English Edition
Dhivehi Edition
ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީގެ ބައްދަލުވުމުގެ ތެރެއިން --- ފޮޓޯ/ މަޖިލިސް

ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ގެ ފަސް މެންބަރެއްގެ މައްސަލަ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުﷲ ދީދީ ފުލުހުންނަށް ހުށަހަޅައިފިއެވެ.

މައުލޫމާތު ލިބޭގޮތުގައި ފަނޑިޔާރު ދީދީ ފުލުހުންނަށް ހުށަހެޅުއްވީ ޖޭއެސްސީގެ މެންބަރުން ކަމަށްވާ، މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދާއި، މަޖިލީހުގެ މެންބަރުންގެ ތެރެއިން ޖޭއެސްސީއަށް އައްޔަން ކުރި ތުޅާދޫ ދާއިރާގެ މެންބަރު ހިސާން ހުސައިނާއި، އެޓާނީ ޖެނެރަލް އިބްރާހީމް ރިއްފަތާއި، އިތުރު ދެ މެންބަރުންގެ މައްސަލައެވެ.

ފަނޑިޔާރު ދީދީ ފުލުހުންނަށް މައްސަލަ ހުށަހެޅީ އަދުލްއިންސާފު ގާއިމް ކުރުމަށް ޖޭއެސްސީގެ ފަސް މެންބަރުން ހުރަސް އެޅިކަމަށް ވިދާޅުވެއެވެ. ފަނޑިޔާރު ދީދީ އެދިފައި ވަނީ އެ ފަސް މެންބަރުންގެ މައްސަލަ ފުލުހުން ބައްލަވައި ދެއްވާ އެބޭފުޅުންގެ މައްޗަށް ދައުވާ ކޮށްދިނުމަށެވެ.

ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުﷲ ދީދީ ޖޭއެސްސީގެ ފަސް މެންބަރަކާއި ގުޅޭގޮތުން ފުލުހުންނަށް ރޭ ސިޓީއަކުން މައްސަލަ ހުށަހަޅުއްވާފައި ވާކަމަށް ފުލުހުން ވަނީ ބުނެފައެވެ. އަދި ފުލުހުން ދަނީ އެ މައްސަލައަކީ ޖިނާއީ ތަހުގީގު ކުރަން ޖެހޭ ބާވަތުގެ މައްސަލައެއްތޯ ބެލުމަށް މައްސަލަ ދިރާސާކޮށް ބަލަންޖެހޭ ކަންކަން ބަލަމުން ކަމަށް ވެސް ވަނީ ބުނެފައެވެ.

މިފަސް ބޭފުޅުންނަކީ ފަނޑިޔާރު ދީދީ ސަސްޕެންޑް ކުރަން ޖޭއެސްސީ އިން ނިންމި ނިންމުމަށް އަމަލުކުރުން މަޑުޖައްސާލަން ސުޕްރީމް ކޯޓުން އަމުރު ކުރުމުން އެއަމުރު ގަބޫލު ނުކުރާނެ ކަން އިއުލާން ކުރުމަށް ޖޭއެސްސީގައި ވޯޓް ދެއްވި ބޭފުޅުންނެވެ.