English Edition
Dhivehi Edition

ދުނިޔޭގެ ބިމުގައި ހެދެމުން އަންނަ ގަސްތަކުގެ އަދަދު ބެލުމަށް މިކަމުގެ ދިރާސާ ކުރާ މީހުން ދަނީ ކެނޑިނޭޅި މަސައްކަތް ކުރަމުންނެވެ. އެމީހުން ބުނާގޮތުގައި މީގެ 11،000 އަހަރު ކުރިން ދުނިޔޭގައި ހުރި ގަހުގެ އަދަދު ހަޓްރިލިއަނަށް ވުރެ ގިނައެވެ. މިހާރު ކުރަމުން އަންނަ ދިރާސާއިން ދައްކާ ގޮތުން ދުނިޔޭގައި ހުރި ގަހުގެ އަދަދަކީ 3.04 ޓްރިލިއަން ގަހެވެ. މި ހޯދުމަކީ %95 ގެ ޔަގީންކަން އޮތް ހޯދުމެކެވެ.

މިދިރާސާ ހާމަކޮށްފައިވަނީ “ނޭޗާ” ޖާނަލްގައެވެ. މިދިރާސާގައި ހަރަކާތްތެރިވެފައިވަނީ މުޅިދުނިޔެއިން ހޮވާލެވިފައިވާ ޓީމަކުންނެވެ. މިކަންމުގެ އިސްކޮށް ހަރަކާތްތެރި ވެފައިވަނީ ޔޭލް ޔުނިވާސިޓީއެވެ. ގަސްގަހުގެ އަދަދު ބެލުމަށް އެމީހުން ބޭނުންކޮށްފައިވަނީ އެކިވަސީލަތްތަކެވެ. އޭގެ ތެރެއިން އެންމެ ގިނައިން ބޭނުންކޮށްފައިވަނީ ސެޓެލައިޓުން ނަގާފައިވާ ފޮޓޯތަކެވެ. އަދި ބިމުގެ 400،000 ތަފާތު ހިސާބު އެމީހުން ހަދާފައިވެއެވެ. އެމީހުން ގަސްތައް ގުނުމުގައި ބަލާފައިވަނީ ކޮންމެ 10 ސެންޓިމީޓަރުގެ ބުރެއް ކަމުގައި ބަލައިގެންނެވެ.research

ޔޭލް ސްކޫލް އޮފް ފޮރެސްޓްރީ އެންޑް އެނަވަޔަރަމެންޓަލް ސްޓަޑީސްގެ ޕޯސްޓްޑޮކްޓޯރަލް ތޮމަސް ކްރޯތާ ބުނާގޮތުން މީގެ ކުރީގައި ގަހެއް ކަމުގައި ބެލިފައިވަނީ 50 ސެންޓިމީޓަރުގެ ވަށްބުރެކެވެ. މިހޯދުން ތަކުގެ ސަބަބުން ދުނިޔެއިން ނެތިދާނެ ކަމަށް ބެލެވޭ ޖަނަވާރުތައް ރައްކާތެރި ކުރުމަށް މަގުފަހިވާނެއެވެ. އަދި ދުނިޔޭގެ ވައިގެ ފަށަލައިގައި އެކުލެވޭ ކާބަންޑައިއޮކްސައިޑް ބޭނުން ކުރެވޭ ނިސްބަތް ވެސް ދަނެގެނެވިދާނެއެވެ.
މިހޯދުން ތަކުން އިންސާނިއްޔަތަށް ކުރާނެ އަސަރު ދަނެގެނެވިދާނެ ކަމަށް ދިރާސާކުރާ ފަރާތްތަކުން ގަބޫލުކުރައެވެ. ކްރޯތާ ބުނާގޮތުން ދުނިޔޭގައި ހެދެމުންދާގަހުގެ ދެބައިކުޅައެއްބައި ވަނީ ބޭނުން ކުރެވިފައެވެ. ނުވަތަ ނައްތާލެވިފައެވެ. ދުނިޔެއަށް ދިމާވެދާނެ ނުރައްކަލުން ސަލާމަތް ވުމަށް ގިނަގަސްތައް މިހާރު މިވަނީ އިންދަން ޖެހިފައެވެ. އެއީ ދުނިޔޭގެ ހުރިހާ ދިމާލެއްގައެވެ.
