ބޭނުންވާ ނިދި ލިބިގެންދާ ކަމަށެވެ. ނަމަވެސް އެއީ ކުށް ހީއެކެވެ. ސައިންސްވެރިން ވަނީ މިކަންތައް ވަރަށް ފުރިހަމައަށް ދިރާސާ ކޮށްފައެވެ. އެމީހުން އެކަމަށް ބޭނުން ކުދީ މީދާތަކެވެ. މީދަލަކީ މިކަހަލަ ކަންކަމަށް އާއްމުކޮށް ބޭނުން ކުރެވޭ ޖަނަވާރެވެ.

އިންސާނާގެ ހަށިގަނޑުގެ ބައިތައް މަސައްކަތް ކުރާގޮތަށް އޭތީގެ ހަށިގަނޑުވެސް މަސައްކަތް ކުރާތީއެވެ. އެމީހުން މީދާގެ ނިދުމުގެ އުސޫލުވެސް އަހަރުމެންގެ މިހާރުގެ މި ނިދުމުގެ އުސޫލަށް ބަދަލު ކުރީއެވެ. އަދި ތަހުލީލު ތަކުން ދެއްކި ގޮތުގައި ހަމނިދި ނުލިބުމުގެ ސަބަބުން އޭތީގެ ސިކުޑިއަށް ބަދަލު ތަކެއް އައެވެ، އަދި 25 އިން ސައްތަ ސިކުނޑީގެ އެކުލެވޭ ނިއުރޯންސް ތައް މަދުވެގެން ދިޔައެވެ.

މި ނިއުރޯންސްތަކަކީ ސިކުނޑީގެ ވިސްނުމުގެ ބާރާއި، ކަންކަމަށް ޝައުގުވެރިވުމުގެ ބާރު އިތުރު ކޮށް ދިނުމާއި އަދި ހިތްނުތަނަވަސްވުން އަދި ކަންކަމަށް ފޫހިވުން ދުރުކޮށްދޭ އެންމެ މުހިއްމު ބައި ކުޅެދޭ ނިއުރޯންސްތަކެވެ.

ނާރުތަކުގެ ޚާއްސަ މާހިރުން ބުނާގޮތުގައި މާގިނަ ވަގުތަށް ދެމިގެންދާ ގޮތަށް ނިދުމުންވެސް އަލްޒީމާ ބަލިތަކަށް މަގުފަހިވެއެވެ. މިކަން ތަހުލީލު ކުރުމަށްވެސް ބޭނުން ކުރެވުނީ ހަމަ މީދަލެވެ.

އެމީހުން ކުރިކަމަކީ މީދާތައް ދެބަޔަކަށް ބަހާލީއެވެ. އެއްބައި މީދާތައް ބެއިތިއްބީ 12 ގަޑިއިރު އަލި ހުރެފައި އަނެއް 12 ގަޑި އިރު އަނދިރި ވާތަނެއްގައެވެ. އަނެއްބައި މީދާތައް ބެއިތިއްބީ 20 ގަޑިންއިރު އަލި ހުރެފައި އަނެއް 4 ގަޑި އިރު އަނދިރި ވާތަނެއްގައެވެ. މީގެ ސަބަބުން އެމީދާ ތަކުގެ ނިދުމުގެ ވަގުތު ތަކަށް ބަދަލު އަޔެވެ.

މި ތަހުލީލު އެމީހުން އަށް ހަފްތާއަށް ކުރިއަށް ގެންދިޔައެވެ. ނިދި މަދުން ލިބުނު މީދާތަކުގެ ހަނދާންކުރުމުގެ ބާރު ވަރަށްބޮޑަށް ދަށްވެގެން ދިޔައެވެ. ކަންތައްތައް އުނގެނުމަށް އެމީދާތަކަށް ވަރަށް ބޮޑަށް އޮޅިގެން ދިޔައެވެ.

ނަމަވެސް މި ދެ ބައިގެ މީދަލުގެ ސިނކުޑިންވެސް އަލްޒީމާގެ ނިޝާންތައް ވަރަށް ބޮޑަށް ފެނުނެވެ. މީގެ ސަބަބުން މި ދެބައިގެ މީދަލުގެ ސިކުނޑީގެ ވިސްނުމުގެ ބާރާއި އަދި ކަންތައްތައް ހައްލުކުރުމުގެ ހުނަރު ވަރަށް ބޮޑަށް ދަށްވެގެން ދިޔައެވެ.ނިދުން
ބަރާބަރަށް ހަމަޔަށް ނިދި ލިބުމަކީ ވަރަށް މުހިއްމުކަމެކެވެ. އަހަރުމެން އަރާމުގައި ނިދީގައި އޮންނައިރު ސިކުނޑި އޭގެ މަރާމާތުގެ މަސައްކަތް ކުރަންފަށައެވެ.

