English Edition
Dhivehi Edition

ރޯދަ އަށް ހުރުމަކީ ނިޔަތަކާއެކު ފަތިސްނަމާދު ބަންގިއާ ހިސާބުން ފެށިގެން އިރު އޮއްސި މަޣުރިބް ނަމާދަށް ބަންގި ގޮވުމާ ހަމަޔަށް ކެއުން ބުއިމާއި އަދި ޝަހުވާނީ އެންމެހައި ކަންތައްތަކުން ދުރުވެ ހުރުމެވެ. ހަމަ މިއާ އެކު އަޅުކަންތައްތައް ފުރިޔަމައަށް އަދާކުރުމަށް ދެމި ހުރުމާއި، ސަދަޤާތް ކުރުމާއި، އެހެންމީހުންނަށް އެހިވުމާއި އަދި މީގެ އިތުރުން އެންމެހާ ރަނގަޅު ކަންތައްތައް ކުރުން މަތީ ދެމި ހުރުމެވެ. މިއީ ރޯދައިގެ އެންމެ ފަސޭހަ ކަންތައްތަކެވެ.

ރަމަޟާން މަހުގައި މިކަންތައްތަކަށް ޒިއްމާދާރުވެ މިހާގެ އުޅުން ބަދަލުކޮށްފި މީހާ ކަށަ ކުޅަދުންވަންތަ އިލާހުގެ ހިދާޔަތު ލިބިގެން ދާނޭކަމީ ޝައްކެއް އޮތްކަމެއް ނޫނެވެ.

ހަޤީގަތުގައި ރަމަޟާ މަސް ވެގެންމިދަނީ އެމީހާގެ އުޅުމުގެ ވައްޓަފާޅީގެ ސަބަބުން ދިރިއުޅޭ ތިމާވެއްޓާއި މެދު ހެޔޮގޮތުގައި ވިސްނާ ފިކުރުކޮށް އެކަމަށް ސަމާލު ވުމަށް ލިބޭ ރަނުގެ ފުރުސަތަކަށެވެ. ތިމާވެއްޓާ ރައްޓެހި އުޅުމެއް އަށަގެންފައި ހުރުމަކީ ހަމައެކަނި އިޖުތިމާޢީ ޒިއްމާއެއް ނޫނެވެ. އެއީ ދީނީވެސް ކަމެކެވެ. އަހަރުމެން ރަނގަޅު ސިއްޙަތެއްގައި އުޅެވޭނީ އެކަށޭނެ ސިއްޙީގޮތުން ރަނގަޅު މާހައުލެއް ޤާއިމު ކުރެވިގެންނެވެ.

އިސްލާމް ދީނުގައި އިންސާނާއާއި މި ދިރިއުޅޭ ބިމާމެދު އޮތް ގުޅުމަކީ ބަލަދު ވެރިއެއްގެ ގުޅުމެވެ. ސިއްޙީ ރަނގަޅު މާޙައުލެއް ބިނާކޮށް އެކަން ޔަގީން ކުރުމަކީ އިންސާނާގެ ޒިއްމާއެކެވެ. މިކަމުގެ ދަލީލަކީ ކީރިތި ޤުރުއާނުގެ ބަޤަރާ ސޫރަތުގެ 30 ވަނަ އާޔަތެވެ. އެއާޔަތުގެ މާނާގައިވަނީ “ހަމަކަށަވަރުން، ކަލޭގެފާނުގެ ވެރިރަސްކަލާންގެ ބިމުގައި ޚަލީފާއަކު ލައްވާހުށީމޭ މަލާއިކަތުންނަށް ވަޙީ ކުރެއްވިހިނދު ހަދުމަކުރައްވާށެވެ!” މިހެންނެވެ.

މީގެއިން ޔަޤީންވާކަމަކީ ދުނިޔޭގެ ތިމާވެށި ރައްކާތެރިކޮށް ބަލަހައްޓާ ކުރިއަށް އޮތް ޖީލުތަކަށް އޭގެ ޤުދުރަތީ އެންމެހާ ވަސީލަތަކާއެކު ފޯރުކޮށްދިނުމަކީ އަހަރުމެންގެ މައްޗަށް ވާޖިބަކެވެ. ކުރުކޮށް ބުނާނަމަ މުސްލިމަކަށް ވެވޭނީ މާތްﷲ އަށް އަޅުކަންމަތީ ދެމިހުރެމެ ދުނިޔޭގެ ބަލަދު ވެރިއަކަށްވުމާއިއެކު އެދުނިޔެ ތަރައްޤީ ކުރުމެވެ. މިއީ ކޮންމެ މުސްލިމެއްގެ އަސާސު ކަމާއިމެދު ދެބަސް ވެވޭކަށް ނެތެވެ.