އެމީހުންގެ ދިރާސާތަކުން ދައްކާގޮތުގައި ދުނިޔޭގެ ބޮޑުބައިގައި މިހާރު ހެދެމުންދަނީ ކުޑަ ގަސްތަކެވެ. މިފަދަ ގަސްތަކުން ކާބަން ދަމައިގަންނަ މިންވަރު ވަރަށް ދަށެވެ. އެހެންކަމަށްވާނަމަ ބޮޑަތި ގަސްތައް ގިނަކުރުމަކީ ވަރަށް މުހިއްމު ކަމެކެވެ. އިންސާނުންގެ ބޭނުންތަކަށް މުޅިންވެސް ނައްތާލެވެމުން މިދަނީ ބޮޑެތި ގަސްތަކެވެ. މިއީ ފަރުދީގޮތުން މިހާރު ވިސްނާލަން ޖެހޭކަމެކެވެ. މިއަންނަ ހުސްކަން ސަލާމަތް ކުރެވޭނީ ވަރަށް ގިނަ ގަސްތައް އިންދައިގެންނެވެ.
ގާތްގަނޑަކަށް ޓްރޮޕިކަލް އަދި ސަބްޓްރޮޕިކަލް ޖަންގަލި ތަކުގައި 1.39 ޓްރިލިއަން ގަސްވަނީ މަދުވެފައެވެ. ބޮރިއަލް ހިސާބުތަކުގައި ވަނީ 0.61 ޓްރިލިއަން ގަސްނެތިގެން ގޮސްފައެވެ. އަދި ޓެމްޕެރޭޓް ސަރަހައްދު ތަކުގައި 0.61 ޓްރިލިއަން ގަސްވަނީ ނެތިގެން ގޮސްފައެވެ.
މިދިރާސާގައި ވޭތުވި ދިޔަ 12 އަހަރުގެ ތެރޭގައި ގަސްތަކުގެ މިންވަރަށް އައިސްފައިވާ ބަދަލަށް ބަލާއިރު އެމުއްދަތުގައި 15 ބިލިއަނަށްވުރެ ގިނަ ގަސް އަހަރެއްގެ ތެރޭގައި ނެތިގެންގޮސްފައިވެއެވެ. އަދި ގަސްތައް އިންދިފައިވާ ނިސްބަތަށް ބަލާއިރު އެމުއްދަތުގައި އިންދިފައިވަނީ ގާތްގަނޑަކަށް 5 ބިލިއަން ގަސްކަމަށް އެނގިފައިވާކަމަށް ގްރޯތާ ބުނެއެވެ. ގަސްތައް ނެތިދިއުމުގެ އެންމެ އިސްރޯލެއް ކުޅެފައިވަނީ އިންސާނުންކަމަށްވާއިރު މީގެ އެންމެބޮޑު އަސަރުވެސް ކުރާނީ އިންސާނުންނަށްކަން އޭނާ ފާހަގަ ކުރެއެވެ.131
މިދިރާސާގައި އެމީހުން ފާހަގަ ކޮށްފައިވާ އަނެއްކަމަކީ އދ އިން އެއްބިލިއަން ގަސްއިންދުމަށް ކޮށްފައިވާ ކެމްޕެއިންއެވެ. ނަމަވެސް އެކެމްޕެއިން އަކީ މިދުނިޔޭގެ އެކޯސިސްޓަމް ދެމެހެއްޓުމަށް ކުރެވިފައިވާ ވަރަށް ކުޑަމިންވަރަކެވެ. އެއީ ހަމައެކަނި 3000 ބައިކުޅަ އެއްބައެވެ.
