English Edition
Dhivehi Edition

ޕޮލިހުގެ ފަރާތުން ‘އަމާން ވެށި’ ގެ ނަމުގައި އައްޑޫގައި ކުރިޔަށް ގެންދާ ހަރަކާތްތަކުގައި ބައިވެރިވުމުގެ ފުރުސަތު އާންމުންނަށް ހުޅުވާލައިފިއެވެ.

18 ޖޫން 2019 އިން ފެށިގެން 30 ޖޫން 2019 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށް ގެންދިއުމަށް ނިންމާފައިވާ ހަރަކާތްތަކުގެ ތެރޭގައި ކަސްރަތު ޕްރޮގްރާމަކާއި އިސްރަށްވެހިންނަށް އަމާޒުކޮށްގެން ބާއްވާ ހަވީރަކާއި ސްކޫލު ކުދިންނަށް ހިންގާ ހަރަކާތްތަކެއް ހިމެނެއެވެ.

މި ޕްރޮގްރާމާއި ބެހޭ މައުލޫމާތު އައްޑޫ ސިޓީ ކައުންސިލާއި ހިއްސާކުރަމުން ޕޮލިހުން ވިދާޅުވީ ޖޫން މަހުގެ ފަހު ދެ ހަފްތާގައި ފެށުމަށް ހަމަޖެހިފައިވާ މި ޕްރޮގްރާމްގައި ފުރަތަމަ ހަފްތާގައި އޮންނާނީ ސްކޫލް ކުދިންނަށް ބާއްވާ ކޭމްޕެއް ކަމަށެވެ. މި ކޭމްޕް ބޭއްވުމަށް ނިންމާފައިވަނީ ހިތަދޫ ސްކޫލުގައެވެ. އަދި ދެވަނަ ހަފްތާގައި ބާއްވާ ކޭމްޕް އޮންނާނީ ޝަރަފުއްދީން ސްކޫލުގައި ކަމަށާއި ކޮންމެ ކޭމްޕެއްވެސް ކުރިއަށްގެންދާނީ 115 ވަރަކަށް ސްކޫލް ދަރިވަރުން ބައިވެރިކޮށްގެން ކަމަށް ޕޮލިހުންވަނީ ވިދާޅުވެފައެވެ.

މީގެ އިތުރުން ޕޮލިހުން ވިދާޅުވީ ސްކޫލް ދަރިވަރުންނަށް ހިންގާ ކޭމްޕް ހަރަކާތް ކުރިއަށް ދާއިރު އާންމުންނަށް ހިންގާ ކަސްރަތު ހަރަކާތްތައްވެސް ރަށުތެރޭގައި ކުރިއަށް ދާނެ ކަމަށެވެ.އަދި މިކަސްރަތު ޕްރޮގްރާމުގައި ބައިވެރިންނަށް ދަސްކޮށްދެއްވުމަށް ޕޮލިހުގެ ފަރާތުން އެކަމަށް ޙާއްސަ އިންސްޓްރަކްޓަރުން ތިއްބަވާނެކަމާއި މި ޕްރޮގްރާމްގައި ކަސްރަތު ކުރުމުގައި ގެންގުޅެންޖެހޭ ރަނގަޅު އާދަތަކާއި ގޮތްތައް ދަސްކޮށްދޭނެކަމަށް ޕޮލިހުން ވިދާޅުވިއެވެ.

‘އަމާން ވެށި’ ޕްރޮގްރާމު ނިންމުމުގެ ހަރަކާތެއްގެ ގޮތުގައި ކުރިއަށް ގެންދަން ހަމަޖެހިފައިވަނީ 65 އަހަރުން މަތީގެ މީހުންނަށް ހާއްސަކޮށްގެން އިސްރަށްވެހިންނަށް ބާއްވާ ހަވީރެއްކަމަށް ޕޮލިހުން ބުންޏެވެ.

އަމާންވެށި ޕްރޮގްރާމުގެ ތެރެއިން ކަސްރަތު ޕްރޮގްރާމައި، އިސްރަށްވެހިންގެ ހަވީރުގައި ބައިވެރިވުމަށް ނަންނޯޓު ކުރެއްވުމަށް ގުޅުއްވާނީ9791612 އަށެވެ.