English Edition
Dhivehi Edition

ސ.މީދޫ ނާދީ، އަޙްމަދު ނިޒާމަކީ ހުޅުމީދޫއަށް އުފަން ހުނަރުވެރި ބޭފުޅެކެވެ. ކުޅަދާނަ ފެހުންތެރިއެކެވެ. ކުރެހުމުގެ ރޮނގުގައި ކުރިއަރާ ހުރި ފަންނާނެވެ. އަތްތެރިމަސައްކަތާއި ވަޑާމުގެ މަސައްކަތަށް މޮޅު، އައްޑޫގެ ދަރިއެކެވެ.

މީދޫ އަހަންމައިދީ ގެ ނަމުން އެންމެ ދަންނަ އަހްމަދު ނިޒާމު އެންމެ ބޮޑަށް މަޝްހޫރުވެފައި ވަނީ ފެހުމުގެ ދާއިރާއިންނެވެ. އޭނާ 1970 ގެ އަހަރުތަކުގައި ބައްޕައާއެކު މާލެގޮސް ރިސޯޓެއްގައި ފެހުމުގެ މަސައްކަތް ކުރަން ލިބުނު ފުރުސަތު ވެގެން ދިޔައީ މި ދާއިރާގައި ކުރިއަށް އެޅުނު ފުރަތަމަ ހަރުފަތަށެވެ.

“އޭރު ރިސޯޓުގައި އުޅޭ ގެސްޓުންވެސް ކިޔާނެ ޔޫއާރ އަވަރ ބެސްޓް ޓެއިލާރ އޭ. ޗައިނާއިން ފޮތި ގަނެގެން އަހަރެން ކައިރިއަށް ފައްސަން އަންނާނެ ސްވިސް މީހުން ވެސް،” އަހަންމައިދީ އޭނަގެ މަސައްކަތް ފެށުނު ގޮތް ކިޔައި ދިނެވެ.

ކޮންމެ ކަހަލަ އެއްޗެއްވެސް ފެހުމަކީ އޭނައަށް މާ ބޮޑުކަމެއް ނޫނެވެ. އެކަމަށް ނަގާނީ ކުޑަ ވަގުތުކޮޅެކެވެ. އޭނަގެ ފެހުން ނުލާހިކު ރީތިވެފައި ޗާލެވެ. މާލޭގައި މެދުނުކެނޑި ފަސް އަހަރު ވަންދެން ފެހުމުގެ މަސައްކަތް، އަހަންމައިދީ ވަނީ ކޮށްފައެވެ. ރިސޯޓުގައި މަސައްކަތް ކުރި ދުވަސްވަރު ގެސްޓްޝޮޕެއްގައި ވަޒީފާ އަދާކުރަމުންވެސް އަހަންމައިދީވަނީ ފެހުމުގެ މަސައްކަތް ދޫކޮށްނުލާ އެމަސައްކަތްވެސް ކޮށްފައެވެ. ސ.އަތޮޅު މަދުރަސާގެ ޔުނީފޯމްވެސް އެންމެ ފުރަތަމަ ފެހިމީހުންގެ ތެރޭގައި އަހަންމައިދީގެ ނަން ފާހަގަކޮށްލެވެއެވެ. މީގެ އިތުރުން ފެކްޓަރީގެ ދުވަސްވަރު ބާލީސް އުރަފަދަ ތަކެތި ފެހުމާއި އެތަކެތީގައި ތަތް ޖެހުން ފަދަ މަސައްކަތްތަކަކީ އަހަންމައިދީ އެންމެ ފޯރިއާއެކު ކުރި އެއް މަސައްކަތެވެ.

ފެހުމުގެ ދާއިރާއަށް އަދި މުޅީން ނުވަދެވެނީސް، 1968ގައި މެކްސިކޯ ސިޓީގައި ވޯލްޑްކަޕުގެ މެޗްތައް ކުރިއަށް ދިޔަ ދުވަސްވަރު މެރެޑޯނާގެ ތަސްވީރު ޓީޝާޓުގައި ތަތްޖަހައިގެން ވިއްކުމުން ހުޅުދޫ އާއި މީދޫގެ ޒުވާނުންގެ މެދުގައި އޭނަގެ މަަސައްކަތް ވަރަށް މަގުބޫލުވެގެން ދިޔަކަމަށް އަހަންމައިދީ ބުންޏެވެ.

“އޭރު މެރެޑޯނާގެ ފޮޓޯއެއް ޓީޝާޓެއްގައި ޖެހުން އެއީ މި ހިސާބުގަނޑުގައި ޚިޔާލެއް ވެސް ނުގެނެވޭނެ ކަމެއް. މީހުން ތިބީ އެހާ ވެސް ފަހަތުގައި. މުބާރާތުގެ ތެރޭގައި މެރެޑޯނާގެ ފޮޓޯއެއްގެ ސްޓެންސިލެއް ހަދައިގެން ޓީޝާޓުތަކުގައި ތަތް ޖަހައިގެން ވިއްކީ. ވަރަށް ގިނައިން ވިކުނު،” އަހަންމައިދީ ބުންޏެވެ.

ފެހުމުގެ އިތުރުން އައްޑޫގެ މީހަކަށް މިހާތަނަށް އަދި ލިޔެވިފައިނުވާ ފަދަ ރީތި އަރަބި ލިޔުމެއް އޭނާވަނީ ލިޔެ މީދޫގެ މިސްކިތެއްގައި ބަހައްޓާފައެވެ.

