ހެޕީމާކެޓް ގޯދިއްޔާ ފުޓުސަލް ކަޕުގެ ކުއާޓަފައިނަލުގައި ޔަންގްވަންސާ ދެކޮޅަށް މިރޭ ނުކުންނާނީ އެޓީމު ވަރަށް ރަނގަޅަށް އެނގިގެން ކަމަށް މާކަރީޔުނައިޓެޑުން ބުނެފިއެވެ.
މާކަރީ ޔުނައިޓެޑުގެ މެނޭޖަރ ޙުސައިން އައުޒާރު ބުނީ ދެޓީމުގައި ވެސް ގިނައީ މާލޭގެ މުބާރާތްތަކުގައި ކުޅޭ ކުޅުންތެރިން ކަމަށެވެ. އެހެންވެ އެއްބަޔަކު އަނެއް ބަޔަކަށް ވަރަށް ރަނގަޅަށް އެނގޭނެ ކަމަށެވެ. އަދި މިމުބާރާތުން ވެސް ޓީމުތަކުގެ ކުޅުން ވަރަށް ރަނގަޅަށް ދަސްވެފައިވާ ކަމަށް އޭނާ ބުންޏެވެ. އެހެންވީމާ މިރޭ ޔަންގްވަންސާ ދެކޮޅަށް ނުކުންނާނީ އެ ޓީމުގެ ކުޅުން ރަނގަޅަށް އެނގިތިބޭ ސެމީގެ ޖާގައެއް ހޯދަން ކަމަށް އޭނާ ބުންޏެވެ.
އައުޒާރު ބުނީ ޔަންގްވަންސް ކުއާޓަރފައިނަލަށް ދަތުރުކޮށްފައިވަނީ ހުރިހާ މެޗަކުން މޮޅުވެ ރަނގަޅު ސްކޯރިންއަކާއެކީގައި ކަމަށެވެ. އެޓީމުގައި ވަރަށް މޮޅެތި ހުނަރުވެރި ކުޅުންތެރިންތަކެއް ތިބުމުން މިރޭ ގޭމް ޕްލޭން ރާވާނީ އެކަމަށް ވިސްނައިގެން ކަމަށް ވެސް އޭނާ ބުންޏެވެ. “ޔަންގްވަންސްގެ ގިނަ ކުޅުންތެރިންނަކީ މާލޭގައި ކުޅޭ މުބާރާތްތަކުގައި ކުޅޭ ކުޅުންތެރިން. އަޅުގަނޑުމެން ޓީމުގައި ވެސް ގިނައިން ކުޅޭނީ މާލޭގައި ކުޅޭ ކުޅުންތެރިން. އެހެން ވީމާ އެއްބަޔަކު އަނެއްބަޔަކަށް ވަރަށް ރަނގަޅަށް އެނގޭނެ. އެކަމަށް ބަލައިގެން ތައްޔާރުވާނީ،” އައުޒަރު ބުންޏެވެ.
މި މެޗަށް ނުކުންނައިރު މުހިންމު އެއް ކުޅުންތެރިއަކަށް އެންމެފަހުގެ ޕްރެކްޓިހުގައި އަނިޔާވެފައިވާ ކަމަށާއި މެޗަށް އޭނާ ފިޓް ނުވެއްޖެނަމަ އެއީ ވަރަށްބޮޑު ގެއްލުމެއް ކަމަށް ވެސް އޭނާ ބުންޏެވެ. އެޓީމަށް ވަނީ ގުރޫޕްސްޓޭޖުގައި ދެ ރީނދޫ ކާޑު ދައްކައިފައެވެ. އެހެންނަމަވެސް އޭގެ އަސަރެއް މިމެޗަށް ކުރާނެ ކަމަށް އޭނާ ޤަބޫލެއް ނުކުރެއެވެ.
މިރޭގެ މެޗަށް މާކަރީ ޔުނައިޓެޑް ވަނީ ވަރަށް ބޮޑަށް ތައްޔާރުވެސް ވެފައި ކަމަށާއި ނުކުންނާނީ ސީދާ މޮޅަކަށް ކަމަށް އޭނާ ބުންޏެވެ. “ކުއާޓަރއަށް ދިޔަފަހުން ވަރަށް ރަނގަޅު 4 ވަރަކަށް ޕްރެކްޓިސް ވެސް ކުރެވިއްޖެ. އެއާއެކު މިރޭގެ މެޗަށް މިވަނީ ވަރަށް ރަނގަޅަށް ތައްޔާރުވެފައި. ޓީމުގެ ކުޅުންތެރިން ވެސް ވަރަށް އިތުބާރު އެބައޮތް މެޗު ކާމިޔާބުވާނެ ކަމާމެދު،” އައުޒަރު ބުންނެވެ.
ޔަންގްވަންސާއި މާކަރީ ޔުނައިޓެޑް ކުޅޭ މެޗު ފަށާނީ މިރޭ 9:30 ގައެވެ.