ކުއާޓަރ ފައިނަލުގެ މިރޭގެ ދެވަނަ މެޗުގައި ފްރެންޑްސް ކުލަބާ ދެކޮޅަށް ނުކުންނާނީ ފައިނަލެއް ކަމަށް ދެކިގެން ކަމަށް އެފްސީ ސްކޫޕް ކަންމަތިން ބުނެފިއެވެ.
އެޓީމުގެ މެނޭޖަރ ޢަބްދުﷲ ނަވީދު ބުނީ މިރޭގެ މެޗަށް ނުކުންނައިރު އެއްވެސް އިންޖަރީއެއް އަދި ސަސްޕެންޝަނެއް ވެސް ނެތްކަމަށެވެ. އެހެން ކަމުން މިރޭގެ ހުރިހާ ވިސްނުމެއްހުރީ ފްރެންޑްސް ކުލަބު ބަލިކޮށް ތައްޓާ ދިމާއަށް ކުރަމުންދާ ދަތުރު އަވަސްކުރުން ކަމަށެވެ. މި މެޗުން މޮޅުވާ ޓީމެއް ހެޕީމާކެޓު ގޯދިއްޔާ ފުޓުސަލް ކަޕްގެ ސެމީއަށް ދާނެއެވެ. ބަލިވާ ޓީމު ކަޓާނެއެވެ.
“މިރޭ ނުކުންނާނީ ފައިނަލެއް ކަމަށް ދެކިގެން ފްރެންޑްސް ކުލަބު ބަލިކޮށް ތައްޓާ ހަމައަށް ދާން. ކުޅިވަރުގައި ކޮންމެ ގޮތެއް ވެސް ވެދާނެ އެކަމަކު އުންމީދު ކުރަނީ މޮޅުވާން. މޮޅުވާނެ އިރާދަ ކުރެއްވިއްޔާ” ނަވީދު ބުންޏެވެ.
އޭނާ ބުނީ ފްރެންޑްސް ކުލަބަކީ މިހާތަނަށް އެންމެ ގިނަ ގޯލް ޖަހައިފައިވާ ޓީމު ކަމަށެވެ. އެހެން ކަމުން މަސައްކަތްކުރާނީ ބައިކޮޅަށް ގިނަ ގޯލްތަކެއް ވަނަ ނުދީ ފްރެންޑްސް ކުލަބު ބަލިކުރަން ކަމަށް އޭނާ ބުންޏެވެ. މުޅި ޓީމުގެ ރޫޙު ހުރީވެސް އެގޮތަށެވެ.
“މުބާރާތް ފެށިގެން މެޗަކަށްފަހު މެޗެއް ރަނގަޅު ކުރަމުން އަޅުގަނޑުމެންގެ ޓީމު މިއަންނަނީ. މިރޭވެސް ބަލާނީ ތަފާތު ކުޅުމެއް ދައްކައިގެން ފްރެންޑްސް ކުލަބު ބަލިކުރަން،” އޭނާ ބުންޏެވެ.
އެފްސީ ކޫޕްކަންމަތި ކުއާޓަރ އަށް ދަތުރުކުރީ ގްރޫޕް ސްޓޭޖުގައި ކުޅުނު ތިން މެޗުން އެއް މެޗުން ބަލިވެ ދެ މެޗުން މޮޅުވެ ގްރޫޕް ބީ ދެވަނަ ޓީމުގެ ގޮތުގައެވެ. ފުރެންޑްސް ކުލަބު ކުއާޓަރއަށް ދަތުރުކުރީ ކުޅުނު ތިން މެޗުން ވެސް މޮޅުވެ 9 ޕޮއިންޓާއެކު ގްރޫޕް ޑީ ގެ އެއްވަނަ ޓީމުގެ ގޮތުގައެވެ. މި މެޗު ފެށުމަށް ހަމަޖެހިފައިވަނީ މިރޭ 10:30 ގައެވެ.