English Edition
Dhivehi Edition

މޫޝާން މުބާރިކަކީ ރާއްޖޭގެ މިޔުޒިކް އިންޑަސްޓްރީ އަށް އާ ނަމަކަށް ނުވާނެ އެވެ. ހުނަރުވެރި ލަވަކިޔުންތެރިޔާ މޫޝާން އަކީ ރާއްޖޭގެ ރިސޯޓްތަކަށް އާ މޫނެއް ވެސް ނޫނެވެ.

އޭޝިއާ ޕެސިފިކް ބްރޯޑްކާސްޓިން ޔޫނިއަން (އޭބީޔޫ) އިން މަކާއޫގައި ބޭއްވި ޓީވީ ސޯންގް ފެސްޓިވަލްގައި، މިދިޔަ އަހަރު ރާއްޖެ ތަމްސީލްކޮށް ލަވަކިޔާފައިވާ މޫޝާނަކީ އައްޑޫއަށް ނިސްބަތްވާ “އައްޑޫގެ ދަރިއެއް” ކަން އެނގުމުން ގިނަ ބަޔަކު ހައިރާންވެ އެވެ. ރިސޯޓްތަކުގައި އޭނަގެ ރަން އަޑުން ޝޯ ހުށަހަޅައި ދެމުންދާއިރު އެތަނުން ދިމާވާ އައްޑޫ މީހުން މޫޝާނާ ބައްދަލުކުރަނީ އަމިއްލަ އާއިލާގެ މެމްބަރެއްގެ ގޮތުގައި ފަޚުރާއެކުގަ އެވެ.

މޫޝާން މުބާރިކަކީ އައްޑޫސިޓީގެ ފޭދޫ މަންމައަކާއި ހުޅުދޫ ބައްޕައެއްގެ ދަރިއެކެވެ. ކުޑައިރު އަމިއްލަ ރަށުގައި ދިރިއުޅުމަށްފަހު މޫޝާންގެ އާއިލާ މާލެއަށް ހިޖުރަކުރީ ބައްޕަ، މުބާރިކްގެ ވަޒީފާ މާލެއަށް ބަދަލުކުރުމާ ގުޅިގެންނެވެ.

މޫޝާންގެ މަންމައަކީ ފޭދޫގެ ގިނަ ބަޔަކަށް މަޝްހޫރު ފެހުންތެރިއެކެވެ. އެއްބަނޑުއެއްބަފާ ތިން ބެއިންނާ އެކު ހިމެނޭ މޫޝާންގެ އާއިލާއަކީ އެއްވެސް މިންވަރަކަށް މިޔުޒިކްގެ ތެރޭގައި އުޅެފައިވާ އާއިލާއެއް ނުމެ ނޫންމެއެވެ.

މޫޝާންގެ ބައްޕަ މުބާރިކަކީ ތައުލީމީ ދާއިރާއަށް ގިނަދުވަސްތަކެއް ވަންދެން ޚިދުމަތް ކުރެއްވެވި ބޭފުޅެކެވެ. ނަމަވެސް ބައްޕައަކީ މިޔުޒިކަށް ވަރަށް ލޯބިކުރެއްވެވި ބޭފުޅެއް ކަމަށް މޫޝާން ބުންޏެވެ. މޫޝާންގެ ކިބައިގައިވާ މިޔުޒިކްގެ ހުނަރު ފާހަގަކުރެވި އޭނައަށް ބައްޕަ ހޯއްދަވައި ދެއްވެވި ވިންޓޭޖު ބްރޭންޑްގެ އެކޯސްޓިކް ގިޓާ އަކީ މޫޝާންގެ މިއަދުގެ ދިރިއުޅުން ކަމުގައި ވަނީ ވެފައެވެ.

11229964_979461295470326_7773004055235072706_nމަންމަ އާއި އާއިލާގެ ހިއްވަރާއެކު ގިޓާގެ ނަރުތަކުގައި ކޮއްޓަމުން އޭނާ ދަސްކުރި މި ހުނަރުގެ ސަބަބުން މިއަދު މޫޝާނަކީ އައްޑޫގެ ރައްޔިތުންވެސް ފަޚުރުވެރިވާފަދަ ހުނަރުވެރި ފަންނާނަކަށް ވަނީ ވެފަ އެވެ. “ޑީސެންޓް” ސްޓައިލަށް ހުންނަ އެންމެންނާ ވެސް ގުޅޭ، ހިތްހެޔޮ މިޒާޖުގެ މޫޝާނަކީ މިހާރު ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގައި އެންމެ އަގު ބޮޑު މިޔުޒިކް ކުޅުންތެރިޔާ އެވެ.

