English Edition
Dhivehi Edition

ކުޑަކުދިންނަށް ކުރެވޭ އެކި ކަހަލަ އަނިޔާތަކާ އިހުމާލުގެ އަޑު މިދަނީ މުޖުތަމަޢުގައި ގަދަވަމުންނެވެ. އެކުދިންގެ ކަރާމާތް ނަގާލައި އެ ކުދިންނާ މެދު ނޭދެވޭ އެތައް އަނިޔާއެއް ކުރެވި އެފަދަ ބައެއް ކުދިންގެ މުޅި ދިރިއުޅުން ބަނަކޮށްލެވޭ ވާހަކައަކީ މިއަދު އައު ވާހަކައެއް ނޫނެވެ. މިފަދަ އަނިޔާތަކުން އެ ކުދިން ސަލާމަތްކޮށް އެފަދަ ކުދިންނަށް ސަލާމަތުގެ އައްސޭރިއެއް ހޯދައި ދެވޭނެ ބަޔަކީ ހަމަ ބޮޑެތި މީހުންނެވެ.

ޝައްކެއް ވެސް ނެތް ގޮތުގައި ދަރިންނަކީ މާތްﷲ އަޅުގަނޑުމެންނާ ޙަވާލުކުރައްވާފައިވާ އަގުހުރި އަމާނާތެކެވެ. އިންސާނާ އެކަމަށް ﷲ ތަޢާލާގެ ޙަޟްރަތުގައި ޖަވާބުދާރީވާންޖެހޭނެ އަމާނާތެއް ވެސް މެ އެވެ.

އެހެން ނަމަވެސް އެ އަމާނާތަށް އަޅުގަނޑުމެންގެތެރެއިން ބައެއް މީހުން ޚިޔާނާތްވެ އަޅުގަނޑުމެންގެ ޅަދަރިންގެ މުޅި ދިރިއުޅުން ބަނަކޮށް ވެއްޔާ މޮޑެލަނީ އަޅުގަނޑުމެންގެ އަމިއްލަ އަތުންނެވެ. ނޫންނަމަ އަޅުގަނޑުމެންގެ ހާޒިރުގަ އެވެ. ނުވަތަ އަޅުގަނޑުމެންނަށް އެނގި އެކަމުގައި އަޅުގަނޑުމެންގެ ބައިވެރިވުން އޮވެގެންނެވެ.

ފަހަކަށް އައިސް ރާއްޖޭގައި ކުޑަކުދިންނަށް ކުރެވޭ ޖިންސީ އަނިޔާ އާއި އެކުދިންނަށް ޖިންސީގޮތުން ގޯނާކޮށް ފުރައްސާރަ ކުރުން މިވަނީ މިއިން ދުވަހަކު ވެސް އިތުރުނުވާ ވަރަށް އިތުރު ވެފައެވެ. ފުލުހުންނަށް ހުށަހެޅޭ މިފަދަ މައްސަލަތަކުގެ ތަފާސް ހިސާބަށް ބަލާއިރު ކަންބޮޑުވާ ވަރަށް މިފަދަ މައްސަލަތައް އިތުރުވަމުންދާކަން ދަނީ ކަށަވަރު ވަމުންނެވެ.

ކޮންމެ ހަފްތާއެއް ނިމިގެންދާއިރު ރާއްޖޭގެ އެކި ސަރަޙައްދުތަކުން ކުޑަކުދިންނަށް ޖިންސީ ގޯނާކުރުމާ ޖިންސީ އަނިޔާ ކުރުންފަދަ އަޚްލާޤީ ގޮތުން ދަށު ދަރަޖައިގެ މައްސަލަތައް ދަނީ ހުށަހެޅެމުންނެވެ. އެއަޑު މުޅި މުޖުތަމަޢުގައި އޮންނަނީ ގުގުމާލާފައެވެ.

