English Edition
Dhivehi Edition

ޓްރެފިކްކުރުމާ ގުޅޭ ކަންކަން ވިލަރެސް ކުރާ ކޮމިޓީ އަށް ރައްޔިތުންގެ މަޖިލީހުން ކަނޑައަޅާ މެމްބަރެއްގެ ގޮތުގައި ހިންނަވަރު ދާއިރާގެ މެމްބަރު ޖީހާން މަހްމޫދު އައްޔަން ކުރުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފި އެވެ. ޖިހާނަކީ ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރުސީއެމް) ގެ ކުރީގެ މެމްބަރެކެވެ.

މިއީ މީހުން ޓްރެފިކް ކުރުން ހުއްޓުވުމުގެ ގާނޫނުގެ ދަށުން އުފައްދާފައިވާ ކޮމެޓީއެކެވެ.

ރައްޔިތުންގެ މަޖިލީހުގައި މިއަދު ބޭއްވި ޖަލްސާގައި މިކޮމެޓީއަށް ޖީހާން އައްޔަން ކުރަން މަޖިލީހުން ފާސްކޮށްފައި ވަނީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 81 މެމްބަރުންގެ އިއްތިފާގުންނެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގެ ހެނދުނު ދަންފަޅީގައި، މިކޮމެޓީއަށް ރައްޔިތުންގެ މަޖިލީހުން އެ މަޖިލީހުގެ މެންބަރަކު ކަނޑައެޅުމުގެ މައްސަލަށް ގޮތެއް ނިންމުމަށް ހުޅުވާލުމުގެ ފުރުސަތުގައި ހިންނަވަރު ދާއިރާގެ މެމްބަރު ޖީހާނު މަހްމޫދުގެ ނަން ހުށަހެޅުއްވީ އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމްއެވެ. އަދި ރޮޒައިނާގެ އެ ހުށަހެޅުއްވުމަށް ތާއީދު ކުރެއްވީ ކެނދިކުޅުދޫ ދާއިރާގެ މެމްބަރު އަހުމަދު އީސާ އެވެ. ޖީހާންގެ ނަން ފިޔަވައި އިތުރު ނަމެއް މަޖިލީހަށް ހުށަހެޅިފަ އެއް ނުވެ އެވެ.

މީހުން ޓްރެފިކް ކުރުން ހުއްޓުވުމުގެ ގާނޫނުގެ ދަށުން އުފައްދާފައިވާ ޓްރެފިކް ކުރުމާ ގުޅޭ ކަންކަން ވިލަރެސް ކުރާ ކޮމިޓީ އެކުލަވާލެވިފައި ވަނީ 14 މެމްބަރުންގެ މައްޗަށެވެ. އެއީ

1- ރައްޔިތުންގެ މަޖިލީހުން ކަނޑައަޅާ އެ މަޖީލީހުގެ މެމްބަރެއް
2- ސުޕްރީމް ކޯޓުން ކަނޑައަޅާ އެކޯޓުގެ ފަނޑިޔާރެއް
3- ހިއުމަން ރައިޓްސް ކޮމިޝަނުން ކަނޑައަަޅާ އެކޮމިޝަނުގެ މެމްބަރެއް
4- ކަމާބެހޭ މިނިސްޓްރީން ކަނޑަޅާ އެ މިނިސްޓްރީގެ މުވައްޒަފެއް
5- އެޓާނީ ޖެނަރަލް ކަނޑައަޅާ އެ އޮފީހުގެ ގާނޫނީ ވަކީލެއް
6- ޕްރޮސެކިއުޓަ ޖެނަރަލް ކަނޑައަޅާ އެ އޮފީހުގެ ގާނޫނީ ވަކީލެއް
7- މޯލްޑިވްސް އިމިގްރޭޝަން ކޮންޓްރޯލަ ކަނޑައަޅާ އެ އޮފީހުގެ މުވައްޒަފެއް
8- ފޮރިން މިނިސްޓްރީން ކަނޑައަޅާ އެ މިނިސްޓްރީގެ މުވައްޒަފެއް
9- ފުލުހުންގެ މުއައްސަސާ އިން ކަނޑައަޅާ އެ މުއައްސަސާގެ އޮފިސަރެއް
10- މޯލްޑިވްސް ކަސްޓަމްސް އިން ކަނޑައަޅާ އެ އޮފީހުގެ އޮފިސަރެއް
11- ލޭބަ ރިލޭޝަންސް އޮތޯރިޓީން ކަނޑައަޅާ އެ އޮތޯރިޓީގެ މުވައްޒަފެއް
12- ހޯމް މިނިސްޓްރީން ކަނޑައަޅާ އެމިނިސްޓްރީގެ މުވައްޒަފެއް
13- އިސްލާމިކް މިނިސްޓްރީން ކަނޑައަޅާ އެ މިނިސްޓްރީގެ މުވައްޒަފެއް
14- މީހުން ޓްރެފިކްކުރުން ހުއްޓުވުމަށް މަސައްކަތްކުރާ އަމިއްލަ ޖަމާއަތްތަކުން ހުށަހަޅާ އެޖަމާއަތްތަކުގެ މެމްބަރެއް

މީހުން ޓްރެފިކް ކުރުމާ ގުޅޭ ކަންކަން ވިލަރެސް ކުރާ ކޮމިޓީގައި ރައްޔިތުންގެ މަޖިލީހުގެ މެމްބަރެއްގެ ގޮތުން މީގެ ކުރިން އިންނެވީ ގައްދޫ ދާއިރާގެ މެމްބަރު މުހައްމަދު ރަޝީދު އެވެ. މިހާރު ހިނގަމުންދާ 19 ވަނަ ރައްޔިތުންގެ މަޖިލީހަށް ރަޝީދު އިންތިހާބު ވެފައެއް ނުވެއެވެ.