ޖަމާލުއްދީން ސްކޫލުގައި މެދުމަދުރަސީ ތައުލީމު ފުރިހަމަ ކުރުމަށްފަހު މަޖީދިއްޔާ ސްކޫލަށް ބަދަލުވެ އެތަނުގައި ސާނަވީ އަށް މޫޝާން ކިޔަވަމުން ދިޔަ ދުވަސްވަރަކީ، ސްކޫލުތަކުގެ ލަވަމުބާރާތްތަކުން ގިނަ ފަންނާނުން އުފެދި މަޝްހޫރުވަމުން ދިޔަ ދުވަސްވަރެވެ.

މޫޝާނަކީ ވެސް ސްކޫލުގެ މިޔުޒިކް ކްލާހުގައި ބައިވެރިވި ދަރިވަރެކެވެ. އޭނަގެ ކިބައިގައިވާ މިޔުޒިކްގެ ހުނަރު އޭނަގެ މަންމައަށާއި އަދި މުދައްރިސުންނަށް ފާހަގަކުރެވި ސްކޫލުކުދިންގެ މުބާރާތުގައި މޫޝާން ބައިވެރިކުރުމަށް ކުރި ހުރިހާ މަސައްކަތްތަކަށް މޫޝާން ވަނީ ނޫނެކޭ ބުނެފައެވެ. ސަބަބަކީ އޭނަގެ ކިބައިގައިވާ ލަދުރަކިކަން ކަމަށް މޫޝާން ބުންޏެވެ.

“މަންމަމެން ވަރަށް މަސައްކަތްކުރި މޫޝާން މުބާާރާތްތަކުގައި ބައިވެރިކުރުވަން. އެކަމަކު ކޮންމެވެސް ގޮތަކުން އެކަމުން ފިލަނީ. އޭރު މީހުންގެ ކުރިމަތީގައި ޕާރފޯމް ކުރަން ވަރަށް ބިރުގަނޭ . އެކަނި ހުރެގެން ކިތަންމެ ވަރަކަށް ވެސް ލަވަކިޔިދާނެ. އެކަމަކު އޯޑިއަންސަކާ ކުރިމަތިލާނެ ހިތްވަރެއް އޭރަކު ނެތް” އައްޑޫ އޮންލައިން މޫޝާން ބުންޏެވެ.

މަޖީދިއްޔާ ސްކޫލުގައި ތައުލީމު ހާސިލްކުރުމަށްފަހު ބައްޕައާއި އެކު ލަންކާގައި ދިރިއުޅުނު ދުވަސްވަރު މޫޝާންގެ ލަވަކިޔުމުގެ ހުނަރު އިތުރަށް ތަރައްގީވުމަށް ވަރަށް ބޮޑަށް ފުރުސަތު ލިބިގެން ދިޔަކަމަށް އޭނާ ކިޔައިދިނެވެ.

“އެތަނުން ދިމާވި އެކުވެރިންގެ ގުރޫޕެއް. ގުރޫޕު އެކީގައި ގިޓާކުޅެ ލަވަކިޔަން ފެށީ. އެގޮތުން މި ފަންނުގައި ނޭގޭ ވަރަށްގިނަ ތަކެތި އެކުވެރިންގެ ފަރާތުން އެނގިގެން ދިޔަ. އެކަމަކު އެއްވެސް އޯޑިއަންސެއްގައި ލަވަ ނުކިޔަން. ރައްޓެހިން އަމިއްލައަށް ގުރޫޕުގައި އެކަނި ތިބެގެން ލަވަ ކިޔަނީ،” އައިޓީ ދާއިރާއިން މަތީ ތައުލީމަށް ކިޔަވަން ލަންކާއަށް ދިޔަ ނަމަވެސް މިޔުޒިކްގެ ދާއިރާއިން ކުރިއަށް ދިޔަ މޫޝާން ބުންޏެވެ.

10888574_772230239526767_1479528497840904541_nއޭގެ ފަހުން ވެސް މާލެއަށް ބަދަލުވެ މޫޝާން މިޔުކިޒްގެ ރޮނގުން ކުރިއަށް ދިޔައެވެ. ނަމަވެސް އެކުވެރިންނާ އެކު ގޭގެ ފާރުބުރިމަތީގައްޔާއި ކޮފި މޭޒުދޮށްތަކުގަ އެވެ.

އަތުގައި އޮންނަ ފޯނު ފަދައިން އޭނާ ދާހާތަނަކަށް އޭނައާއެކު ގިޓާވެސް ގެންދެ އެވެ. އެއްވެސް ޝޯއަކަށް އަރާކަށް މޫޝާނަށް އޭރަކު ވެސް ނުކެރެ އެވެ.

