English Edition
Dhivehi Edition

ދިވެހިންނަކީ އަބަދުވެސް ރޯދަ އަށް ވަރަށް ބޮޑަށް ތައްޔާރުވާ ބައެކެވެ. ގޯތި ތެރެ ސާފު ކުރުމާއި، މުޅި ގޭގެ ކުލަ ބަދަލު ކުރުމާއި ބަދިގެއަށް އާ ސާމާނު ގަނެ ތައްޔާރު ވުމަކީ ވަރަށް ފޯރި އާ އެކު ހުރިހާ ދިވެހިން ވެސް ރޯދައަށްޓަކައި ކުރަމުން އަންނަ ކަންތައްތަކެވެ. މި މަހުގެ 18 ވާ ބުރާސްފަތި ދުވަހަކީ ރޯދަ މަހުގެ ފުރަތަމަ ދުވަހަށް ވާނެ ކަމަށް އެންމެން މިތިބީ އިންތިޒާރުކޮށްގެންނެވެ.

މީގެ ކުރިން މަގަށް އައު ވެލި ލުމާއި މެދުވައްޗަށް ބޮޑުވެލިލާ ޒީނަތްތެރި ކުރާނެއެވެ. މިހާރުވެސް އައްޑޫގައި މީ ފެންނަމުންދާ މަންޒަރެވެ. ނަމަވެސް ވެލި ހޯދަން މިހާރު އޮންނަނީ ވަރަށް އުނދަގޫވެފަ އެވެ.

މިހާރު ގޮނޑުދޮށުން ވެލި ނެގުމަކީ ޤާނޫނީ ކުށަކެވެ. އެއީ އަހަރުމެންގެ ނާޒުކު ތިމާވެށި ހިމާޔަތް ކުރުމަށެވެ. މިހެން ކަންހުރި ކަމުގައި ވިޔަސް މެދުވައްޗަށް އަޅާ ބޮޑު ވެލި ނުލިބޭނަމަ އައްޑޫ އަންހެން ކަނބަލުން އެއްގޮތަކަށްވެސް ހިތްހަމަޖެހޭ ކަމަކަށް ނުވެ އެވެ.

މެދުވަތިތަކުގައި ބޮޑުވެލި ބަސްތާ މިހާރު ހުރީ ކޮންމެވެސް ވަރަކަށް ޖަމާކޮށްފައެވެ. މިކަން ކޮންމެވެސް ސިފައެއްގައި ނުކުރެވޭނަމަ ރޯދަ އަންނަކަމަކަށް އައްޑޫ މީހުންނަށް ޤަބޫލު ނުކުރެވެއެވެ.

ދެން އޮތީ މާހެފުމަށް ތައަޔާރުވެ މޫދަށް އެރެން ދިއުމެވެ. މީ ރާއްޖޭގެ ހުރިހާ ހިސާބެއްގައި ކަހަލަ ގޮތަކަށް ތަކުރާރު ވަމުންއަންނަ އާދަކާދައެކެވެ.

ރޯދ
ނަމަވެސް ހުރިހާ ބޭފުޅުން ހަޤީގީ ރޯދައަށް ތައްޔާރު ވެއްޖެތޯ އެވެ؟ މިކަމަށް ކޮންމެވެސްވަރަކަށް ބަލާލަމާތޯ އެވެ؟

ރޯދަ މަހަކީ އަހަރަކު އެއްފަހަރު ކޮންމެ މުސްލިމަކަށް ކަށަ ކުޅަދުންވަންތަ މާތްﷲ އާއި ކުއްތަން ވުމަށް ލިބޭ ރަނުގެ ފުރުސަތަކެވެ. އެތައް ސަވާބެއް ލިބިގެންދާނެ މަހެކެވެ. ޢިލްމު ވެރިން ބުނާގޮތުގައި ރޯދަ މަސް އައުމުގެ ދެ މަސް ކުރިން ރޯދައަށް ތައްޔާރުވެ ރޯދައިގެ ފުރިހަމަ ދަރުމައާއި ސަވާބު ހޯދޭ މީހަކީ ބާއްޖަވެރި އެވެ.
ރޯދައިގެ ދަރުމަ އާއި ސަވާބު ހެޔޮ ގޮތުގައި ލިބިގަތުމަށް އަހަރުމެން ކުރިއަށް ރާވާ ތައްޔާރުވާން އެބަ ޖެހެ އެވެ.

ޚާއްސަކޮށް އަހަރުމެންގެ ދިރިއުޅުމުގައި ހަރުލާފައި ހުރި ބައެއް އާދަތަކާއި ރޯދަ މަހު ދުރުހެލިވާން އެބަ ޖެހެ އެވެ.