ތިމާވެށީގެ މާހިރުން ޤަބޫލު ކުރާގޮތުގައި އިންސާނުން ދިރިއުޅޭ ބިމާއި އަދި ފެނުގެ ސަރަހައްދަކީ އެއަށް ރައްކާތެރިކަން ބޭނުންވާ އެއްޗެކެވެ. ދުނިޔެއަށް އެޅޭ އެންމެހާ ކުރނިބުނިތަކާއި ވިހަގޭސްތައް ނެތި ކުރެވޭނެ އިންތިޒާމް ހަމަޖައްސަން ޖެހެއެވެ.

އިކޮލޮޖިކަލް ފޫޓްޕްރިންޓުގެ އެހީގައި އިންސާނުންނަށް ގުދުރަތީ ވަސީލަތްތައް ހުރި މިންވަރު ބަލާ އެއެއްޗެހި އިޤްތިސާދުކޮށް ކުރިއަށް އޮތްތަނަށް ދެމެހެއްޓެނެވި ގޮތެއްގައި ތަރުތީބު ކުރުމަށް ފަސޭހަވެގެންދެއެވެ.

އަހަރުމެން އުޅޭ މާހައުލު ސާފުކޮށް އިސްރާފު ނުކުރުމަކީ މާކުރިންވެސް އިސްލާމީ މުޖުތަމަޢުގައި އާލާވެފައިވާ ރީތި އާދައެކެވެ. މިކަމަށް މިސާލު ލިބޭ ކިތައްމެ އާޔަތްތަކާއި ހަދީޘް ތަކެއް ވެއެވެ. އެގޮތުން އިންސާނުން ދިރިއުޅުމުގައި މަޑުމައިތިރި ސާދާ ދިރިއުޅުމަށް އުޅުމަށް ވަނީ އެންގެވިފައެވެ. މިގޮތުން އަލްފުރުޤާން ސޫރަތުގެ 63 ވަނައާޔަތުގައި މާތްﷲ ވަޙީކުރައްވަނީ “ރަޙުމާނު ވަންތަ ރަސްކަލާނގެ އަޅުންނީ، މަޑުމައިތިރި ކަމާއެކު ބިމުގައި ހިނގާއުޅޭ މީހުންނެވެ.” މިހެންނެވެ.

ކީރި ރަސޫލާގެ ގެތެރޭގެ ދިރި އުޅުމުގެ ކަންތައްތައް ބެހެއްޓެވިގޮތާއިމެދު ކުޑަކޮށް ނަޒަރު ހިންގާލަމާތޯއެވެ. އެކެލޭގެ ފާނުންގެ އަނބިކަބަލުން ޢާއިޝާގެ ފާނުގެ ވިދާޅުވެފައިވަނީ އިތުރު އެކަލޭގެފާނުގެ އަމިއްލަ ފައިވާންކޮޅު ހަލާކުވީމަ އެމަރާމާތު ކުރައްވަނީ އެކަލޭގެފާނު އަމިއްލަ ފުޅަށެވެ. އަމިއްލަފުޅަށް ގަމީސްކޮޅުގައި ރޮދިޖައްސަވައެވެ. އަދި ގޭތެރޭގެ މިފަދަ އެންމެހާ ކަންތައްތައްވެސް އަމިއްލަފުޅަށް އެއްވެސް ޝަކުވާއެއްނެތި ކުރައްވައެވެ. އަދި އިތުރަށްވެސް ކުރައްވަން ބޭނުންފުޅުވެއެވެ. (ރިވާ: އަލް-އަލްބާނީ)

މީގެއިން މިހާމަވެގެންދަނީ މިފަދަ އާދައިގެ މަސައްކަތް ކުރުމަކުން އެކަލޭގެފާނުގެ އަބުރުފުޅަކަށް އެއްވެސް އުނިކަމެއް ނައަންނަކަމެވެ. ކޮންމެހެން އަބަދާ އަބަދު އެއްޗެހި ބަދަލުކޮށް ހެދުމަކީ އެހާރަނގަޅު ކަމެއްނޫންކަމެވެ. ކޮންމެއެއްޗެއްވެސް ރީސައިކަލް ކުރެވޭކަމަށް ވާނަމަ އެކަން ކުރުމާއި އަދި މަރާމާތު ކުރެވޭ އެއްޗެހި މަރާމާތުކޮށްގެން އުޅުމަކީ އެންމެ ހަރުދަނާ ގޮތެވެ. އަބަދުވެސް ގެއަށްވެސް ކޮންމެހެން ބޭނުންވާ އެއްޗެއްނޫން އެހެން އެއްޗެހި ހޯދާ އެއްލާލެވޭ އެއްޗެހި ގިނަ ކުރުމަކީ ރަނގަޅު ކަމެއް ނޫނެވެ.