ޕާލް ޖޭމްގެ “ލާސްޓް ކިސް” އާއި އޭރުގެ މަޝްހޫރު ދިވެހި ބޭންޑް “އިލްސައިޓް” ގެ “އެ ހީލުން” ފަދަ ލަވަތަކަކީ އެކުގައި އުޅުނު އެހެން އެކުވެރިން ފަދައިން މޫޝާން ވެސް އެންމެ ފުރަތަމަ ދަސްކުރި ލަވަތަކެވެ. އެގޮތަށް ގިޓާކުޅެ ލަވަކިޔަމުން ދިޔަ މޫޝާންއަށް އެންމެ ފުރަތަމަ ރިސޯޓެއްގައި ޝޯއެއް ހުށަހެޅުމުގެ ފުރުސަތުވެސް ހޯދައިދިނީ ގާތް ރަހްމަތްތެރިންކަމަށް އޭނާ ބުންޏެވެ. އެއީ އޭނަގެ މިއަދު އަދާކުރަމުންގެންދާ ވަޒީފާގެ ފެށުމެެވެ.

ސްކޫލްގައި ކިޔަވަން އުޅުނު އިރު މޫޝާން ލައްވައި ލަވަ ކިޔުއްވަން އޭނާގެ މަންމަމެން ބޭނުން ވިޔަސް ސްކޫލް ނިންމާލާފައި، ވަޒީފާއެއްގެ ގޮތުގައި މިއުޒިކްގެ ދާއިރާ އަށް މިސްރާބު ޖެހުމުން އާއިލާގެ މީހުން ހިތްހަމައެއްނުޖެހުނެވެ.

“މިއުޒިކް ކުޅެން އަޅުގަނޑު ނުކުތީ އަޒުމަކާ އެކު. އެއީ ދިވެހި މިއުޒީޝަނުންނާ މެދު ދިވެހިން ދެކޭ ގޮތް ބަދަލުކުރަން އަޒުމް ކަނޑައަޅައިގެން. މިއުޒިކް ކުޅެނީ އަދާ ކުރާނެ ވަޒީފާއެއް ނުލިބޭ، ކަމެއް ނެތިފައި ތިބޭ މީހުންނޭ ދިވެހިން އެ ބުނާ ބުނުން، ދިވެހިންގެ އެ ވިސްނުން ބަދަލުކުރަން އަޅުގަނޑު ގިޓާ ނަގައިގެން މިއުޒިކް ކުޅެން ނުކުތީ،” މޫޝާން ބުންޏެވެ.

މިދާއިރާގައި އޭނާ އަށް ކުރިމަތިވި ފުރަތަމަ ގޮންޖެހުމަކީ މަންމަމެންގެ ވިސްނުން ބަދަލުކޮށްލެވޭ ވަރުގެ ރާގެއް ކުޅުމުގެ ޗެލެންޖެވެ. އެ ރާގު އޭނާ އެކި ގޮތްގޮތަށް ކުޅެމުން ގޮސް އޭނާގެ މަންމަމެންނަށް ކަމުދާވަރު ކުރެވުނީ ހަތަރު އަހަރުންނެވެ.

މިހާރު، ރިސޯޓްތަކުގައި ހަފްތާއަކު ފަސް ރޭ މިއުޒިކް ކުޅެމުން އަންނަ މޫޝާން އާއްމުންނަށް ތައާރަފްވީ ޕާކިސްތާނުގައި ފެންބޮޑުވެގެން ހާލުގައި ޖެހުނު މީހުންނަށް އެހީވާން ރާއްޖޭގައި ކުރިއަށް ގެންދިޔަ ޓެލެތޯން އަށް މަރިޔަމް އުނޫޝާއާ އެކު ކިޔައިދިން ތީމް ލަވަ އާއި އެ ޓެލެތޯންގެ ޕާފޯމެންސުންނެވެ.

އޭނާ ވަނީ އޭޝިއާ ޕެސިފިކް ބްރޯޑްކާސްޓިން ޔޫނިއަން (އޭބީޔޫ) އިން މަކާއޫގައި ބޭއްވި ޓީވީ ސޯންގް ފެސްޓިވަލްގައި، މިދިޔަ އަހަރު ރާއްޖެ ތަމްސީލްކޮށް ލަވަކިޔާފަ އެވެ. އެއީ މިދާއިރާއިން މިހާތަނަށް ލިބުނު އެންމެ ބޮޑު ކާމިޔާބީކަމަށް މޫޝާން ބުންޏެވެ. ރިސޯޓްތަކުގައި މިޔުޒިކް ކުޅުމުގެ އިތުރުން މޫޝާން ވަނީ މިހާތަނަށް އޭނަގެ އަމިއްލަ ހަތް ލަވަ ރިލީޒްކޮށްފައެވެ. މޫޝާން ބުނި ގޮތުގައި އޭނާގެ “އިހުސާސް”ގެ ޝޫޓިން ވެސް މި މަހު ފަށާނެ އެވެ. އަދި އޭނާގެ ފުރަތަމަ އަލްބަމް “ދެތިން މަސް ތެރޭ” ރިލީޒް ކުރަން މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް ބުންޏެވެ.

