English Edition
Dhivehi Edition

އިއްޔެ ރާއްޖެ އަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު އިންޑިއާގެ ބޮޑުވަޒީރު މިއަދު ހެނދުނު ފުރާވަޑައިގެންފި އެވެ.

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން މޯދީ އަށް އަލްވަދާއު ވިދާޅުވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހެވެ. މޯދީ ރާއްޖެވަޑައިގެންފައިވަނީ އިއްޔެ ހަވީރު އެވެ. ރާއްޖެއަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު އެމަނިކުފާނު ވަޑައިގަންނަވާނީ އަވައްޓެރި ސްރީލަންކާ އަށެވެ.

މޯދީގެ ދަތުރުފުޅުގައި ރާއްޖެއާއި އިންޑިއާ އާއި ދެމެދު ހަ އެއްބަސްވުމެއްގައި ވަނީ ސޮއިކޮށްފައެވެ.އެ ގޮތުން ހައިޑްރޯގްރަފީ އަދި އޯޝަން އިކޮނޮމީއާ ގުޅޭ އެއްބަސްވުމާއި ވައިޓް ޝިޕިން އިންފޮމޭޝަން ހިއްސާކުރުމަށް ދެގައުމުގެ ދިފާއީ ބާރުތަކާ ދެމެދު ވެވުނު އެއްބަސްވުމާއި ކޯޕަރޭޝަން އޮން ކަސްޓަމްސް ކެޕޭސިޓީ ބިލްޑިންގެ އެއްބަސްވުމުގައި ސޮއިކޮށްފައިވެ އެވެ.މީގެ އިތުރުން ދިވެހި ސިވިލް ސާވިސްގެ 1000 މުވައްޒަފުން ތަފާތު ދާއިރާތަކުން ތަމްރީނު ކުރުމަށާއި އިންޑިއާގެ ކޮޗިނުން ހދ. ކުޅުދުއްފުއްޓާއި މާލެއާ ދެމެދު ފެރީގެ ނިޒާމް ގާއިމްކުރުމާއި ރާއްޖޭގެ ސިއްހީ ނިޒާމް ހަރުދަނާ ކުރުމުގެ އެއްބަސްވުމުގައި ސޮއިކޮށްފައިވެ އެވެ.

މޯދީގެ މި ދަތުރުފުޅުގައި މާފިލާފުށީގައި ގާއިމްކޮށްފައިވާ ސިފައިންގެ ތަމްރީނު މަރުކަޒު އިފްތިތާހުކޮށްދެއްވައި އިންޑިއާއިން ރާއްޖޭގައި ގާއިމްކުރާ ރާޑަރު ސިސްޓަމްވެސް އިފްތިތާހުކޮށްދެއްވި އެވެ.

މޯދީއަށް ދިވެހި ދައުލަތުގެ ނިޝާން އިއްޒުއްދީން އިއްޒަތުގެ ވެރިކަމުގެ ލަގަބުވެސް އަރުވާފަ އެވެ.އަދި ރާއްޖޭގެ ގާނޫނު ހަދާ މަޖިލީހަށް ވަޑައިގެން އިއްޔެ ވަނީ މަޖިލީހުގައި ތަގުރީރުވެސް ކުރައްވައިފައެވެ. މީގެ އިތުރުން މޯދީވަނީ ސަރުކާރު ކޯލިޝަނުގައި ހިމެނޭ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް އާއި ރައީސް މައުމޫނު އަބްދުލްގައްޔޫމު އަދި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އާއިވެސް ބައްދަލު ކުރައްވައިފައެވެ.