English Edition
Dhivehi Edition

އައްޑޫސިޓީ މީދޫއިން ގަވައިދާ ހިލާފަށް ނަގާފައި ހުރި އަކިރިތަކެއް ފުލުހުންނާ ކައުންސިލް އިދާރާއިން ގުޅިގެން ހޯދައިފިއެވެ.

ހުޅުމީދޫ ޕޮލިސް ސްޓޭޝަނުން މައުލޫމާތު ލިބުނުގޮތުގައި، މިތަކެއްޗަކީ ގަވައިދާހިލާފަށް ވަގަށް ނަގާފައި ތަކެތިކަމަށް ތުހުމަތު ކުރެވޭ ކަމަށާއި މިހާރު މިތަކެތި ނެގި ސަރަހައްދަށް މޫދަށް އެޅުމަށް ފުލުހުންނާއި ކައުންސިލުން ގުޅިގެން މަސައްކަތް ކުރަމުންދާކަމަށެވެ.

ފުލުހުންވިދާޅުވީ މިތަކެތި ފެނިފައިވަނީ އާންމުފަރާތަކުން ދިން އަމުލޫމާތަކުން، މިއަދު ގޮސްބެލިބެލުމުން މީދޫ ޗާމިންލޮޖް ގެސްޓްހައުސް ކައިރީ މަގުމަތީ އެއްފަރާތެއްގައި ބަހައްޓާފައި ވަނިކޮށެވެ.

އައްޑޫ ސިޓީ މީދޫ ގެ ރަށް ގިރުމުގެ މައްސަލަ އިންތިހާއަށް ބޮޑުވެފައިވާއިރު މީދޫ ކޯގަންނު ސަރަހައްދު ވަރަށް ބޮޑަށް ގިރަމުންދާތީ ރަށުގެ ރައްޔިތުން ދަނީ އެކަމާ އިންތިހާއަށް ކަނބޮޑުވުން ފާޅުކުރަމުންނެވެ. އެހެން ނަމަވެސް ކަމާބެހެ ފަރާތްތަކުން އެސަރަހައްދު ތަކުން ދޮންވެއްޔާއި، ކަށިވެލި އަދި އަކިރި ނުނެގުމަށް އިލްތިމާސް ކުރަމުން ދިޔަނަމަވެސް ރަށުގެ ބައެއް ރައްޔިތުންދަނީ ގަވައިދާހިލާފަށް މިތަކެތި ނަގަމުންނެވެ.

ތިމާވެށްޓަށް ގެއްލުންލިބޭ މިފަދަ އަމަލުތައް ގަވައިދާހިލާފަށް ކުރާ ރައްޔިތުން ހޯދައި ފުލުހުންދަނީ މިކަން ހުއްޓުވަން މަސައްކަތްކުރަމުންނެވެ.