English Edition
Dhivehi Edition

ދުނިޔޭގެ ފަތުރުވެރިކަމުގެ ޖަމިއްޔާ، އދ. ގެ ވޯލްޑް ޓޫރިޒަމް އޯގަނައިޒޭޝަން (ޔޫއެންޑަބްލިޔުޓީއޯ) ގެ ދެކުނު އޭޝިއާ ސަރަހައްދުގެ ކޮމިޝަނުގެ ޗެއާއަކަށް ކުރިއަށް އޮތް ދެ އަހަރު ދުވަހުގެ މުއްދަތަށް ދިވެހި ރާއްޖެ އިންތިހާބުކޮށްފި އެވެ.

ޔޫއެންޑަބްލިއުޓީއޯ ކޮމިޝަން ފޯ ސައުތުއޭޝިއާގައި ހިމެނެނީ ނުވަ މެންބަރު ގައުމެވެ. އެއީ އަފްޣާނިސްތާން، ބަންގްލަދޭޝް، ބޫޓާން، އިންޑިއާ، އިރާން، ދިވެހިރާއްޖެ، ނޭޕާލް، ޕާކިސްތާން އަދި ސްރީލަންކާއެވެ. ނުވަ ގައުމެއްގެ މައްޗަށް އެކުލެވޭ ކޮމިޝަންގެ ޗެއާގެ މަގާމު އެންމެ ފަހުން ރާއްޖެ އަދާކޮށްފައިވަނީ 1995 އަހަރުން ފެށިގެން 1997 ވަނަ އަހަރުގެ ދައުރުގަ އެވެ.

ޓޫރިޒަމް މިނިސްޓްރީން މައުލޫމާތު ދިން ގޮތުގައި، ޔޫއެންޑަބްލިޔުޓީއޯ ކޮމިޝަން ފޮ ސައުތު އޭޝިއާގެ ޗެއާގެ މަގާމަށް ރާއްޖެ އިންތިހާބުވެފައިވަނީ ކުރިއަށް އޮތް ދެ އަހަރުގެ މުއްދަތަށެވެ.

އެ ކޮމިޝަންގެ މައިގަނޑު މަސައްކަތަކީ ފަތުރުވެރިކަމުގެ ދާއިރާ އެ ސަރަހައްދެއްގައި ދެމެހެއްޓެނިވި ގޮތެއްގައި ކުރިއެރުވުމާއި ކުރިމަތިވާ އެކި ދަތިތަކަށް ގުޅިގެން ހައްލު ހޯދުމެވެ.