ވިސްނާލެން ޖެހޭ ހަގީގަތަކީ ދުނިޔޭގެ އެކޯސިސްޓަމަށް ނޭދެވޭ ބަދަލު އެބައަންނަކަމެވެ. މިހާރުގެ ނިސްބަތަށް ބަލާއިރު ދުނިޔޭގެ ކޮންމެ މީހަކަށް 422 ގަސް ހެދެމުން އެބަދެއެވެ. ނަމަވެސް ގަސްކެނޑޭ މިންވަރާއި އަދި އިންދޭ ނިސްބަތަށް ބަލާއިރު މިމިންވަރު 214 އަށް ކުރިއަށް އޮތް 150 އަހަރުގެ ތެރޭގައި ދަށްވެގެން ދާނެއެވެ. އަހަރުމެނަށް މިކަން އިހްސާސް ކުރެވޭ މިންވަރު އަދި ކުޑަކަމުގައި ވީނަމަވެސް މިކަމުން މިދުނިއަށް ބޮޑެތި ބަދަލުތަކެއް މިހާރު މިވަނީ ކުރިމަތި ވާންފަށާފައެވެ. މިހަގީގަތާއި އެންމެ ބޮޑަށް ކުރިމަތި ލާންޖެހެނީ ތަރައްގީވެފައިވާ ގައުމުތަކެވެ. ދުނިޔެއަށް މިއަންނަ ނޭދެވޭބަދަލުގެ އެންމެ ބޮޑު ހިއްސާ ކުރާފަރާތަކީ އެމީހުންނެވެ. މީގެ މާނައަކީ އެހެން ގައުމުތަކުން މިކަމާއި ދޭތެރޭ ވިސްނަން ނުޖެހޭ ވާހަކައެއް ނޫނެވެ. މީގެ އަސަރު ކުރާނީ ވަކި ގައުމަކަށް އަދި ގަބީލާއަކަށް ނޫނެވެ. އެހެންކަމަށް ވާނަމަ ހުރިހާ އެންމެން މިކަމުން ސަލާމަތް ވުމަށް މިހާރުން މިހާރަށް މަސައްކަތް ކުރަން އެބަޖެހެއެވެ. ކޮންމެ ފަރުދަކަށް ދުވާލަކަށް އެއްގަސް އިންދޭތޯ ބަލާށެވެ.
ދުނިޔޭގެ ކަންކޮޅުތަކުގައި މިހާރު އެންމެ ގިނައިން އަބަދުވެސް ދެކެވޭ ވާހަކައަކީ އިންސާނީ ހައްގުތަކުގެ ވާހަކައެވެ. އެއްބަޔަކު އަނެއްބައެއްގެ ހައްގަށް އަރައިގަންނަ ވާހަކައެވެ. ހައްގުތައް ދިފާއު ކުރުމަށް އަދަބުތައް ކަނޑައެޅިފައިވާ ގަވާއިދާޢި ގާނޫނު ދަނީ ފާސްކުރެވެމުންނެވެ. ނަމަވެސް އަންނައޮތް ޖީލުތަކުގެ ހައްގާއި މެދު ވިސްނާލެވިފައިވޭތޯއެވެ. ދުނިޔޭގެ ވައިގެ ފަށަލާއިގައި ކާބަން އިތުރުވަމުންދާ ކަމަށް ވާނަމަ ކުރިއަށް އޮތް ޖީލުތަކުގެ އެންމެ އަސާސީ ހައްގު މިހާރު މިނިގުޅާއި ގަނެވެނީއެވެ. އެމީހުން ނޭވާލުމަށް ބޭނުންވާ ސާފުވައި ނެތުމުގެ ޒިއްމާ ކޮބައިތޯއެވެ؟ މިއީ ކޮންމެ މަޚްލޫގަކަށް ލިބެންޖެހޭ އަސާސީ ހައްގެކެވެ.