ހެޕީމާކެޓު ގޯދިއްޔާ ފުޓުސަލް ކަޕްގެ މިރޭގެ ދެވަނަ މެޗުގައި ބައްދަލުކުރީ ހިތަދޫ ދެ ޓީމު ކަމަށްވާ އެފްސީ ޒެފިއާއާއި އެފްސީ ސްކޫޕް ކަންމައްޗެވެ.
މިމެޗު 3-2 ލަނޑުން ކާމިޔާބުކުރީ ޤައުމީ ޓީމުގެ ކުރީގެ މަޝްހޫރު ކުޅުންތެރިއާ ޝަމްވީލް ޤާސިމް (ބޮންޑާ) ގެ ކޯޗު ކަމުގައި ނުކުތް އެފްސީ ޒެފީއާ އެވެ. މި މެޗަށް ނުކުތްއިރުވެސް މި ދެ ޓީމް ވަނީ ކުރިން ކުޅުނު ދެމެޗުން މޮޅުވެ ކުއާޓަރ ފައިނަލަށް ދަތުރު ކޮށްފައެވެ. ދެ ޓީމް ކުއާޓާއަށް ދަތުރު ކޮށްފައި ވިޔަސް މެޗުން ފެނިގެން ދިޔައީ ސީރިއަސް ކަމާއެކު މޮޅުވާން ކުޅުނު މަންޒަރެވެ.
މި މެޗުގެ ފުރަތަމަ ހާފުގައި ލަނޑު ޖަހައި ލީޑު ނެގީ އެފްސީ ސްކޫޕް ކަންމައްޗެވެ. މެޗުގެ ފުރަތަމަ ހާފުގެ ކުޅުން ނިމުނީ އެކެއް ސުމަކުން ސްކޫޕް ކަންމަތި ކުރީގައި އޮވެގެންނެވެ. ދެވަނަ ހާފު ފަށައިގެން ގިނައިރެއް ނުވަނީސް އިތުރު ލަނޑެއް ޖަހައި އެޓީމް ވަނީ ލީޑު ފުޅާކޮށްފައެވެ. ސްކޫޕްކަންމަތިން ދެވަނަ ލަނޑު ޖެހިތާ ގާތްގަނޑަކަށް ދެ މިނިޓު ފަހުން ޒެފިއާ ވަނީ ލަނޑެއް ޖަހައި ނަތީޖާ 2-1 އަށް ބަދަލުކޮށްފައެވެ. އެ ލަނޑުޖެހިތާ ގިނައިރު ތަކެއް ނުވަނީސް އިތުރު ލަނޑެއް ޖަހައި އެ ޓީމު ވަނީ ނަތީޖާ ހަމަހަމަ ކޮށްފައެވެ. އެލަނޑު ޖެހިތާ ދެތިން މިނިޓް ތެރޭ އިތުރު ލަނޑެއްޖަހައި ޒެފިއާ ވަނީ މެޗު ކާމިޔާބުކޮށް ބީ ގްރޫޕުގެ އެއްވަނަ ކަށަވަރު ކޮށްފައެވެ.
މިމެޗުގެ މޮޅުކުޅުންތެރިއާއަށް ހޮވުނީ ޒެފިއާގެ ކޯޗު އަދި ކުޅުންތެރިޔާ، ޖާޒީ ނަމްބަރ 8 ޝަމްވީލް ޤާސިމް (ބޮންޑާ) އެވެ. އޭނާ ވަނީ މިމެޗުގައި 2 ލަނޑު ޖަހައިފައެވެ. ޒެފިއާގެ އަނެއް ލަނޑު ޖެހީ އެޓީމުގެ ޖާޒީ ނަމްބަރ 10 ޙަސަން އިރުފާނެވެ.
މާދަމާރޭ ކުޅޭނީ ގްރޫޕް ސްޓޭޖުގެ ފަހު ދެމެޗެވެ. ފުރަތަމަ މެޗުގައި ބައްދަލުކުރާނީ އެފްސީ އަފިރިންނާއި ޔަންގް ވަންސް އެވެ. މިއީ ގްރޫޕް ބީ ގެ މެޗެކެވެ. ދެވަނަ މެޗުގައި ބައްދަލުކުރާނީ މަލްޓި ޖީނިއަސް ސިޓީއާއި އެސްއެމްޓީ އެވެ. މިއީ ގްރޫޕް ޑީ ގެ މެޗެކެވެ.