އޯއައިސީ ސަމިޓުގައި ބައިވެރިވެ ވަޑައިގެންނެވުމަށްފަހު ރައީސުލްޖުމްހޫރިއްޔާ މާލެ ވަޑައިގެންފި
4 މަސް ކުރިން
އާމިނަތު ޒީނާ

އޮގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ)ގެ 14 ވަނަ ސަމިޓުގައި ބައިވެރިވެ ވަޑައިގެންނެވުމަށްފަހު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިހް  ރާއްޖެ ވަޑައިގަންނަވައިފިއެވެ.

ސަޢުދީ ޢަރަބިއްޔާގެ މައްކާގައި މެއި މަހުގެ 31ގައި ބޭއްވުނު މި ސަމިޓުގައި ވާހަކަދެކެވުނު މުހިއްމު މައްސަލަތަކުގެ ތެރޭގައި އަދުގެ ދުނިޔޭގައި މުސްލިމުންނާމެދު ގެންގުޅޭ ނޭދެވޭ ތަފާތުކުރުންތަކުގެ ޢަމަލުތައް ގިނަވަމުންދާ މައްސަލައާއި މެދުއިރުމަތީގެ ހަމަޖެހުމާއި އަދިވެސް މުސްލިމް އުންމަތަށް ކުރިމަތިވެފައިވާ އެކިއެކި މައްސަލަތައް ހިމެނެއެވެ.

Advt

Advertisement

މައްކާގައި ބޭއްވި މި ސަމިޓަށް ރައީސުލްޖުމްހޫރިއްޔާ ވަނީ އިސްލާމީ އުންމަތަށް މުހިންމު ހުށަހެޅުންތަކެއް ހުށަހަޅުއްވާފައެވެ. މިގޮތުން މުޅި އިސްލާމީ އުންމަތުގެ ބޮޑެތި މައްސަލަތަކަށް ރާއްޖެއިން ދޭ އިސްކަން ފާހަގަކުރައްވައި، މުސްލިމު އުންމަތުގެ ލާބައާ މަންފާއަށްޓަކައި ކުރެވޭ ކަންކަމުގައި ރާއްޖެއިން ވެސް ކުރެވެންހުރި ހުރިހާ މަސައްކަތެއް ކުރަމުން ގެންދާނެކަން ފާހަގަކުރައްވާފައި ވެއެވެ. މީގެއިތުރުން ދުނިޔޭގެ އެކިކަންކޮޅުތަކުގައި ދިރިއުޅޭ މުސްލިމުންނަށް، އަދި ވަކިން ޚާއްޞަކޮށް ފަލަސްޠީނުގެ މުސްލިމު ރައްޔިތުންނަށް ރާއްޖެއިން ތާއީދު އޮތް މިންވަރު ރައީސުލްޖުމްހޫރިއްޔާގެ ހުށައެޅުއްވުމުގައި ފާހަގަކުރައްވާފައިވެއެވެ.

ބަރަކާތްތެރި ރަމަޟާންމަސް ނިމި ފިތުރު ޢީދުގެ އުފާ ފާހަގަކުރުމަށް ތައްޔާރުވެފައިވާ މި ދަނޑިވަޅުގައި، ރައީސުލްޖުމްހޫރިއްޔާ ވަނީ އިސްލާމީ އުންމަތުގެ ހަމަޖެހުމާއި ޞުލްހަ މަސަލަސްކަމަށް އެދި ﷲ ގެ ހަޟުރަތުގައި ދުޢާ ދެންނެވުމަށް އިސްލާމީ ޤައުމުތަކުގެ ލީޑަރުންނާއި އެންމެހައި މުސްލިމުންގެ ކިބައިން އެދިވަޑައިގެންފައެވެ.