English Edition
Dhivehi Edition

ސަންގު ޓީވީން ގެނެސްދިން ޑްރާމާއެއްގައި ދިވެހި މުޖްތަމައުގެ މިންގަޑުތަކަށް ނުފެދޭ، ބަދުއަހުލާގީ މަންޒަރުތަކެއް ބްރޯޑްކާސްޓްކޮށްފައިވާ މައްސަލައިގައި ޖަވާބުދާރީވާން މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަނުން އެ ޓީވީ އަށް އަންގައިފި އެވެ.

އަންނަ މަހުގެ 11 ވަނަ ދުވަހުގެ 2:00 ގެ ކުރިން ލިޔުމަކުން ބްރޯޑްކާސްޓިން ކޮމިޝަނަށް ޖަވާބު ދިނުމަށް ސަންގު ޓީވީއަށް އަންގާފައިވާއިރު ޖަވާބުދާރީ ނުވާ ނަމަ، ލިބިފައިވާ ހެކިތަކުގެ އަލީގައި މައްސަލަ ބަލައި ނިންމާނެކަމަށްވެސް އެ ކޮމިޝަނުންވަނީ ސަންގު ޓީވީއަށް އަންގާފައެވެ.

މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ދެއްކި ޑްރާމާ ސިލްސިލާ “ރޯހާ ފުއްޓަރު” ގައި މުޖުތަމައުގެ އާންމު އަހުލާގަށް ނުފެތޭ ބަދު އަހުލާގީ މަންޒަރުތަކެއް ބްރޯޑްކާސްޓްކޮށްފައިވާ އިރު މި މައްސަލައާއި ގުޅިގެން ގިނަ ބަޔަކުވަނީ ސޯޝަލްމީޑިއާގައި ވަރަށް ބޮޑަށް ފާޑުކިޔާފައެވެ.

ސންގު ޓީވީއިން ސިލްސިލާކޮށް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މި ސިލްސިލާއިން ދެއްކި މަންޒަރުތަކާއި ގުޅިގެން ގިނަ ބަޔަކު ހިތްހަމަނުޖެހުން ފާޅުކޮށްފައިވާއިރު ބްރޯޑްކޮމް އިން ބުނީ ޑްރާމާ ސިލްސިލާގެ ކޮންޓެންޓަކީ ބްރޯޑްކާސްޓް ކުރުމުގެ ސުލޫކީ މިންގަނޑާ ހިލާފަށް ބްރޯޑްކާސްޓްކޮށްފައިވާ ކޮންޓެންޓެއް ކަމަށް ބެލެވޭ ކަމަށެވެ. އެހެންކަމުން މި މައްސަލަ ބްރޯޑްކާސްޓިން ކޮމިޝަނުން ތަހުގީގުކޮށް ނިމެންދެން ކޮންޓެންޓް ރައްކާކޮށްފައި ބެހެއްޓުމަށް ވެސް ސަންގު ޓީވީ އަށް އަންގާފައިވާކަމަށް ކޮމިޝަނުންވަނީ ބުނެފައެވެ.