އެގޮތުން ސިކުނޑީގައި އުފެދޭ ވިހަ މާއްދާ ބޭރުކޮށްލައެވެ. އޭގެ ތެރޭ ސިކުނޑީގައި އުފެދޭ ނުރައްކާތެރި ޕްރޮޓިންވެސް ބޭރުކޮށްލައެވެ. މި ނުރައްކާތެރި ޕްރޮޓީންއަކީ ސިކުނޑީގެ އާއްމު ނިޒާމް ހަލާކުކޮށްލާ ބަލިތަކަށް މަގު ހުޅުވާދޭ މާއްދާއެކެވެ.
ސިކުނޑިން މި ވިހަމާއްދާ ބޭރުކޮށްލަކީ ލޭދައުރު ކުރާ ނިޒާމުގެ ތެރެއަށެވެ. އެހިސާބުން މިމާއްދާތައް އައިސް މޭގަނޑަށް ވާސިލުވެއެވެ. އެތަނުން މިބައިތައް ހަށިގަނޑުން މުޅިންބޭރު ކޮށްލައެވެ.

އެހެންވުމުން ހަމައަށް ނިދި ނުލިބޭނަމަ ސިކުނޑިއަށް ފަސޭހަ ނުވާނެ ބަލިތަކެއް ޖެހިދާނެކަމަށް އަހަރުމެން ގަބޫލުކުރަން އެބަޖެހެއެވެ.
ނިދި މަދުވުމުގެ ސަބަބުން ދޮށީ އުމުރު ނުވަތަ އުމުރުން 60 އަހަރުން މަތީގެ ކޮންމެ ހަ އަންހެންކަނބަލުންގެ ތެރެއިން އެކަކަށް ސިކުނޑީގެ ބަލިޖެހޭކަމަށް ދިރާސާތަކުން ދައްކައެވެ.

މި އުމުރުގެ ފިރިހެނުންނަށް މި ފުރުސަތު އޮންނަނީ ކޮންމެ އެގާރައަކުން އެކަކަށެވެ. އެހެންވީއިރު އަންހެން ކަނބަލުން މިކަމަށް ވަރަށްބޮޑަށް ވިސްނަންޖެހެއެވެ. ހަމަ މިއާއެކު އެކަނބަލުން ވިސްނަންޖެހޭ ކަމަކީ ސިކުނޑީގެ ބަލި ޖެހުމަށް ފިރިހެނުންނަށް ވުރެ އެކަނބަލުންނަށް 2 ގުނަ ފުރުސަތު ބޮޑުކަމަށް ތަހުލީލު ތަކުން ދައްކީތީއެވެ.

ސިކުނޑީގެ ބަލި ނުވަތަ އަލްޒީމާ އަކީ ފަރުވާއެއް އަދި ހޯދިފައި ނުވާ ބައްޔެކެވެ. ވީމާ މިފަދަ ސިކުނޑީގެ ބަލިތަކުން ސަލާމަތް ވުމަށް އަހަރުމެން ހަމަނިދި ހޯދަންޖެހެއެވެ.

އަހަރުމެންގެ މާތް ރާސޫލާ އެކެލޭގެ ފާނުގެ ސަހާބީންނަށް ވެސް ނިދުމަށް ބާރު އަޅުއްވައެވެ. އެކެލޭގެ ފާނު އެބޭކަލުންނަށް ދެންނެވީ “ޢިޝާނަމާދު ނުކޮށް އެއްވެސް ބޭކަލަކު ނުނިދާށެވެ. އަދި ޢިޝާނަމާދަށް ފަހު ވާހަކާއިގައި ނުތިބެ އަވަހަށް ނިދާށެވެ”. އިސްލާމީ ރިވެތި އުސޫލުން އަހަރުމެންގެ ހުރިހާކަމެއް ބައްޓަން ކުރެވޭނަމަ މިފަދަ ގިނަ ބަލިތަކުން ސަލާމަތްކަމާ ރައްކާތެރިކަން ލިބޭނެކަމީ އެއްވެސް ޝައްކެއް އޮތް ކަމެއް ނޫނެވެ.

ރަނގަޅު ސިއްހަތެއްގައި ހުރުމަށް ހަމަ ނިދިނިދާށެވެ. އަހަރުމެން ގެ އާދަކާދަ މިހާރު ބަދަލު ކުރަންއެބަ ޖެހެއެވެ. ސިއްޙަތު ރަނގަޅު މުޖުތަމަޢެއް ބިނާ ކުރުމީ އަންނަން އޮތް ޖީލުތަކަށް އަހަރުމެންގެ މައްޗަށް ވާޖިބަކެވެ.

މި ވާޖިބު އަދާކުރާށެވެ. ރޭގަނޑުގެ އަރާމު ނިދިން މަޙްރޫކޮށް ނުލާށެވެ. އޮފީހުގެ މަސައްކަތްވެސް އެންމެ ފުރިހަމައަށް ކުރުމަށް އަވަހަށް ނިދާ އަވަހަށް ހޭލާ ބަޔަކަށް ވާށެވެ. މުޖުތަމަޢު ބިނާކުރާ ބަޔަކަށް ވާށެވެ.