ޓީވީ ޝޯއެއްގައި 2013ވަނަ އަހަރު ރިލީޒްކުރި “ރީތިކަން” އަކީ މޫޝާން، ގެ އެންމެ މަޝްހޫރު ލަވަ އެވެ.

އޭނާގެ ރާގަކަށް މުހައްމަދު އައްލާމް ލަތީފް (މޮހޯ) ޅެން ހަދާފައިވާ ރޮމޭންޓިކް ލަވައިގެ ވީޑިއޯގައި މޫޝާންގެ ބައިވެރިޔަކީ ޓީވީ ޕްރެޒެންޓަރެއްގެ ގޮތުގައި ވަރަށް ކުރިންސުރެ މަޝްހޫރުކަން ހޯދާފައިވާ އާމިނަތު ސޫޒަން އެވެ.

މިއީ، ކުޑައިރު ބައެއް ފިލްމުތަކުން ފެނިފައިވާ ސޫޒަން، ވީޑިއޯ ލަވައެއް ކުޅުނު ފުރަތަމަ ފަހަރެވެ. އަދި މޫޝާން އެކްޓް ކުރީ ވެސް އަލަށެވެ.

10171233_863266267089830_3131795456770944728_nމޫޝާންގެ މިހުރިހާ ކާމިޔާބީތަކާއެކުވެސް އޭނާ އެންމެ އުފާވާކަމަކީ އައްޑޫސިޓީއަށް ނިސްބަތްވާ އައްޑޫގެ މީހަކަށް ވުމެވެ.

“ރިސޯޓްތަކުގައިވެސް މުޅިންހެން އުޅެނީ އައްޑޫ މީހުން. ޝޯ ހުށަހަޅައި ދޭން ރިސޯޓަށް ގޮސްވެސް އެކަނިވެރިކަމެއް އިހްސާސްނުކުރެވޭ. އައްޑޫމީހުންނާ ވަރަށް ދިމާވޭ. އަމިއްލަ އާއިލާއާއި ބައްދަލުވެވޭކަހަލަ ގޮތެއް އެމީހުންނާ ދިމާވުމުން ވަނީ. މޫޝާނަކީވެސް އައްޑޫ މީހެކޭ ބުނެ އައްޑޫބަހުން އެމީހުންނާ ވާހަކަދައްކާ މަޖާކޮށްލެވުމުން ވަރަށް އުފާވޭ” ކުޑައިރުއްސުރެން ފެށިގެން މާލޭގައި ދިރިއުޅުނު ނަމަވެސް މޫޝާނަކީ އެންމެ ފުރިހަމަ ގޮތުގައި “އައްޑޫ”ގެ ރައްޔިތެކެވެ.
ޗުއްޓީ ހޭދަކޮށްލާން މަދުމަދުން ނަމަވެސް އައްޑޫއަށް ދާ ކޮންމެ ފަހަރަކު އަމިއްލަ ފަސްގަނޑުގައިވެސް މޫޝާން ވަނީ އޭނަގެ އެކުވެރިންގެ އެދުމަށް ލަވަކިޔައިދީ ހަދާފައެވެ. މީގެ އިތުރުން އާއިލާގެ ފަރާތުން ބާއްވާ ކައިވެނި ހަފްލާތަކުގައިވެސް އޭނަގެ ރަންއަޑު ވަނީ އިއްވާލަދީފަ އެވެ.11951158_1000920699991052_7533776514935820473_n

“މި ދާއިރާއިން އެހީއަކަށް އެދިގެން އައްޑޫގެ މީހަކު އައިސްފިއްޔާ މޫޝާނަށް ވީވަރަކުން އެހީތެރިކަން ފޯރުކޮށްދޭނަން. އައްޑޫގައި ބާއްވާ ޝޯތަކުގައިވެސް ލަވަ ހުށަހަޅަން ފުރުސަތު ލިބިއްޖެއްޔާ ވަގުތުވާ މިންވަރަކުން އެކަންވެސް ކޮށްދޭނަން. އަމިއްލަ ފަސްގަނޑުގައި ހުނަރު ދައްކާލެވުމުގެ ފުރުސަތު ލިބުމަކީ ވަރަށް އުފާވާކަމެއް”

މި އަންނަ އޮކްޓޯބަރު މަހުގައި އައްޑޫގައި ބޭއްވުމަށް ތައްޔާރުވަމުންދާ ސަނަމްޕޫރީގެ ޝޯގައިވެސް މޫޝާން ބައިވެރިވެ އެވެ.

އެއީ މޫޝާންގެ ހުނަރު، އަމިއްލަ ލޮލުން ދެކިލުމަށްތިބި އައްޑޫގެ ޒުވާނުންނަށް އުފާވެރި ޚަބަރަކަށް ވާނެއެވެ.