English Edition
Dhivehi Edition

މިހާރަކަށް އައިސް ނޫސްތަކުގެ ފަލަ ސުރުޚީ ތަކަށް މިއަރަނީ ކުޑަކުދިންނާއި ބަދު އަޚްލާގީ ހަޑި މުޑުދާރު އަމަލު ހިންގާ މީހުންގެ ވާހަކައެވެ. މިއީ ހިތާމަ ކުރަންޖެހޭ ކަމެކެވެ. އަދި މި ކަންކަމުގައި އެންމެ ހީނުކުރާ ގާތް ތިމާގެ މީހުންވެސް ދަނީ ބައިވެރި ވަމުންނެވެ.

މިއީ އިސްލާމީ މުޖުތަމަޢު ތަކުގައި ލަދުގަންނަން ޖެހޭ ވަރުގެ ދެރަކަމެކެވެ. ހަމަ ޔަގީނުންވެސް މިފަދަ ކަންކަމަށް އަރައިގަނެވެނީ އީމާންތެރި ކަމުގެ ކުޑަވެސް މިންވަރެއް ނެތް މީހުންކަން ކަށަވަރެވެ. ބޭރު ފުށުން ވަރަށް ދީނީ މާތް ރަނގަޅު މީހެއްކަމުގެ ހެދުން ލައިގެން އުޅުނަސް ހަގީގަތުގައި މިފަދަ މީހުންނަކީ އީމާންތެރި ކަމުގެ އެއްވެސް ކަންފުޅެއްނެތް މީހުންކަން ކަށަވަރެވެ.

މިފަދަ ކަންތައްތަކުން ސަލާމަތް ވުމަށް މުޅި މުޖުތަމަޢު އެކީ އެކަށް ބައިވެރިވެ މިކަމަށް މިހާރު މިއޮތީ ހަނގުރާމަ ކުރަންޖެހޭ ހިސާބުގައެވެ. މީ އަޅާނުލާ ދޫކޮށްލެވޭނެ ކަމެއް ނޫނެވެ.

މިކަމުން މުޖުތަމައު ސަލާމަތް ކުރުމަށް ހަތިޔާރު ނަގަން އެބަޖެހެއެވެ. މިއީ ހަޤީގަތުގައިވެސް އަނިޔާއެވެ. މި އަނިޔާ ނިމުމަކަށް ގެންނަން ޖެހެއެވެ.
ޖިންސީ ގޯނާ އަކީ ކޮންއެއްޗެއްކަން މުޖުތަމަޢުގެ ގިނަމީހުންނަށް އެގޭ ކަމާމެދު މިހާރު ސުވާލު އުފެދެއެވެ. މިކަމާއި ބެހޭގޮތުން ޤާނޫނުގައި އޮތީ ކޮންއެއްޗެއްތޯ ބަލާލަމާތޯއެވެ.

ނޮވެމްބަރ 12، 2009ގައި ސަރުކާރުގެ ގެޒެޓްގައި ޝާއިއު ކޮށްފައިވާ ޤާނޫން ނަމްބަރ 2009/12 ގެ 3 ވަނަ މާއްދާގެ (ހ) ގައިވަނީ “މީހަކު، ކުޑަކުއްޖެއްގެ ހަށިގަނޑުގައި، ޖިންސީ ނިޔަތެއް އޮވެގެން ގަސްތުގައި އަތްލާފިކަމަށް ވާނަމަ، އެކުރަނީ ކުށެކެވެ.” މިހެންނެވެ.

މިޤާނޫނުގެ 4 ވަނަ މާއްދާގެ (ހ) ގައިވަނީ “މީހަކު، ޖިންސީ ޢަމަލެއްގައި، ކުޑަކުއްޖަކު ބައިވެރިކުރުވައިފިނަމަ، އެމީހަކު އެކުރަނީ ކުށެކެވެ.” މިހެންނެވެ.
މިޤާނޫނުގެ 5 ވަނަ މާއްދާގެ (ހ) ގައިވަނީ “ކުޑަކުއްޖެއްގެ ހާޒިރުގައި، މީހަކު ޖިންސީ ޢަމަލެއް ގަސްތުގައި ހިންގައިފިނަމަ، ނުވަތަ ކުއްޖަކަށް ފެންނާނެގޮތަށް އެޢަމަލު ކޮށްފިނަމަ، ނުވަތަ ކުޑަކުއްޖަކަށް ދެއްކުމުގެ ނިޔަތުގައި، ނުވަތަ ކުޑަކުއްޖަކަށް އެޢަމަލު ފެންނާނެކަމަށް ޤަބޫލު ކޮށްގެން އެޢަމަލު ކޮށްފިކަމަށްވާނަމަ، އެމީހަކު އެކުރަނީ ކުށެކެވެ.” މިހެންނެވެ.

