ސްޓެލްކޯގެ ފަރާތުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން: ފޮޓޯ މިހާރު
ބިލްތައް ބޮޑުވީ ހޫނު ގަދަވުމުން، އޮޅުވާލުމެއް ނެތް : ސްޓެލްކޯ
8 މަސް ކުރިން
އަޙްމަދު

ވޭތުވެދިޔަ ތިން މަހު ކަރަންޓް ބިލްތައް ބޮޑުވެގެން ދިޔައީ ހޫނު ގަދަވުމުގެ ސަބަބުން ކަމަށާއި މިކަމުގެ ތެރޭގައި އިތުރު އެހެން ކަންތައްތަކެއް ނޫޅޭ ކަމަށް ސްޓެލްކޯއިން ބުނެފި އެވެ.

ކަރަންޓް ބިލްތައް ބޮޑުވެ، އާންމުންގެ ޝަކުވާތަކާ ގުޅިގެން ސްޓެލްކޯގެ މައި އޮފީހުގައި ނޫސްވެރިންނާ ބައްދަލުކުރަމުން  ސީނިއަ މެނޭޖަރު އަލީ މުޖުތަބާ މުހައްމަދު ވިދާޅުވީ ކޮންމެ އަހަރެއްގެ ވެސް މާޗް، އޭޕްރީލް އަދި މޭ މަހު އާދަޔާ ހިލާފަށް ހޫނު ގަދަވެ، ކަރަންޓް ބޭނުން ކުރާ މިންވަރު އިތުރުވާ ކަމަށެވެ. އަދި ކޮންމެ އަހަރެއްގެވެސް މާރޗާއި އޭޕްރީލް އަދި މޭމަހަކީ އެންމެ ހޫނުގަދަ ދުވަސްވަރު ކަމަށާއި އެހެންކަމުން އަބަދުވެސް ކަރަންޓް ބިލްތައް ބޮޑުވުމުގެ ޝަކުވާ ލިބޭ ކަމަށެވެ.

Advt

Advertisement

އެކުންފުނީގެ ޖެނެރަލް މެނޭޖަރު އިބްރާހިމް ނާޝިދު ވިދާޅުވީ މިފަދަ ދުވަސްވަރު ވަރަށް ކުރިންސުރެވެސް ސްޓެލްކޯއަށް ކުރާ ތުހުމަތެއްއޮންނަ ކަމަށެވެ. އެއީ ސްޓެލްކޯއިން ފްރެކުއެންސީ ދަށްކުރާކަމާއި ފްރެކުއެންސީ މަތިކުރާ ކަމަށާއި ވޯލްޓޭޖް މަތިކުރާ ކަމުގެ ތުހުމަތެވެ. ނަމަވެސް ފަހު ސިސްޓަމްތައް ރޭވިފައި ހުންނަނީ އެގޮތަށް ބަދަލު ގެނެވޭނެ ގޮތަކަށް ނޫން ކަމަށާއި އެދައްކާ ވާހަކައިގެ އެއްވެސް ބުރަދަނެއްނެތް ކަމަށް ނާޝިދު  ވިދާޅުވި އެވެ.

ކަރަންޓް ބިލް ބޮޑުވާން ދިމާވި ގޮތުގެ މިސާލެއް ދައްކަވަން އެކުންފުނިން  ބޭނުންކުރެއްވީ ޖެނުއަރީ އާއި ފެބްރުއަރީގައި މާލޭގައި ކަރަންޓް ބޭނުންކުރި މިންވަރާއި ވޭތުވެދިޔަ ތިން މަހު ކަރަންޓް ބޭނުންކުރި ވަރެވެ. އެގޮތުން ޖެނުއަރީ މަހު 27 މިލިއަން ޔުނިޓް، ފެބްރުއަރީގައި 28 މިލިއަން އަދި މާޗުގައި 29 މިލިއަން ޔުނިޓް ބޭނުންކުރި އިރު އެ ނިސްބަތް އެޕްރީލް އާއި މޭ މަހު ވަނީ ވަރަށް ބޮޑަށް މައްޗަށް ގޮސްފަ އެވެ.

ނޫސްވެރިންގެ ބައްދަލުވުމުގައި އެކުންފުނީގެ ސުޕްރިޓެންޑް އިންޖިނިއާ އިބްރާހިމް ރައުފު ވިދާޅުވީ، އަޅުގަނޑުމެންގެ ދިރިއުޅުމުގެ ފެންވަރު ދުވަހެއް ދުވަހަކަށް ދަނީ މަތިވަމުން ކަމަށާއި އެހެން ކަމުން ބޭނުންކުރާ ސާމާނުވެސް ބަދަލުވަމުންދާ ކަމަށެވެ. އޭގެ ސަބަބުން ކަރަންޓް ބޭނުންކުރާ ޔޫސޭޖް މަތިވެގެންދާ ކަމަށް އޭނާ ވިދާޅުވި އެވެ.

ކަރަންޓް ބިލު ބޮޑުވެގެން އާންމުން ޝަކުވާ ކުރަމުން އަންނައިރު ސަރުކާރުން މިދިޔަ މާޗް މަހު ވަނީ މާލެ އާއި ރާއްޖޭގެ އެހެން ރަށްރަށުގެ ކަރަންޓްގެ ހިދުމަތް އެއް ހަމައެއްގައި ފޯރުކޮށްދޭން ބަދަލުތަކެއް ގެނެސްފަ އެވެ.