English Edition
Dhivehi Edition

ފެށުނީއްސުރެ މި ސަރުކާރުގެ އަމާޒަކީ، އެންމެހައި ރައްޔިތުން ޝާމިލްވާ ޢަދުލުވެރި ސަރުކާރެއްގެ ޒަރީޢާއިން، ރައްޔިތުންގެ ކުރިއެރުމަށް އިސްކަންދޭ ތަރައްޤީއެއް ގެނެސްދިނުންކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ، ފުރަމާނަ ދަތުރުފުޅެއްގައި މިހާރު ރާއްޖެވަޑައިގެން އުޅުއްވާ އިންޑިއާގެ ބޮޑުވަޒީރުގެ ދަތުރުފުޅާއި ގުޅިގެން ރައީސް އޮފީހުގައި ، ދެޤައުމުން ދެއްވި ގުޅިފައިވާ ރަސްމީ ބަޔާނުގައެވެ.

އަދި މި ތަޞައްވުރު ޙަޤީޤަތަކަށް ހެދުމުގައި އިންޑިއާއިން ވެދޭ އެހީތެރިކަމުގެ އަގު އަބަދުވެސް ވަޒަންކުރައްވައި މި މަސައްކަތަށް، އިންޑިއާއިން ވެދޭ ދީލަތި އެހީތެރިކަމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ އިންޑިއާގެ ބޮޑުވަޒީރަށް ޝުކުރު އަދާކުރެއްވިއެވެ.

ދެ ޤައުމުން ދެއްވި ގުޅިފައިވާ ބަޔާން އިއްވަމުން އެމަނިކުފާނު އިތުރަށް ވިދާޅުވީ، އެމަނިކުފާނު ވެރިކަމާއި ޙަވާލުވެވަޑައިގެންނެވި ދުވަހުން ފެށިގެން، ދިވެހި ސަރުކާރުން މަސައްކަތް ކުރަމުން މިއަންނަނީ ދެޤައުމުގެ ދެމެދުގައިވާ ގުޅުން އަލުން އިޢާދަކޮށް ބަދަހިކުރުމާއެކު، އަވައްޓެރި އެހެން ޤައުމުތަކާއެކު ވެސް އިތުރަށް ގުޅުން ބަދަހިކުރުމަށްކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އެގޮތުން އިންޑިއާ ކަނޑުގެ ޞުލްޙަ މަސަލަސްކަމާއި ހަމަޖެހުން ކަށަވަރުކުރުމަކީ މި ސަރުކާރުން އަބަދުވެސް ޚާއްޞަ އިސްކަމެއްދޭ ކަމެއްކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

އިންޑިއާގެ ބޮޑުވަޒީރުގެ ވާހަކަފުޅުގައި ވެސް ދެ ޤައުމުގެ ރަހުމަތްތެރިކަމުގެ ގުޅުމާބެހޭގޮތުން ވާހަކަފުޅުދެއްކެވިއެވެ. އަދި އިންޑިއާ ކަނޑުގެ ޞުލްޙަ މަސަލަސްކަމާއި ހަމަޖެހުމާއި ގުޅޭގޮތުންނާއި ސަރަހައްދީ ބައެއް މައްސަލަތަކަށް ވެސް ބޮޑުވަޒީރުގެ ވާހަކަފުޅުގައި އަލިއަޅުއްވައި ލެއްވިއެވެ. މީގެއިތުރުން ދެ ޤައުމުގެ ގުޅުން އެކި ދާއިރާތަކުން ބަދަހިވެ ކުރިޔަށްދިއުމަށް އެދިވަޑައިގެންނެވިއެވެ.

ރައީސް އޮފީހުގައި ބޭއްވުނު ބައްދަލުވުމުގައި މިއަދު ވަނީ ދެ ޤައުމުގެ ދެމެދުގައި ފަސް ދާއިރަކުން މުހިއްމު ހަ އެއްބަސް ވުމެއްގައި ސޮއި ކުރެވިފައެވެ.