މިޤާނޫނުގެ 6 ވަނަ މާއްދާގެ (ހ) ގައިވަނީ ” މީހަކު، ޖިންސީ ޢަމަލެއް ހިންގަމުންގެންދާތަން ބަލަން، ކުޑަކުއްޖަކަށް މަޖުބޫރުކުރުވައި ފިނަމަ، ނުވަތަ ޖިންސީ ޢަމަލެއް ހިންގަމުންގެންދާ މަންޒަރެއް ނުވަތަ ފޮޓޯއެއް ނުވަތަ ފިލްމެއް ނުވަތަ ފިލްމެއްގެ މަންޒަރެއް ކުޑަކުއްޖަކަށް ދައްކައިފި ނަމަ، ނުވަތަ އެފަދަ ޢަމަލެއް ހިންގާ އަޑު އިއްވައިފިނަމަ، އެމީހަކު އެކުރަނީ ކުށެކެވެ.” މިހުންނެވެ

މި ޤާނޫނުގައި މިކުށްތަކަށް ކަނޑައެޅިފައިވާ އަދަބުވެސް ވަރަށް ބޮޑެވެ. މިދި މިނޫންވެސް ގިނަމާއްދާތައް އެޤާނޫނުގައި އެކުލެވިގެން ވެއެވެ. އެކުށެއްގެ ކުޑަ ބޮޑުމިނަށް ބަލާފައި 10 އަހަރާއި 25 އަހަރާއި ދެމެދުގެ މުއްދަތަށް ޖަލަށްލުމުގެ އަދަބު ކަނޑައެޅިފައެބަ އޮތެވެ. ތިރީގައި އެވާ ލިންކަށް ފިއްތަވާލައްވާފަ ޤާނުނުގައި ބުނާއެއްޗެއް ވިދާޅުވެ ލައްވާށެވެ.

http://www.mvlaw.gov.mv/pdf/ganoon/chapterVIII/12-2009.pdf

މި ނުރައްކާތެރި ވަބާއިން ސަލާމަތް ވުމަށް ދީނީ ގޮތުންނާއި އެހެނިހެން ގޮތްގޮތުން މީސްތަކުން މިހާރަށްވުރެ ބޮޑަށް ހޭލުންތެރިކަން އިތުރު ކުރެވެން އެބަޖެހެއެވެ.
އެންމެ ފުރަތަމަވެސް މިފަދަ ކަމެއް ހިނގާކަމަށް އަމިއްލަ ނަފްސަށް ޤަބޫލު ކުރެވޭ ހިނދުން ފެށިގެން އަޑު އުފުލަން އެބަޖެހެއެވެ.

ގިނަ ފަހަރު މިވާ ގޮތަކީ މިފަދަ ކަންތައްތަކަށް ގިނަމީހުންނަށް އަޅާނުލެވެނީއެވެ. އެއީ މާބޮޑުކަމަކަށް ނަހަދާ ހަނދާން ނައްތާލަނީއެވެ. ނަމަވެސް މިފަދަ ކަމަކަށް ކިރިޔާވެސް ހިތުގައި ޝައްކުކަމެއް އުފެދޭ އިރަށް މަސައްކަތްކުރެވޭނަމަ އެކުދިންނަށް ރައްކާތެރި މާހައުލެއް ޤާއިމު ކުރެވިދާނެ އެވެ.
* ޝައްކު އެފެދި ދާނެ ބައެއް ހާލަތްތައް:

• އެއްބަނޑު ނުވަތަ ތިމާގެ މީހަކު މާގިނައިން ކުދިންނާ ދިމާލަށް ނަޒަރު ހިންގުމާއި އަދި އެކުދިން ހެދި ބޮޑުވަމުންދާ ގޮތާމެދު މާބޮޑަށް އަޅާލާ އެވާހަކަ ދެއްކުން.
• ދަރިއަކު ނެތް ނުވަތަ އަޅާލާނެ މީކު ނެތް މީހަކު މާ ގިނައިން ކުދިން އެގެއަށް އައުމަށް ދައުވަތުދީ އެއްޗެހި ބަހާހެދުން.
• ފުރާވަރަށް އަރާ ދަރިފުޅު އޭނަގަ ގާތް ރައްޓެހިންނާ ދުރުވާން އުޅުމާއެކު އޭނައަށްވުރެ މާ ހަނގު ކުދިންނާއެކު އުޅެން ފެށުން.
• ޅިޔަނުން ނުވަތަ ގެއަށް އަންނަ އެހެންމީހުން ފެނުނީމާ ޖެހިލުންވެ ބިރުގަނެ އެމީހުން އުޅޭތަނުން ދުރަށްދާން އުޅުން ނުވަތަ މާބޮޑަށް މަޑުމައިތިރިވެ އަގައިން ނުބުނެ ހުރުން.