ކުޑަކުދިންނަށް ކުރާ މިފަދަ އަނިޔާގެ މައްސަލަތަކަށް ބަލާއިރު އެންމެ ކަންބޮޑުވާންޖެހެނީ އެކުދިންނަށް މިފަދަ ނޭދެވޭ އަނިޔާދީ ނުބައި ފާޙިޝް ޢަމަލު ހިންގަނީ އެކުދިންނާ ޢާއިލީ ގޮތުން ގާތް ގުޅުމެއް އޮންނަ މީހަކު ނުވަތަ އެކުދިންގެ އަވަށްޓެރިއަކު ކަމެވެ. އެހެން ނޫންނަމަ އެކުދިން އެބައެއްގެ ބަސް ޤަބޫލު ކުރަން ޖެހޭ އިތުބާރު ހުރި ކޮންމެވެސް ރައްޓެއްސަކު ނުވަތަ ހަރު މީހަކު ކަމެވެ. ނޫނީ އެކުދިންގެ މައިންބަފައިންނާ ކާފަ މާމައިން ނުވަތަ ބޭބެއިންގެ ތެރެއިން މީހަކު ކަމެވެ.

މިއީ ކޮޅުން ނެތްކޮޅަށް ހިތާމަކުރަންޖެހޭ ކަމެކެވެ. ތުއްތު ކުދިންނާ، ކުޑަކުދިންގެ ޙިމާޔަތުގައި އެކުދިންނަށް ރައްކާތެރިކަމާ އޯގާތެރިކަމާ ލޯބިދޭންތިބޭ މީހުން ވެގެން މިދަނީ އެކުދިންނަށް ހުރި ބޮޑު އަނިޔާ އަކަށެވެ. އެކުދިންގެ މުޅި މުސްތަޤުބަލް އަންދައި އަޅިޔަށް ހަދާ މީހުންނަށެވެ.

އެހެންކަމުން ކުޑަކުދިންނަށް ކުރާ އަނިޔާތައް ހުއްޓުވުމަށް ޤައުމީ ފެންވަރުގައި ޚާއްޞަ މަސައްކަތްތަކެއް ކުރަން ފަށަންވީ ވަގުތު މިވަނީ ޖެހިފައެވެ. ކުޑަކުދިންނަށް މިފަދަ ނޭދެވޭ އަނިޔާ ލިބޭ ސަބަބު ކަމާބެހޭ އިދާރާތަކުން ދެނެގަނެ އެކަންކަން އިޞްލާޙްކޮށް އެކަންކަން ފާލަށް އެޅުވުމަށް ހުރިހާ ފަރާތްތަކުން އަތުކުރި އޮޅާލައި މަސައްކަތް ކުރަންވީ ވަގުތު މިއޮތީ ޖެހިފައެވެ. ހޭލުންތެރިކަމުގެ ޕްރޮގްރާމްތައް އެކުދިންގެ ޙިމާޔަތުގައި ހިންގަންވީއެވެ.

އެ ކުދިންނަކީ ހުރިހާ ގޮތަކުންވެސް ރައްކައުތެރިކަން ކަށަވަރު ވެފައިވާ ބަޔަކަށް ހެދުމަށްޓަކައި ކުރަންޖެހެނީ ކޮން ކޮން މަސައްކަތްތަކެއްތޯ ބަލައި އެކަންކަން ކުރަން ފަށަން ވީ އެވެ.

މިފަދަ އަނިޔާވެރި ޢަމަލު ހިންގާ ފަރާތްތަކަށް ޤާނޫނީ ގޮތުން ބޮޑެތި އަދަބު ލިބުނަސް މިކަން ހުއްޓުމުގެ ބަދަލުގައި މިފަދަ ނުރައްކާތެރި ކަންކަން ދުވަހުން ދުވަހަށް ގިނަވެ އިތުރުވެގެންދާއިރު އެކަން ހުއްޓުވޭނެ އެހެން ހަރުދަނާ ގޮތްތަކެއް ހޯދައި އެމަސައްކަތް ނުފަށައިފިނަމަ ސައްތައިން ސައްތަ މުސްލިމް މިދިވެހިރާއްޖެ އަކީ ކުޑަކުދިންނަށް އިހުމާލުވެ އެކުދިންނަށް އަނިޔާ ކުރުމުގެ ރެކޯޑްއޮތް ޤައުމަކަށް ވުމަކީ ދުރުގައި އޮތް ކަމެއް ނޫނެވެ.