މަސްޖިދުއް ޒިކުރާގައި ބަހައްޓާފައިވާ އަހައްމައިދީގެ ފަންނުވެރިކަން ދައްކުވައިދޭ ލިޔުން/ފޮޓޯ އައްޑޫއޮންލައިން
މަސްޖިދުއް ޒިކުރާގައި ބަހައްޓާފައިވާ އަހައްމައިދީގެ ފަންނުވެރިކަން ދައްކުވައިދޭ ލިޔުން/ފޮޓޯ އައްޑޫއޮންލައިން

“އެއީ 2 ފަންސުރު ބަނދެގެން އަކުރު އަޅަމުން އަޅަމުންގޮސް އަތުން ހަދާފައިވާ އެއްޗެއް. ކޮމްޕިޔުޓަރެއް ފަދަ އެއްވެސް އެއްޗެއް ބޭނުމެއް ނުކުރަން،” ފަޚުރުވެރިކަމާއެކު އަހަންމައިދީ ކިޔައިދިނެވެ. 4 ފޫޓް 8 ފޫޓްގެ މި ލިޔުން ބަހައްޓާފައި ވަނީ މީދޫ މަސްޖިދުއް ޒިކުރާގަ އެވެ.

ޚިޔާލީ ކުރެހުމާއި ތަސްވީރު ފަދަ ތަކެތި ކުރެހުމަށްވެސް މޮޅު އަހަންމައިދީގެ ގޭގައި އޭނަގެ އަމިއްލަ އަތުން ކުރަހާފައިވާ އެތަކެއް ތަސްވީރު ބަހައްޓާފައި ހުރެއެވެ. ކުރެހުމުގެ އިތުރުން އެގޭގައި ބޭނުންކުރާ ހުރިހާ ސާމާނެއްހެން ހަދާފައި ވަނީ އަހަންމައިދީ އަމިއްލައަށެވެ.

ގޭގައި ބޭނުންކުރާ ހުރިހާ ފަރުނީޗަރެއްގެ އިތުރުން ގަސްއިންދުމަށް ބޭނުންކުރާ މުށި ގަނޑު ތަކަކީ ވެސް އަހަންމައިދީގެ އަމިއްލަ މަސައްކަތެވެ. މީގެ ތެރެއިންވެސް އެންމެ ފާހަގަކޮށްލެވުނީ އަމިއްލައަށް ލޭތުކޮށްގެން ހަދާފައިވާ ބެޑްސައިޑް ލޭމްޕެވެ.

އަހައްމައިދީ އޭނަގެ ގޭގައި ކުރެހުމުގެ މަސައްކަތް ކުރަނީ:ފޮޓޯ/ އައްޑުއޮންލައިން
އަހައްމައިދީ އޭނަގެ ގޭގައި ކުރެހުމުގެ މަސައްކަތް ކުރަނީ:ފޮޓޯ/ އައްޑުއޮންލައިން

މީދޫ ފާލަމާއި ދިިމާއަށް ކުރިމަތީގައި ރީތި ޑިޒައިނަކަށް ހަދާފައިވާ ފާރަކީވެސް އަހަންމައިދީގެ މަސައްކަތެވެ. މިހާރު އަމިއްލަ އާއިލާއެއްގެ ވަޑާންގޭގައި މަސައްކަތް ކުރަމުންދާ އަހަންމައިދީ ބުނީ އޭނަގެ މި މަސައްކަތަށް ސަރުކާރުން އަދި މިހާތަނަށް އެއްވެސް ކަހަލަ އިނާމެއް ލިބިފައި ނެތަސް އަދިވެސް އެކަމަށް އުއްމީދު ކުރެވޭ ކަމަށެވެ.

ޢުމުރުން މިހާރު 55 އަހަރުވެފައިވާ އަހަންމައިދީ، އޭނަގެ އުމުރުން އެންމެ 13 އަހަރުން ފެށިގެން ކުރަމުން އައި މަސައްކަތް އައްޑޫގެ ގިނަ ބަޔަކު ގަބޫލުކުރެއެވެ. އޭނާ ދަންނަ ކޮންމެމީހަކުވެސް އަހަންމައިދީގެ ހުނަރުވެރިކަމަށް ތައުރީފު ކުރެއެވެ.

“އެކަހަލަ އިނާމު ލިބެނީ ގިނަ ފަހަރު މާލޭ މީހުންނަށް. އައްޑޫމީހަކަށް ވާތީ އެފުރުސަތުވެސް އަދި ނުލިބި މިވަނީ. އެކަހަަލަ އިނާމަކަށް އުއްމީދުކުރަން. އިނާމެއް ހައްގުވާ ވަރަށް ޚިިދުމަތްވެސް ކުރެވިއްޖެ ކަމަށް ގަބޫލު ކުރަން.” އަހަންމައިދީ ބުންޏެވެ.

IMG_0049
“އައްޑޫ އޮންލައިން” ނޫހުން ވެސް އެދެނީ އަހައްމައިދީގެ މި އުއްމީދު ފުރިހަމަވެގެން ދާނެ ދުވަހެއް ދެއްކެވުމެވެ.