English Edition
Dhivehi Edition

މަސައްކަތުގެ މާހައުލުގައި އުޅޭއިރު ތަފާތު މީސްމީހުންނާ ކުރިމަތިލާން ޖެހެއެވެ. އެއީ ސަރުކާރުގެ އޮފީސް، ކުންފުނި އަދި ޖަމިއްޔާތަކުގެ އޮފީސްތައް ކަމުގައިވީ ނަމަވެސް މެއެވެ. މީގެ ތެރޭ އާދައިގެ މުވައްޒަފުންނާއި ވެރިންނާއި އަދި އެކުގައި މަސައްކަތް ކުރާ މީހުންވެސް ހިމެނެއެވެ.

އެމީހުންގެ ވިސްނުމާއި ފިކުރު ހުންނަ ގޮތުން އެހެންމީހުން ކުރާ މަސައްކަތަށްވެސް އަސަރު ކުރެއެވެ. މިހެން ވުމުގެ ސަބަބުން އެއޮފީހަކުން ނެރެންޖެހޭ އަސްލު ނަތީޖާ ނުނެރެވެއެވެ. ނަމަވެސް މިފަދަ މީހުންނާއި އެކީ މަސައްކަތް ކުރުމަށް ކުޅަދާނަ މީހުންވެސް އުޅެއެވެ. އެމީހުންގެ ދުރު ވިސްނުމުން މިފަދަ މީހުންގެ ކިބައިން ފަސޭހައިން ސަލާމަތްވެ އޮފީހުގެ މަސައްކަތް ފުރިހަމަ ކުރައެވެ.

މީގެ ސަބަބުން އޮފީސްތެރޭ ބައެއް ހާލަތް ތަކުގައި ދޭދޭ މުވައްޒަފުންގެ މެދުގައި ނަފްރަތު އުފެދެއެވެ. އަދި އެމީހުންނަކީ ނުބައި ނުލަފާ ވަރަށް ބޮޑާމީހުންގެ ގޮތުގައި ލޭބަލް ވެއެވެ.

އޮފީސް މާހައުލުގެ ތަޖުރިބާ ކާރުން ހާމަ ކުރާގޮތުގައި އާއްމު ގޮތެއްގައި އޮފީހެއްގައި ތިބޭނީ ތިން ޝަޚްސިއްޔަތެއްގެ މީހުންނެވެ. މިފަދަ މީހުންނާއި އެކުގައި މަސައްކަތް ކުރުމުގައި ވިސްނާލަންޖެހޭ މުހިއްމު ކަންތައްތަކެއް ހުރެއެވެ. އެކަށީގެންވާ ރަނގަޅު ގޮތެއްގައި އެމީހުންނާއި މުއާމަލާތު ކުރެވޭނަމަ އަމިއްލަ މަސައްކަތައް އެއްވެސް ބުރުލެއް ނާރާ ފުރިހަމަ ކުރެވުމާއި އެކު އެމީހުންގެ ފަރާތުން ގެއްލުމާވެސް ކުރިމަތި ލާންނުޖެހޭނެއެވެ.

މީގެ ތެރެއިން ފުރަތަމަ ވައްތަރުގެ މީހުންނަކީ ސަލާމަތް ނުވެވޭވަރަށް ކަންކަމުގައި ފިކުރު ބޮޑުކޮށް ކަންތައްތައް ބޮޑުކުރާ މީހުންނެވެ. މިފަދަ މީހުންގެ ނަޒަރުގައި މިދުނިޔެއަކީ ވަރަށް އޯގާތެރި ކަމެއްނެތް ވަރަށް ރަހުމް ކުޑަ އަނިޔާވެރި ތަނެކެވެ. އެމީހުން މިދުނިޔޭގައި އުޅޭކަށް ބޭނުމެއްވެސް ނުވެއެވެ.

އެމީހުން ގަބޫލު ކުރާގޮތުން ހަޔާތުގެ އެއްވެސް ކަމެއްގައި އެމީހުންނަކަށް ބާރެއް ނެތެވެ. ކޮންމެ މީހަކުވެސް ބަލަނީ އެމީހުންނަށް އުނދަގޫ ކުރުމަށާއި ޖެއްސުންކޮށް އެމީހުންގެ ނާޖާއިޒު ފައިދާ ނަގައި ގަތުމެވެ. އެހެންކަމުން މިފަދަ މީހުންނާއި ކުރިމަތި ލުމަށް ވަރަށް އުނދަގޫ ވާނެއެވެ.

އެފަދަ ބަޔަކާއެކު މަސައްކަތް ކުރަން ދިމާވެއްޖެ ނަމަ މާބޮޑަށް ވާހަކަ ގިނަ ނުކުރާށެވެ. ސަބަބަކީ އެމީހުންގެ ދެރަވުމާއި، ޝަކުވާތަކާއި އަދި ކަންކަމުގައި ދެކޭ ނުބައި ގޮތް ގަނޑު ބައެއް ހާލަތް ތަކުގައި ގަބޫލު ކުރެވި އެމީހުންގެ ވައްޓަފާޅިއަށް އުޅެން މަޖުބޫރު ކުރުވަފާނެއެވެ. އެންމެ ބުއްދިވެރި ގޮތަކީ ރަސްމީ ހައިސިއްޔަތުން ދައްކަންޖެހޭ ވާހަކަ ނޫން އެހެން ވާހަކައެއް ނުދެއްކުމެވެ.