އެހެންކަމުން އެކަމަށް ޙައްލެއް ހޯދަން ފަރުދީ ފެންވަރުގައާއި ޖަމާޢަތުގެ ފެންވަރުގައާއި ރަށު ފެންވަރުގައި އަދި ޤައުމީ ފެންވަރުގައި ހަލި ފިޔަވަޅުތަކެއް އަޅައި އިޚްލާޞްތެރިކަން އިތުރުކުރަން މިވަނީ މަޖުބޫރު ވެފައެވެ.

އެގޮތަށް މަސައްކަތް ނުކޮށް، މިނުރައްކާތެރި ވަބާ އަޅުގަނޑުމެންގެ ޤައުމުން ފުހެވިގެން ދިއުމަކީ ވާނެ ކަމެއް ނޫނެވެ. ހަމަ އެހެންމެ މިކަމަށް އަވަސް ފިޔަވަޅުތަކެއް ނާޅައިފިނަމަ ޤައުމުގެ އިސް ސަފުގައި ޙަރަކާތްތެރިވާން ތިބި އެތައް ކުދިންނެއް އަޅުގަނޑުމެންގެ އަތުން ބީވެގެންދާކަށް މާގިނަ ވަގުތެއް ނުނަގާނެ އެވެ.

އެހެން އެކަން ވެއްޖެނަމަ އަޅުގަނޑުމެންގެ އަތުން ދޫވެގެންދިޔަތަން އަތުލައިގަތުމަކީ ފަސޭހަ ކަމަކަށްވެސް ނުމެވާނެއެވެ. އެހެންކަމުން އަޅުގަނޑުމެން ގަދަ ހިތްވަރާއެކު އެންމެ އަތުކުރި އޮޅާލައި އެކުދިންގެ ޙައްޤުގައި މަސައްކަތް ފަށަމާހެއްޔެވެ. އަޅުގަނޑުމެން ނުކުރި މަސައްކަތެއް އެހެން މީހަކު ނުކުރާނެކަން ކަށަވަރެވެ.

ކީރިތި ﷲ އަޅުގަނޑުމެން އިޚްލާޞްތެރިކަމާއެކު ހެޔޮ ނިޔަތުގައި ކުރާ ކަންކަން ބައްލަވާ ވޮޑިގެން އަޅުގަނޑުމެންގެ ކުދިންގެ ރައްކާތެރިކަމަށް ކުރާ މަސައްކަތުގައި ހެޔޮ ތައުފީޤް ދެއްވާނެއެވެ. އަޅުގަނޑުމެން އެންމެން އެކަތިގަނޑަކަށްވެ، މި ރާއްޖޭގެ ކުޑަކުދިންނަށް މިއަދު ކުރިމަތިވަމުން މިއަންނަ ނުރައްކަލުން އެކުދިން ސަލާމަތް ކުރުމަށް ކުރެވޭ މަސައްކަތަށް އެކަލާން މަދަދާ ކާމިޔާބީ ދެއްވާނެ އެވެ. މާތްﷲ އަޅުގަނޑުމެން އެންމެންގެ މަސައްކަތުގައި ހެޔޮ ތައުފީޤް ދެއްވައި މިރާއްޖޭގެ ކުޑަކުދިންނަށް އަބަދުގެ ރައްކާތެރިކަން ދެއްވާށި އެވެ.

* އެޑިޓަރުގެ ނޯޓް: މިއީ ފުލުހުންގެ ވެބްސައިޓް “ޕޮލިސް ލައިފް” ގައި ޝާއިއުކޮށްފައިވާ ލިއުމެކެވެ. ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރާ މައްސަލަ އައްޑޫގައި ވެސް ހިނގަމުންދާތީ، ކިއުންތެރިންގެ މައުލޫމާތު މުއްސަނދި ކުރުމުގެ ބޭނުމުގައި މި ނޫހުގެ ކިއުންތެރިންނާ ހިއްސާކޮށްލީ އެވެ.