English Edition
Dhivehi Edition
އަނޫޝް ޖުމްހޫރީ ޕާޓީ އަށް ސޮއިކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން: ފޮޓޯ ޖޭޕީ

ނިމިގެންދިޔަ ރިޔާސީ އިންތިޚާބުގައި މައުމޫން ރިފޯރމް މޫވްމަންޓުގެ މެމްބަރެއްގެ ގޮތުގައި އިދިކޮޅު އިއްތިހާދުގައި މަސައްކަތް ކުރެއްވެވި މަޝްހޫރު ޓީވީ ޕްރެޒެންޓަރު އަހުމަދު އަނޫޝް ޖުމްހޫރީ ޕާޓީ އަށް ސޮއިކުރައްވައިފި އެވެ.

ޖޭޕީގެ އޮފީސް މ. ކުނޫޒުގައި މިރޭ ބޭއްވި ރަސްމިއްޔާތެއްގައި އަނޫޝް ވަނީ ޖޭޕީއަށް ސޮއިކުރައްވައި މެންބަރުކަމުގެ ފޯމް ޖޭޕީގެ ލީޑަރ ޤާސިމް އިބްރާހިމް އާއި ހަވާލުކުރައްވާފައެވެ.

މީގެ ކުރިންފޮރިން މިނިސްޓްރީގެ ކޯރޑިނޭޓަރުކަން ކުރެއްވެވި އަނޫޝް އަކީ ދިވެހި ބަހާއި އިނގިރޭސިބަހުން ތަފާތު އެކި ޕްރޮގްރާމްތައް އުފައްދާ ހުށައަޅައިދިނުމުގައި ކުޅަދާނަ ޒުވާނެކެވެ. މީޑިއާގެ ދާއިރާއިން ފުރަތަމަ ޑިގްރީވެސް ހާސިލްކުރައްވާފައިވާ އަނޫޝްއަކީ ބަހުސްކުރުމާއި، ވާހަކަދެއްކުމުގެ ފަންނުގައި ވެސް ވަރަށް ފާހަގަކޮށްލެވޭ ޒުވާނެކެވެ.

ޖޭޕީއަށް ސޮއިކުރެއްވުމަށްފަހު ވާހަކަފުޅުދައްކަވަމުން އަނޫޝް ވިދާޅުވީ ދިވެހިންގެ ދިވެހި ވަންތަކަމާއި ރިވެތި އުޞޫލުތައް ދަމަހައްޓަވައި ދިވެހީން ޚާއްސަކޮށް ޒުވާނުން ކުރިއެރުވުމަށް ޖޭޕީގެ ލީޑަރ ޤާސިމް މަސައްކަތް ކުރެއްވިގޮތް ޅަ ޢުމުރުއްސުރެ ފެނިވަޑައިގެންނެވި ކަމަށެވެ. އަދި ޖުމްހޫރީޕާޓީގެ ކުރިމަގަށްޓަކައި ޤާބިލްކަން ހުރި މިންވަރަކުން މަސައްކަތްކޮށްދެއްވަން ތައްޔާރަށް ހުންނެވި ކަމަށްވެސް އަނޫޝް ވިދާޅުވި އެވެ.

1 ކޮމެންޓް
Ali Ahmed
މެއި 21, 2019
ޖުމްހޫރީ ޕާޓީގެ ޙިއްސާއިން ކަޝަވަރުވީ.