ދެވަނަ ވައްތަރުގެ މީހުންނަކީ ރުޅި އިސްކުރެވޭ މީހުންނެވެ. ނުނީ ރުންކުރު މީހުންނެވެ. އެފަދަ މީހުން އަބަދުވެސް ބޭނުންވާނީ އެހެން މީހުންގެ އިހްސާސްތަކަށް ބެލުމެއްނެތި އެހެން މީހުން މަޅީގައި ޖައްސާފައި ބޭތިއްބުމެވެ. އެމީހުންގެ ސުލޫކު އެކި ގޮތްގޮތަށް އެމީހުން އަނބުރާ ލާނެއެވެ.

އެމީހުންގެ އަމިއްލަ އެދުން ބޮޑުކަމުގެ ސަބަބުން އެހެންމީހުން އެމީހުންނަށް ނަފްރަތު ކުރުންވެސް މެދުވެރިވެއެވެ. އެމީހުންނަކީ ހަގީގަތުގައި ދުރަށް ވިސްނައިގެން ރޭވުން ތެރިކަމާއި އެކު އެމީހުން ބޭނުންވާގޮތަށް ކަންތައް ބަދަލުކޮށްލާ ކުޅަދާނަ މީހުންނެވެ. ނަމަވެސް އެމީހުންދެކެ ނަފްރަތު ކުރާމީހުން ވަރަށް ގިނަވާނެއެވެ. ހަމައެއާއިއެކު ގިނަ ރައްޓެހިންވެސް ނުތިބޭނެއެވެ.

އޮފީސް މާހައުލުގައި މިފަދަ މީހުންނައި ކުރިމަތި ލުމުގައި ވަރަށް ފަރުވާތެރިވާން ޖެހޭނެއެވެ. އެހެންނޫންނަމަ އިސާހިތަކު އަނދަވަޅު ގަނޑަކަށް ވެއްޓި އެމީހުންގެ ޝިކާރައަކަށް ވެދާނެއެވެ.

ތިންވަނަ ވައްތަރަކީ ކާމިޔާބު މީހުންނެވެ. އެމީހުންގެ ފަރާތުން އަބަދުވެސް އަނެކުންނަށް އެހީތެރިކަން ލިބޭނެއެވެ. އެއީ މަސައްކަތް ކުރުމުގެ އެންމެ ބޮޑު ހިތްވަރު ކަމުގައި ވާނެއެވެ. ނަމަވެސް މީގެ ތެރޭގައިވެސް ދުޝްމަނަކު އުޅެދާނެއެވެ. މިފަދަ މީހުންނާއި އެކު މަސައްކަތް ކުރުމުގައި ވަރަށް ހިތްވަރު ލިބޭނެއެވެ. އަދި އެފަދަ މީހުންކަމުގައި ވުމަށް ގަދަ އަޅާ މަސައްކަތް ކުރުމުގެ ޖޯޝްވެސް ހުންނާނެއެވެ.

އަބަދުވެސް ކާމިޔާބު މީހުންގެ ބައޮގްރަފީ ކިޔުމަކީ ވަރަށް މުހިއްމު ކަމެކެވެ. އޭގެ ސަބަބުން އަމިއްލަ ސުލޫގު ތަރައްގީ ކުރުމަށް ވަރަށް ބޮޑަށް އެހީތެރިވެދޭނެއެވެ.

ދުނިޔެމަތީގެ އުފެދުނު އެންމެ މޮޅު ކާމިޔާބު ޝަޚްސިއްޔަތަކީ ކީރިތި މާތް ނަބިއްޔާ މުޙައްމަދު ޞައްލައްލާހް އަލައިހި ވަސައްލަމް އެވެ. އެކަލޭގެފާނުގެ ބައޮގްރަފީއަކީ ކިޔާލަން އެންމެ ރަނގަޅު އަދި އެއަށް ތަބާވުމަށް އެންމެ ރަނގަޅު ބައޮގްރަފީއެވެ.

ކަންކަމުގައި ކުރިއަށް ނުދެވިފަ ހުރުމުގެ މާނައަކީ އެހާހިސާބުން އެކަމުން ރެކިގަތުމެއް ނޫނެވެ. ހަޔާތުގެ ދުވަސްތައް ކުރިއަށްދާނީ ވަރަށް ބާރު ދުވެއްޔެއްގައެވެ. އެހެންކަމުން ހަޔާތުގެ ދަތުރަށް ބަދަލު ގެނެސް އަދި އެތަރައްގީ ކުރުމުގައި ދެމިހުރުމަކީ ކާމިޔާބަށް ވާސިލު ވުމުގެ އެންމެ ބޮޑު ސިއްރެވެ. މިކަމަކީ ވަކި ތަނަކަށް، ކުލައަކަށް ނުވަތަ ދިރިއުޅުން ބިނާފެފައި އޮންނަ ތަސައްވުރަށް ބުރަވާ ކަމެއް ނޫނެވެ.