English Edition
Dhivehi Edition

މަރަދޫ މަސް ދޯންޏަކުން މޫދަށް ތެޔޮ އަޅައިފިއެވެ.

އިޔެގެ ހަވީރު ވަގުތެއްގައި މޫދަށް ތެޔޮ އަޅާފައިވަނީ ، ދޯނި ސާފުކުރުމަށް ކަމަށް މަންޒަރު ފެނުނު ފަރާތްތަކުން ބުންނެވެ.

ތިމާވެއްޓަށް އެންމެ ގެއްލުން ހުރި އެއްކަމަކީ މޫދާ ، ފަޅުތެރެޔަށް ތެޔޮ އެޅުން ކަމަށް ބުނެ ގިނަ އަދަދެއްގެ މަސްވެރިން ވަނީ ނުރުހުން ފާޅުކޮށްފައެވެ.

ދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާއި ބެހޭ ޤާނޫން ، ޤާނޫން ނަމްބަރ 4/93 ގެ 7 ވަނަ މާއްދާގެ (ހ) ގައި ބަޔާން ކޮށްފައިވަނީ ރާއްޖޭގެ ތިމާވެއްޓަށް ގެއްލުން ލިބޭފަދަ ގޮތަކަށް ރާއްޖޭގެ ސަރަހައްދުގެ އެއްވެސް ތަނަކަށް، ކުނި ނުވަތަ ތެޔޮ ނުވަތަ ވިހަ ގޭސްފަދަ އެއްޗެއް އުކާލައިގެން ނުވަތަ އަޅައިގެން ނުވާނެއެވެ.

އަދިހަމަ 7 ވަނަ މާއްދާގެ (ށ) މިމާއްދާގެ (ހ) ގައި ބަޔާން ކުރެވިފައިވާ ތަކެތީގެ ތެރެއިން ކޮންމެހެން އުކާލަންޖެހޭ ތަކެތި އުކާލަންވާނީ ނުވަތަ އަޅަންވާނީ ސަރުކާރުން އެކަމަށް ކަނޑައަޅާ ތަންތަނަށެވެ. އެފަދަ ތަކެތި އަންދާލައިގެން ނައްތާލާނަމަ އެކަން ކުރަންވާނީ ، މީހުންގެ ސިއްހަތަށް ގެއްލުން ނުވާގޮތަށް ، އެކަށީގެންވާ ރައްކާތެރި ކަމާއެކުގައެވެ.

ދުނިޔޭގެ ކަނޑުތަކުގެ ހޫނުމިން މަތިވުމާ ގުޅިގެން ފަރުތަކުގެ ގާހުދުވާނެ ކަމަށް ލަފާ ކުރެވޭތީ ފަރުތަކަށް ގެއްލުމެއްވާ ފަދަ ކަމެއް މިވަގުތު ނުކުރުމަށް މޯލްޑިވްސް މެރިން ރިސާޗް ސެންޓަރުން ވަނީއެދިފައެވެ.

އަދި ފަރުތައް ރައްކާތެރިކޮށް ބެލެހެއްޓުމަކީ ރާއްޖޭގެ އިންތިސާދުގެ މައިނާރު ކަމުގައިވާ ފަތުރުވެތިކަމާއި، ދިވެހިންގެ ލޭނާރު ކަމުގައިވާ މަސްވެރިކަމަށް ފައިދާ ކުރާނެ ކަމެއް ކަމުގައި ބުނެފައިވެއެވެ.