މިނޫން ވެސް ކިތައްމެ ޙާލަތްތަކެއް ހުރެދާނެއެވެ. އެހުރިހާ ހާލަތަކަށް ވިސްނަން ޖެހެނޭ އެވެ.

ބައެއް ފަހަރު ގެޔަށް ވަދެ އުޅޭ ރައްޓެހި ކުދިންނާ މާބޮޑަށް ސަމާސާކޮށް ގަޔަށް އަތްލައި ހަދާއިރު އެކަން މާ ބޮޑުކަމަކަށް ނަހަދާ އަހަރުމެނަށް ވަރަށް ގިނަފަހަރު ދޫކޮށްލެވެއެވެ.

އެ މީހުން މަޖަލަކަށް އެކުދިންނާ ދިމާލަށް ބުނެލާ އެއްޗަކަށް އަހަރުމެން މާބޮޑަށް ސަމާލު ކަމެއް ނުދެމެވެ. އަދި އެފަދަ މީހުން އެއްވެސް މުހިއްމު ހަފްލާއެއް ނެތްކަމުގައި ވިޔަސް އެކިއެކި ހަދިޔާދީ އަދި ލާރި ދީއުޅޭނަމަ އެއީ ސަމާލްވާންޖެހޭ ކަމެކެވެ. މިކަލަ ހާލަތްތައް ދިމާ ވުމުން ކުދިންނާ ގިނައިން ވާހަކަ ދައްކާ އެކަން އޮޅުން ފިލުވަން މަސައްކަތް ކުރަންޖެހެއެވެ.

ކުދިން ބައެއް ފަހަރު އުޅޭގޮތުން އެކުދިންގެ އެއުޅުމަކީ އާދައިގެ ދިރިޅުން ކަމުގައި ގިނަ ފަހަރު އަހަރުމެންނަށް އޮންނަނީ ޤަބޫލު ވެވިފައެވެ. އަކަމަކު އަބަދުވެސް ކުދިންގެ އުޅުމަށް އަންނަ ތަފާތު ބަދަލުތަކާއި އަދި އެކަން އެދިމާވާ ސަބަބު ހޯދަން މަސައްކަތް ކުރަންޖެހެއެވެ.
އާއިލާތެރޭގައި އުޅޭއިރު އެކުދިން ރައްކައުތެރިވާންޖެހޭ ކަންތައްތައް ކިޔައިދޭށެވެ.

އެކުދިންގެ ޒާތީ ދިރިއުޅުމުގެ ހުދޫދު އެކުދިންނަށް ބުނެދީ އެހުދޫދު ތެރެއަށް އެއްވެސް އެހެން ފަރާތަކަށް ވަދެވެން ނުޖެހޭނެކަމަށް ވިސްނައިދޭށެވެ. އަދި ކިތަންމެ ގާތްތިމާގެ މީހެއްކަމުގައި ވިޔަސްވެސް އެ ހުދޫދު ފަހަނަޅައި ދެވިގެން ނުވާނެކަމަށް ވިސްނައިދީ އެކަން އެކުދިންގެ އުޅުމުގައި ހަރުލައްވާށެވެ.

ކުދިންގެ އުޅުން ބަދަލު ވެގެންދާކަމަށް ކިރިޔާވެސް ޝައްކު އުފެދޭނަމަ ގެޔަށް ވަދެ އުޅޭމީހުނާއި އަދި ގޭގައި އުޅޭމީހުންގެ ހަގިގަތް ހޯދުމަށް ގާތް މީހުންނާއި މަޝްވަރާ ކުރާށެވެ. ފުރަތަމަ މިކަމަށް އުނދަގޫ ވެދާނެއެވެ. ނަމަވެސް ދޫކޮށްނުލައި އެހެންގޮތްތަކުންވެސް މަސައްކަތްކޮށް ހަޤީގަތް ހޯދާށެވެ. އަދި އެއީ ކާކުކަން ރަނގަޅަށް ދަނެގަންނާށެވެ. ގިނަ ފަހަރު ކުދިން މަންމަމެންނާއި ކަންތައްތައް ޙިއްސާކުރަން ޖެހިލުން ވެއެވެ. ވީއިރު އަބަދުވެސް ކުދިންނާ ގާތްގުޅުމެށް ބާއްވައި އެފަދަ ކަންތަކާއި ވާހަކަ ދެއްކޭނެ ދޮރެއް ހުޅުވައިފަ ބާއްވާށެވެ. އޭރުން އެކުދިންނާއި ވާހަކަ ދައްކައި އެކަންތައްތައް އިސާހިތަކު ހައްލު ކުރެވިދާނެއެވެ.

