ރައްޔިތުންގެ މަޖިލިހުގެ މެމްބަރުން ބޭނުން ކުރައްވަމުން ގެންދެވި ޓަޗް ސްކްރީން މޮނިޓަރުތަކުގެ ބަދަލުގައި ކޮންމެ މެމްބަރަކަށް 9 އިންޗީގެ އައިޕެޑެއް ދީ، މަޖިލިހުގެ ޖަލްސާކުރާ މާލަމަށް ބޮޑެތި ބަދަލުތަކެއް ގެނެސްފިއެވެ.
މަޖިލީހުގެ މީޑިއާ ޑިރެކްޓަރު ހަސަން ޒިޔާއު ވިދާޅުވީ، ޗެމްބަރުގައި ހުންނަ ކޮންގްރެސް ސިސްޓަމް އަޕްގްރޭޑް ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށާއި، އެ މަސައްކަތުގެ ތެރެއިން މައިކް ސިސްޓަމާއި އިތުރު ކެމެރާތައް ހަރުކޮށް އިންސްޓޯލް ކުރަމުން އަންނަ ކަމަށެވެ.
މަޖިލިހުގެ ޖަލްސާކުރާ މާލަމުގައި ބޭނުން ކުރުމަށް އިލެކްޓްރޯނިކް ކޮންގްރެސް ސިސްޓަމަކާއި ވީޑިއޯ ބްރޯޑްކާސްޓިން ސިސްޓަމެއް ގާއިމްކުރާނެ ބައެއް ހޯދަން އިއުލާން ކުރީ ރައީސް ސޯލިހްގެ ސަރުކާރުގައި ފިނޭންސް މިނިސްޓްރީންނެވެ. އަދި ބިޑަށް ލައިގެން އެ މަޝްރުއޫ ސަރުކާރުން ހަވާލު ކުރީ ދިވެހި ކުންފުންޏެއް ކަމަށްވާ ޑިވިޝަން އޮފް އޯޑިއޯ ވިޝުއަލްސްއާއެވެ.
މީގެ އިތުރުން މަޖިލިސް ކުރާ މާލަމުގައި 4 ކެމެރާ ހުރި ނަމަވެސް، ސެކިއުރިޓީ ވަރުގަދަ ކުރުމުގެ ގޮތުން އިތުރު 7 ކެމެރާއެއް ވަނީ ހަރުކޮށްފައެވެ. ހަމައެއާއެކު އިތުރު ޓީވީތައް ވެސް އެ މާލަމުގައި ވަނީ ބަހައްޓައިފައެވެ.
އަންނަ އަންގާރަ ދުވަހުގެ ރޭ، 19 ވަނަ ރައްޔިތުންގެ މަޖިލިހަށް އިންތިޚާބުވެވަޑައިގެންނެވި މެމްބަރުން ހުވާ ކުރެއްވުމުގެ ޖަލްސާ މަޖިލިސްކުރާ ގޭގައި ބޭއްވުމަށް ވަނީ ހަމަޖެހިފަ އެވެ.