ރާއްޖެއިން އަދީބަށް ފަރުވާއެއް ދެވޭކަށް ނެތް – ނަޝްވާ
4 މަސް ކުރިން
ޝާން މުޙައްމަދު

ރާއްޖޭގައި ބަހައްޓައިގެން އަދީބަށް ފަރުވާއެއް ދެވޭކަށް ނެތް ކަމަށާއި އަދީބުގެ ލޮލުގެ ފެނުން އެއްކޮށް ގެއްލިދާނެ ކަމުގެ ބިރު އެބަ އޮތް ކަމަށް އަދީބުގެ އަނބިކަނބަލުން މަރިޔަމް ނަޝްވާ ވިދާޅުވެއްޖެ އެވެ.

ނަޝްވާ ވިދާޅުވީ ހުރިހާ ޑޮކްޓަރުން ވެސް ވަނީ ވީއެންމެ އަވަހަކަށް ރާއްޖެއިން ބޭރަށް ގޮސް ލޮލަށް ފަރުވާ ހޯދުމަށް ލަފާ ދެއްވާފައި ކަމަށެވެ.

Advt

Advertisement

އަދީބުގެ ލޮލަށް ސީރިއަސް ސިއްހީ މައްސަލައެއް ކަމަށްވާ ގްލައުކޯމާ ޖެހިފައިވަނީ މީގެ އަހަރުތަކެއް ކުރިންނެވެ. އެ ބައްޔަށް ފަރުވާ ހޯދުމަށް ބޭރަށް ދިޔުމަށް މިދިޔަ އަހަރުގެ ފެބުރުއަރީ މަހު އައިކެއާ ޑޮކްޓަރަކު ލަފާ ދެއްވި އެވެ. ނަމަވެސް އަދީބު ބޭރަށް ފޮނުވުމަށް އޭރުގެ ސަރުކާރުން ދެކޮޅު ހެދި އެވެ.

ނަޝްވާ ވިދާޅުވީ ސިއްހީ ފަރުވާ ހޯދުމަކީ އަދީބުގެ ވެސް އިންސާނީ ހައްގެއް ކަމަށާއި އެ ހައްގު ހޯދައިދިނުމަށް މަސައްކަތް ކުރާ މުއައްސަސާތަކަށް އޭނާ ޝުކުރު އަދާ ކުރައްވާ ކަމަށެވެ. ނަޝްވާ ވިދާޅުވީ ބޭސް ފަރުވާއަށް ކުރާ ދަތުރުގައި ލޮލަށް ފަރުވާ ހޯދުމުގެ އިތުރުން ކެންސަރަށް ވެސް ސްކްރީން ކުރައްވާނެ ކަމަށެވެ. އަދީބުގެ ކިޑްނީގައި ވެސް ސިއްހީ މައްސަލަތަކެއް ވަނީ ކުރިމަތިވެފަ އެވެ. އައިޖީއެމްއެޗްއިން ހިލަ ވެސް ގޮއްވާފައިވެ އެވެ. ކެންސަރަށް ސްކްރީން ކުރުމަށް މީގެ އެތައް ދުވަހެއް ކުރިން ޑޮކްޓަރުން ވަނީ ލަފާ ދެއްވާފަ އެވެ.

އަދީބު ބޭސް ފަރުވާއަށް ފުރާއިރު އޭނާއާއެކު، ފުލުހުންނާއި ކަރެކްޝަނަލް ސާވިސްގެ އޮފިސަރުން ދާނެ ކަމަށް ހޯމް މިނިސްޓްރީން މިއަދު ވަނީ ބުނެފަ އެވެ.