English Edition
Dhivehi Edition

މުޅި ދުނިޔޭގައި މިހާރު ހަލުވިކަމާ އެކު ފެތުރެމުންދާ ކޮރޯނާވައިރަސް (ކޮވިޑް-19) އަށް އިންޑިއާ އިން އިއްޔެ ހަތަރު ހާހަށްވުރެ ގިނަ މީހުން ޕޮޒިޓިވްވެއްޖެއެވެ.

އެގޮތުން، އިންޑިއާގެ ސިއްހީ އިދާރާ އިން ހާމަކޮށްފައިވާ އެންމެ ފަހުގެ ތަފާސް ހިސާބުތަކަށް ބަލާއިރު، ހޯމަ ދުވަހުގައި ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ 4،353 އަށް އަރާފައެވެ. އެ ގައުމުގައި މީގެކުރީން މިހާ ގިނަ އަދަދެއްގެ މީހުން ޕޮޒިޓިވްވެފައެއް ނުވެއެވެ.

މިއާއެކު، އިންޑިއާ އިން މިހާތަނަށް ބަލިޖެހުނު މީހުންގެ އަދަދު 70،000 އަށް ވުރެ އިތުރުވެފައިވާއިރު، 2،200 އަށް ވުރެ ގިނަ މީހުން ވަނީ މަރުވެފައެވެ. އަދި މި ބަލީގައި މިހާތަނަށް 22 ހާހެއްހާ މީހުން ވަނީ މުޅިން ރަނގަޅުވެފައެވެ.

ޗައިނާގެ ވޫހާން ސިޓީން މިދިޔަ އަހަރުގެ ޑިސެންބަރު 31 ވަނަ ދުވަހު ފެނުނު ކޮވިޑް-19 އަށް މުޅި ދުނިޔެއިން 4.2 މިލިއަން މީހުން ޕޮޒިޓިވްވެފައިވާއިރު، ގާތްގަނޑަކަށް 286،078 މީހުން ވަނީ މަރުވެފައެވެ. އަދި މި ބަލިޖެހިގެން މިހާތަނަށް މުޅިން ރަނގަޅުވި މީހުންގެ އަދަދަކީ 1،520،188 އެވެ.