English Edition
Dhivehi Edition

މިހާރު އަހަރުމެންގެ ވަށައިގެން މުޅިންހެން ދަތުރު ކުރަނީ ވައިފައި ސިގުނަލް ތަކެވެ. އިންޓާނެޓް ބޭނުން ކޮށްލުމަށް މުޅިންވެސް މި ބޭނުން ކުރެވެނީ ވައިފައި އެވެ. ނަމަވެސް މި ޓެކްނޮލަޖީގެ މުހިއްމު އެހެން ބޭނުން ތައް އަދި މިތިބެވެނީ ދޫކޮށްލައިގެންނެވެ.

އެމެރިކާގެ ޔުނިވާސިޓީ އޮފް ވޮޝިންޓަންގެ އިންޖިނިއާސް ޓީމަކުން އާސިސްޓަމެއް އުފައްދައިފިއެވެ. އެއީ “ޕަވާ އޯވާ ވައިފައި” ނުވަތަ (ޕޯވައިފައި) އެވެ. މި ސިސްޓަމް މެދުވެރިކޮށް މިހާރު ވައިފައި ލިބޭ ހިސާބުތަކުން ބައެއް ޑިވައިސްތަކަށް ބޭނުންވާ ކަރަންޓް އުފައްދާ ދެއެވެ.

މި ސިސްޓަމް އުފެއްދުމުގެ ދިރާސާގެ އެންމެ އިސް އިލެކްޓްރިކަލް އިންޖިނިއާ ވަމްސީ ޓައްލާ ބުނާގޮތުން މިއީ މިގޮތަށް ވައިފައި މެދުވެރިކޮށް ކެމެރާ ސެންސަރާއި އަދި އެހެނިހެން ބައެއް ޑިވައިސްތަކަށް ކަރަންޓް ލިބޭނެ ގޮތް ހޯދުނު ފުރަތަމަ ފަހަރެވެ. އެމީހުން މި އުފެއްދި ސިސްޓަމުން ވައިފައި މެދުވެރިކޮށް ކަރަންޓު އުފައްދައެވެ. މީގެ ސަބަބުން ވައިފައި ސްޕީޑަކަށް އެއްވެސް ބަދަލެއް ނާދެއެވެ.

ދިރާސާ ކުރާ ފަރާތްތަކުން މިސިސްޓަމް ފުރަތަމަ އިއުލާން ކުރީ މިއަހަރުގެ ކުރީކޮޅުގައެވެ. ނަމަވެސް މި ދިރާސާގެ އެންމެ ފަހުގެ ކަރުދާސް “އެސޯސިއޭޝަން ފޯ ކޮމްޕިއުޓިން މެޝިނަރީސް ކޯނެކްސްޓް 2015” ކޮންފެރެންސަށް ހުށަހެޅުން ހަމަޖެހިފައިވަނީ އަންނަ މަހު ޖަރުމަން ގައެވެ. މިއީ އިލެކްޓްރޯނިކް ގެޖެޓްސް އާއި އަދި ވައިފައި ބޭނުން ކުރާ މީހުންނަށް ލިބިގެންދާނެ ހިތްހަމަ ޖެހުމަކެވެ.

ވަޔަލެސްކޮށް ކަރަންޓް ދަތުރު ކުރާވާހަކަ ދެއްކީމަ ކުޑަކޮށް ޖެހިލުންވާ ގޮތް ނުވޭތޯއެވެ؟ ޖެހިލުން ވުމުގެ އެއްވެސް ބޭނުމެއް ނެތެވެ. “ޕޯވައިފައި” އިން އުފައްދާ ކަރަންޓުން ޖެހިލުންވާނެ އެއްވެސް ނުރައްކަލެއް ނެތެވެ. މީގެއިން އުފައްދާ ކަރަންޓުގެ ހަކަތަ އެހާ ބާރު ގަދައެއް ނޫނެވެ. މީގެން ކަރަންޓު ދެވޭނީ “ލޯ ޕަވާ” ސެންސަރުތައް ހުންނަ ކުޑަ ޑިވައިސް ތަކަށެވެ. އެއީމިސާލަކަށް ކެމެރާ އަދި ފިޓްނަސް ޓްރެކާފަދަ އާލާތްތަކެވެ. މީގެއިން އުފައްދާ ކަރަންޓުން ފޯނުފަދަ އެއްޗެއް ޗާޖުކޮށް ނުލެވެއެވެ.