ރޯ

ސޯޝަލް މީޑިއާކީ މިހާރު އެންމެން ވެސް ވަރަށް ފަރިތަ އެއްޗެކެވެ. ނަމަވެސް މީގެ ސަބަބުން ކިތައް ވަގުތެއް ބޭކާރުވެގެން ދާކަން މި ބޭނުން ކުރާ އެއްވެސް މީހަކު އިޙްސާސް ނުކުރެ އެވެ. ހަޤީގަތުގައި ވެސް ވަރަށް ގިނަ ވަޤުތު ބޭކާރުވެއެވެ. ރޯދަ ހިފައިގެން ތިބޭ ވަގުތު ވަރަށް ގިނަ މީހުން ވަރުބަލިކަން އިޙްސާސްވެ ފޫހިވާގޮތް މެދުވެރިވެއެވެ. އަދި އޮފީސް ތަކުގައި އުޅޭ މީހުންނަށް އޮފީސް މަސައްކަތަށްވެސް އެހާ ވަރަށް ސަމާލުކަން ނުދެވި ފޫހިވާ ގޮތް ދިމާވެ އެވެ.

މިފަދަ ހާލަތުގައި ކޮންމެ ބޭފުޅަކަށްވެސް މި ދެވެނީ ސޯޝަން މީޑިއާ ދިމާލަށެވެ. ނަމަވެސް ރޯދަމަހު މިލިބޭ ހުސް ވަޤުތުގެ ބޭނުން ހެޔޮކަމެއްގައި އުޅެވޭނަމަ ސަވާބާއި ދަރުމަ އެތައް ގުނައެއް އިތުރު ވެގެން ދާނެއެވެ. މި ގޮތުން އޮފީހުގެ މަސައްކަތު ގަޑީގައި ފޫހިވާ ނަމަ ފުރަތަމަ ކުޑަކޮށް ތެދުވެ ހިނގާލައި ހަދާށެވެ. ހިނގާ ވަގުތު ޒިކުރު ކުރާށެވެ. ދެން ފޫހިވެލީމާ އިސްލާމީ ކޮންމެވެސް އާޓިކަލްއެއް ކިޔާލާށެވެ.

ކޮންމެ ކަމެއްގައި ވެސް އެހެން މީހުންގެ އެހީތެރިކަމާއި ލަފާ ހޯދުމަކީ ކަންކަން ކުރުމުގައި ކާމިޔާބަށް ވާސިލް ވުމަށް އެޅޭނެ ވަރަށް މުހިއްމު ފިޔަވަޅަކެވެ. މިހާރަކަށް އައިސް ގިނަ ޒުވާނުންނަކީ އޮންލައިން ގޭމާއި އަދި ގިނަ ކުޅިވަރު ތަކުގައި ބައިވެރިވެ ރޯދަމަހުގެ އަގުހުރި ވަގުތު ނަގާލެވޭ އާދަ ހަރުލާފައިވާ ބައެކެވެ. ނޭދެވޭ މިފަދަ އާދަކާދަތަކުން ދުރުހެލިވެފައިވާ މީހުންނާ ބައްދަލުކޮށް އެމީހުން އެފަދަ ކަންތައްތަކުން ދުރުހެލިވިގޮތް އޮޅުން ފިލުވާށެވެ.

އޭރުން މިކަމުގައި ތިމަންނަ އެކަނި ނޫންކަން އިޙްސާސް ކުރެވޭނެ އެވެ. އަދި މިކަންތައްތަކުން ދުރުހެލިވެ މާތްﷲ ގެ އިރާދަފުޅުން ހެޔޮގޮތުގައި އުޅުމުގެ ފުރުސަތު ތަނަވަސްވާނެ އެވެ.

މިދިޔަ ރޯދަމަހުގެ ކަންތައްތަކަކީ ދުރު ހަނދާން ތަކެކެވެ. ނަމަވެސް ކުޑަކޮށް ވިސްލުމުން އަހަރުމެންނަށް އުޅެވުނު ގޮތް ހަނދާންވާނެއެވެ. އަހަރުމެންނަށް އަޅުކަންތަކާއި ދުރަށް ގޮސް ހޭދަ ކުރެވުނު ވަގުތާއި އަދި މެދުވެރިވި ނޭދެވޭ އާދަކާދަ ހަނދާނަށް ގެންނާށެވެ. ދުރާލައި މިފަހަރުގެ ރޯދައަށް ފުރިހަމައަށް ތައްޔާރު ވެވޭތޯ ބަލާށެވެ. މާތް ﷲ ގެ ހެޔޮ ރަހުމަތާއި މަދަދާ އެކު މިފަހަރުގެ ރޯދަ ހެޔޮ ގޮތުގައި ނިންމާ ލެވޭތޯ ކުރިއަށް ރާވާ ކަންކަން ފުރިހަމަ ކުރާށެވެ. ގިނަގުނަ ސަވާބު ލިބިގަންނާށެވެ.

މި ފަހަރުގެ ރޯދަ މަހަކީ އެންމެނަށް ދަރުމައާއި ސަވާބު ގިނައިން ލިބޭނެ މަހެއްގެ ގޮތުގައި މާތް ﷲ މިންވަރު ކުރެއްވުން އެދި ދުޢާ ކުރަމެވެ. އާމީން