English Edition
Dhivehi Edition

މިއަދު ރާއްޖެ ވަޑައިގަންނަވާ އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީއަށް ދިވެހި ދައުލަތުން ދޭ އެންމެ މަތީ ޝަރަފު “ނިޝާން އިއްޒުއްދީން އިއްޒަތުގެ ވެރިކަން” ގެ ލަގަބު އަރުވަން ހަމަޖެހިފައިވާ ކަމަށް އިންޑިއާގެ ނޫސްތަކުން ބުނެފިއެވެ.

އިންޑިއާގެ ބައެއް ނޫސްތަކުގައި، ބުނެފައި ވަނީ، މޯދީ ރާއްޖެއަށް މިއަދު ވަޑައިގަންނަވާ އިރު، އެމަނިކުފާނަށް އިހުތިރާމް އަދާކުރެއްވުމުގެ ގޮތުން ނިޝާން އިއްޒުއްދީން އިއްޒަތުގެ ވެރިކަން ލަގަބު އަރުވަން ހަމަޖެހިފައިވާ ކަމަށެވެ.

މިއީ ރާއްޖޭގައި ގައުމެއްގެ އިސް ވެރިޔަކަށް ދެވޭ އެންމެ މަތީ ލަގަބެވެ. ރާއްޖޭގައި މިހާތަނަށް މި ޝަރަފް އެރުވިފައިވާ ފަރާތްތަކަކީ އިނގިރޭސި ރާނީ އެލިޒަބަަތް އެލެކްސް ސެންޑްރަރ މޭރީ (އެލިޒަަބަތު2)އާއި ދެކުނު ކޮރެއާގެ އޭރުގެ ކުރީގެ ރައީސް ޗުންޑޫ ހުވާނަށާއި، ކޮމަންވެލްތްގެ ކުރީގެ ސެކްރެޓަރީ ޖެނެރަލް ސާޝްރީދަތު ރާމްފާލަށް އަދި ސައުދީ ޕްރިންސް އަލްވަލީދު ބިން ތަލާލު ބިން އަބްދުލްއަޒީޒް އާލް ސައޫދެވެ.

އިންޑިއާގެ ބޮޑުވަޒީރު މޯދީ ރާއްޖެއަށް ކުރައްވާ ދެވަނަ ދަތުރުފުޅުގައި މިއަދު ރާއްޖެ ވަޑައިގަންނަވަނީ ދެވަނަ ދައުރަކަށް އިންތިޚާބުވެވަޑައިގަތުމަށްފަހު މި ސަރަޙައްދުގެ ގައުމުތަކަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިންނެވެ. އެގޮތުން މޯދީގެ މި ދަތުރުފުޅުގެ އެންމެ ފުރަތަމަ މަންޒިލަކީ ރާއްޖެއެވެ.

އެމަނިކުފާނު ބޮޑުވަޒީރުކަމުގެ ފުރަތަމަ ދައުރުގައި އިންތިޚާބުވެ ވަޑައިގަތުމަށްފަހު ވެސް ސަރަހައްދުގެ ގައުމުތަކަށް ވަޑައިގެންނެވި ނަމަވެސް އެފަހަރު ރާއްޖެ ވަޑައިގެންފައެއް ނުވެއެވެ.