ޕޯވައިފައި އުފެއްދުމުގައި ދިރާސާ ކުރި ޓީމަށް ފާހަގަވީ ވައިފައި މެދުވެރިކޮށް ލިބޭ އެންމެ މަތީ ކަރަންޓުން ޗާޖްކޮށްލެވޭނީ މިގޮތަށް ދަށް ޕަވާ ހުންނަ ގެޖެޓްސް ތަކަވެ. ވައިފައި ރައުޓާއިން ސިގްނަލް ދަތުރު ކުރާ ވައްޓަފާޅީގެ ސަބަބުން ވަރަށް ގިނަ ހަކަތަ ބޭކާރު ވެގެންދެއެވެ.

ރައުޓާ ތަކުން އުފައްދާ ހަކަތަ ޕެކެޓް ތައް ވައިފައި ޗެނެލްގެ ތެރެއަށް ދޫކުރެވޭ މިންވަރު މަތި ކޮށް އަދި ހުރިހާ ވައްތަރެއްގެ ސެންސަރުތައް ލޯޕަވާ އިން މަސައްކަތް ކުރެވިއްޖެނަމަ މިދެބައި ވަރަށް ފުރިހަމައަށް ގުޅި ލާމެހިދާނެއެވެ. އަދި ވައިފައިގެ ސިގްނަލް މަތިކޮށްގެން އެކަށޭނެ ރަނގަޅު ހަކަތަ އުފެއްދުމަކީ ދުރުކަމެއް ނޫނެވެ.

އެޓީމުން ކުރި ޓެސްޓުން ވަރަށް ކާމިޔާބު ކަމާއިއެކު 5 މީޓަރު ދުރުގައި ހުންނަ ދަށް ހަކަތަ ބޭނުންވާ ވީޖީއޭ ކެމެރާ ވަޔާލެސްކޮށް ބަރާބަރަށް ހަކަތަ ނުވަތަ ކަރަންޓް ފޯރުކޮށް ދެވެއެވެ. އަދި ޕޯވައިފައި މެދުވެރިކޮށް “ޖޯބޯން އަޕް24” ގެ ފިޓްނެސް ޓްރެކާގެ ބެޓެރި މުޅިން ޗާޖު ހުސްވެފައި ހުއްޓާ ގާތްގަނޑަކަށް 2 ގަޑި ބައި އިރުން 41 އިންސައްތަ ޗާޖުކޮށްފައި ވެއެވެ.

ޕޯވައިފައި ބޭނުން ކޮށްގެން ޓެސްޓް ކުރެވުނު އިރު އެޓީމުންވަނީ ވައިފައި ލިބޭ ރައުޓާގެ އާއްމު ހަރަކާތްތައްވެސް ޓެސްޓް ކޮށްފައެވެ. މިގޮތަށް ޓެސްޓް ކުރުމަށް އެމީހުން 6 ގެއެއްގެ ވައިފައި ބޭނުން ކޮށްފައި ވެއެވެ. އިންޓާނެޓް ޕޭޖް ލޯޑް ކުރުމަށާއި އަދި ސްޓްރީމިންގެ ސްޕީޑަށް މީގެ ސަބަބުން އެއްވެސް ބަދަލެއް އައިސްފައި ނުވެއެވެ. މިއީ އެމީހުންނަށް ނެރެވުނު ވަރަށް ކާމިޔާބު ނަތީޖާއެކެވެ.

“މުސްތަގުބަލުގައި ޕޯވައިފައި ސިސްޓަމް މިހާރަށްވުރެ ބޮޑަށް ތަރައްގީކޮށް ބޮޑު ސަރަހައްދަކަށް ހަކަތަ ފޮނުވުމާއި އެކު ތަފާތު ގިނަ ސެންސަރު ތަކަށާއި އަދި އެހެނިހެން އާލާތްތަކަށް ކަރަންޓް ފޯރު ކޮށްދެވުމުގެ އުއްމީދު އެބައޮތް.” މިދިރާސާގެ ކޯއޯތާ ޝިޔާމު ގޮއްލާކޮޓާ ބުންޏެވެ.

ވައިރު މެދުވެރިކޮށް ފޯރުކޮށްދެވޭ ކަރަންޓާއި ޕޯވައިފައިން ފޯރުކޮށްދެވޭ ކަރަންޓާ އެއްވެސް ވަރަކަށް އަޅާ ނުކިޔޭނެއެވެ. މިކަމަށް އަދި މި ޓެކްނޮލަޖީ ތަރައްގީ ކުރަންޖެހެއެވެ. ނަމަވެސް ލޯޕަވާ ޑިވައިސް ތަކަށް މި އާހޯދުން ހަމަ ބަރާބަރެވެ. މީ އަދި ހަމަ ފެށުމެވެ. ނަމަވެސް މި ޕޯވައިފައި އަކީވެސް ބާޒާރަށް ނިކުތުމުން ގިނަ މީހުން ބޭނުންވާނެ ސިސްޓަމެކެވެ.