ކޮންމެ މީހަކީވެސް އެމީހަކު ކުރާކޮންމެ ކަމެއްގެ ފުރިހަމަ ބާރު ލިބިގެންވާމީހަކެވެ. ބޭނުން ކުރާ އެއްޗިއްސާއި، ކާއި ތަކެއްޗާއި، ކުރާކަންތަކާއި އަދި ދާތަންތަން މީގެ ތެރޭގައި ހިމެނެއެވެ. ކޮންމެ ކަމެއްގައިވެސް މާހައުލަށް ދޫކޮށްލެވޭ ތަކެތި ހުރެއެވެ. އޭގެ ތެރޭ ކުނި ބުނިތަކާއި، އަދި ވައިނުސާފުކޮށްލާ ކިތައްމެ މާއްދާއެއް އެކުލެވިގެންވެއެވެ. އަހަރުމެން ދަތުރު ފަތުރު ކުރުމުގައި ދޫކޮށްލެވޭ ގިނަ ވިހި މާއްދާތަކަކީ ދުނިޔެ ހޫނުވުމަށް މެދުވެރިވާ އެއްސަބަބު ކަމަށް ސައިންސް ވެރިން ދަނީ ޚަބަރުދާރު ކުރަމުންނެވެ. މިޒަމާނުގެ ދަނޑު ވެރިކަމުގެ ތެރެއިންނާއި ދޮވެ ސާފުކުރުމަށް ބޭނުން ކުރެވޭ އެންމެހައި ކެމިކަލުން ދުނިޔެ މިދަނީ ތަޣައްޔަރު މަވުންނެވެ.

މުސްލިމުން މިފަދަމާތް މަހެއްގައި މިކަހަލަ ކަންކަމުން ދުރުހެލި ވުމަށް މަސައްކަތް ކުރަން ޖެހެއެވެ. އުކާލެވޭ ކުނިބުނިތައް މަދުކުރަން ޖެހޭނެއެވެ. ރޯދަމަހަކީ ދިވެހިންވެސް ވަރަށް ގިނަ އިސްރާފު ކުރާމަހެއްގެ ގޮތުގައި މިވަނީ ވެފައެވެ. މީ ހިތާމަ ކުރަން ޖެހޭކަމެކެވެ. ކޮންމެ ދުވަހަކު ހެނދުނު ކޮންމެ ގެއަކުންވެސް އެތައްބައިވަރު ކާ އެއްޗެހިއެދަނީ އިސްރާފުކޮށް އުކާލަމުންނެވެ.

އަހަރުމެން ދިރިއުޅުން ތަރުތީބުވެފައި ހުންނަންވާނީ މާހައުލަށް އެކަމުން ގެއްލުން ނުވާފަދަ މަޑުމައިތިރި ގޮތަކަށެވެ. ގުތުރަތީ ވަސީލަތްތައް ފަނާވެދާ އުސޫލުން ކަންތައްތައް ކުރުން ހުއްޓަން ޖެހެއެވެ. އިޔާދު ކުރަނިވި ހަކަތަ ބޭނުންކޮށް މުސްތަގުބަލުގެ ޖީލައްޓަކާއި އެހަކަތަ ރައްކާތެރި ކުރުމަކީ އަދުގެ ޖީލުގެ މަސްއޫލިއްޔަތަކެވެ.

މި ރަމަޟާން މަހަކީ އަހަރުމެން ރޯދައިގެ ސަވާބު ލިބިގަތުމާއެކު ދުނިޔެ ނުސާފުކުރުމުންވެސް ދުރުވެގަންނަން ލިބިގެންދާ ރަނުގެ ފުރުސަތަކެވެ. އެކާލެވޭ ކުނިބުނި މަދު ކުރުމަކީ ދެމެހެއްޓެނެވި ގޮތެއްގައި ދުނިޔެ އާރާސްތުކޮށް އަންނަންއޮތް ޖީލުތަކަށް ސާފުމާހައުލެއް ފޯރުކޮށްދިނުމެވެ. މި ރަމަޟާން މަހަކީ އަހަރުމެން މިފަދަ ކަންތައްތަކުން ދުރުހެލިވާ މަހެއްކަމުގައި ހަދާ މިރިވެރި އަޚުލާގު އަހަރުމެންތެރޭ އަށަގަންނަވަން ލިބޭ މަހެއްކަމުގައި ހަދާށެވެ. އަދި އޭގެ ފަހުން މިގޮތުގައި އަހަރުމެންގެ ދިރިއުޅުން ބައްޓަން ކުރަމާ ހިނގާށެވެ.