މިކަހަލަ ކަމަކަށް ވާހަކަ ދެއްކުމުގެ ކުރިން ދުރާލާ މިކަމަށް ތައްޔާރުވާށެވެ. މުހިއްމުނޫން ވާހަކަ ދެއްކުމުން ދުރުހެލިވާށެވެ. ހަނދާން ކުރަން ޖެހޭކަމަކީ މިކަހަލަ ވާހަކަ ފުރަތަމަ ދައްކަން ކޮންމެ މީހަކުވެސް ފަސްޖެހޭނެކަމެވެ.

މިކަމަށް ވާހަކަ ދެއްކުމަށް އަމިއްލަ ނަފްސު ތައްޔާރު ކުރުމަށް ފުރަތަ ބޭނުންވާ މުހިއްމު ސުވާލު އަމިއްލަ ނަފުސާކުރާށެވެ. ކުރީކޮޅު މިކަމަށް ވަރަށް ޖެހިލުންވާނެއެވެ. އަމިއްލައަށް މިސުވާލުތައް އަޑުއަހަން ފަސޭހަވާވަރަށް ތަމްރީނުވާށެވެ. އޭރުން އެހެންމީހުންނާ ސުވާލުކޮށް ހަގީގަތް ހޯދުމަށް ފަސޭހަވާނެއެވެ.

ކޮންމެ ކަމަކަށްވެސް އެކަމަށް ކުރުމަށް ބޭނުންވާ ސާއަތާއި ތަން އޮންނަ އުސޫލުން މިފަދަ ކަމަކަށް ކުރިމަތިލާއިރުވެސް ސާއަތާއި ތަން ކަނޑައަޅާށެވެ. ރަނގަޅު ސާއަތެއް ނެތި ވާހަކަ ފަށައިގަތުމުން ދެރަގޮތެއްވެސް ދިމާވުން ވަރަށް ކާއިރި ވާނެއެވެ. މިއީ ވަރަށް ބޮޑަށް ބަލަން ޖެހޭކަމެކެވެ.
ދަރިން ބަލައިބޮޑު ކުރުމަކީ މައިންބަފައިންގެ މައްޗަށް ދީނީ ވާޖިބަކެވެ.

އެކުދިންގެ ހައްޤުތައް އެކުދިންނަށް ކަށަވަރު ކޮށްދޭން ޖެހޭނެއެވެ. މައިން ބަފައިންނަށް ގިނަފަހަރު މި ހީވަނީ ކުދިންރަނގަޅު ސިއްޙަތެއްގައި ބޮޑުކޮށް، ކިޔަވަން ފޮނުވުމުން ނިމުނީ ކަމަށެވެ. މީ މައިން ބަފައިން ކުރަން ޖެހޭކަމެކެވެ. މިއާއެކުއެކީ އެކުދިންގެ އިތްފަތް ރައްކާކޮށް ބޮޑުކުރުމަކީ ވެސް މައިން ބަފައިންގެ ޒިއްމާއެކެވެ.
މައިން ބަފައިންގެ މާލީ ތަނަވަސްކަން ނެތްކަމުގައި ވިޔަސް އިތްފަތްތެރިކަމާ އެކު އެކުދިން މުޖުތަމަޢުއަށް ނެރުމަކީ އެމީހުންނަށް ވާޖިބު ކަމެކެވެ. ފަހަރުގައި ޙާލަތު ނިޔާކުރާ ގޮތުން އެކަށީގެންވާ މަތީ ތަޢުލީމު ހޯދައި ނުދެވިދާނެ އެވެ.

އެއީ ކުއްޖާ އަދި މުޖުތަމަޢުއިން އެކަހެރި ވުމެއް ނޫނެވެ. ނަމަވެސް އިތްފަތްތެރިކަން ގެއްލިއްޖެނަމަ މީހުންގެ ނަފުރަތާ އެކުދިން ތާއަބަދު ހަނގުރާމަ ކުރަން ޖެހިދާނެއެވެ. ރަނގަޅަށް ކައިގެން އަދި އަންނައުނު ލައިގެން ހުރިކަމުގައި ވިޔަސް އެކުދިންގެ ދިރިއުޅުން ވެގެންދާނީ ކަށިކެޔޮގަސްތަކެއްގެ ތެރޭ ތާއަބަދު އުޅުންފަދަ ކަމަކަށެވެ.

ވީއިރު ތިމާގެ އަމިއްލަ އުފަލައްޓަކާއި އެކުދިންގެ ހައްޤު ކަތިނުލާށެވެ. ކުދިންގެ ހައްޤުގައި މިކަމަށް އަޑުއުފުލާށެވެ. ތެދުވާށެވެ. ކިރިޔާވެސް ކަމެއް ވާންއުޅޭކަން ހީވާނަމަވެސް ފެމިލީ އެންޑް ޗިލްޑްރަން ސާވިސް ސެންޓަރުތަކަށް ރިޕޯޓްކުރާށެވެ.