English Edition
Dhivehi Edition

އެމެރިކާގެ ކެލިފޯނިއާގެ ޔުނިވާސިޓީގެ ރިސާޗަރުންނާއި ސައިންޓިސްޓުން އާހޯދުމެއް ހޯދައިފިއެވެ. އެއީ އިލެކްޓްރޯނިކް އަލާތްތައް ހަލާކުވީމަ އެއާލާތެއް އަމިއްލަ ޒާތުގައި ރަނގަޅު ކޮށްލަދޭ ޓެކްނޮލަޖީއެކެވެ. އެހެން ކަމުން ކުރިއަށް އޮތް ތަނުގައި ފޯން ހަލާކުވިޔަސް ބިރުގަންނާކަށް ނުޖެހޭނެއެވެ.

މި އާހޯދުން މަސައްކަތް ކުރަނީ “ނެނޯމީޓާ ސްކޭލް” ގެ އެހީގައެވެ. އޭގެ ހަކަތަ ހޯދަނީ ޕްލެޓިނަމް މެދުވެރިކޮށް ހައިޑްރޮޖެން ޕާއޮކްސައިޑު ބޭނުން ކޮށްގެންނެވެ. މީގަ އެކުލެވޭ “ނެނޯ ޕާޓިކަލްސް” އަކީ މެޓަލްއަށް ކޮންޑަކްޓިވް ވާއެއްޗެކެވެ. މި ޕާޓިކަލްސް އޭގެ ޒާތުގައި ކޫރައެޅިފައި ދުރުވެފައި ހުންނަ ހުސްތަން ކައިރިކޮށް ހަމަޖައްސާލަދެއެވެ. އަދި އޭގެ ފަހުން ބަރާބަރަށް އެއަށް ކަރަންޓް ދައުރުވާގޮތް ހަމަޖައްސާލައެވެ.

މިދިރާސާގެ ނަތީޖާ ވަނީ އެމެރިކާގެ ގައުމީ “ކެމިކަލް ސޮސައިޓީ” ގެ 251 ވަނަ ބައްދަލު ވުމަށް ހުށަހަޅާފައެވެ. އެބައްދަލު ވުމުގައި ބުނާގޮތުން “ނެނޯމޯޓާސް” އަކީ އިލެކްޓްރޯނިކް މެޝިނަކަށް ވުމުގެ އިތުން އަމިއްލަ އެހީގައި ހަލާކުވާ ތަންތަން މަރާމާތު ކޮށްލަދޭނެ މެޝިނަކެވެ.

ސައިންޓިސްޓުން މިހޯދުމުގައި ބޭނުން ކުރަނީ އިންސާނާގެ ދިފާއީ ނިޒާމުގެ ވައްޓަފާޅިއެވެ. މިހާރު އެމީހުންވަނީ އަމިއްލަ ޒާތުގައި މަސައްކަތް ކުރާ ނެނޯމޯޓާސް ބައެއް އިލެކްޓްރޯނިކް ސިސްޓަމް ތަކުގައި ހަރުކޮށް އަޖުމަ ބަލާފައެވެ. އެމީހުންގެ އާހޯދުން ވަރަށް ކާމިޔާބެވެ. އިލެކްޓްރޯނިކް އާލާތްތައް އަމިއްލަ ޒާތުގައި ބަލިތަކަށް ފަރުވާ ހޯދައި ގަނެއެވެ.

މިހޯދުމުގެ އެހީގައި މުސްތަގުބަލުގައި ފެލްކްސިބަލް ބެޓެރި، އިލެކްޓްރޯޑްސް، ސޯލާ ސެލް އަދި މިނުންވެސް އާލާތްތައް އޭގެ ޒާތުގައި އަމިއްލައަށް މައްސަލަ ހައްލު ކުރާނެއެވެ.

“މިހާރު އިލެކްޓްރޯނިކް އާލާތްތަކަކީ ވަރަށް ނާޒުކު އެއްޗިއްހި. އެޅޭ ކުޑަކުޑަ ކޫރައަކުންވެސް އެއަށް ކަރަންޓް ނުލިބިދާނެ. އޭގެ ފަހުން އެ އާލާތެއް މަސައްކަތެއް ނުކުރާނެ. ކުރީ ޒަމާނުގައި ސޯލްޑްރިން އަޅައިގެން ހައްލު ކުރެވިދާނެ. ނަމަވެސް މިހާރަކު ސޯލްޑްރިން ނޭޅޭނެ. އެހެން ކަމުން ނެނޯސްކޭލްގެ މި އީޖާދަކީ ވަރަށް މުހިއްމު އެއްޗެއް” ކެލިފޯނިއާގެ ޔުނިވާސިޓީގެ ރިސާޗާ ޖިންޒިންގ ލީ ބުނެއެވެ.

މިފަދަ އާލާތްތައް މަސައްކަތް ކޮށްފާނެ ގޮތް ބަލައިވަމާތޯއެވެ.

  • ނެނޯ ޕާޓިކަލްސް ހަދާފަ ހުންނަނީ ރަން އަދި ޕްލެޓިނަމް ބޭނުން ކޮށްގެންނެވެ. މިއަށް ހަކަތަ މިދެނީ ހައިޑްރޮޖެން ޕާއޮކްސައިޑްގެ އެހީގައެވެ.
  • ޕްލެޓިނަމް ގޯޑް (ރޮޑް) ތަކުގެ އެހީގައި ފެނާއި އަދި އޮކްސިޖަން އޭގެ ޒައްރާ ތަކަށް ކުދިކުދި ކޮށްލައެވެ.
  • މީގެ ސަބަބުން ޕާޓިކަލްސް ތަކަށް ހަކަތިބެއެވެ.
  • އެ ޕާޓިކަލްސް ރެނދު އެޅި ދުރުވެފަ ހުންނަ ތަންތަނަށް ދަތުރުކޮށް އެތަންތަން ގުޅާލަދެއެވެ.
  • މިޕާޓިކަލްސް ގައި ހުންނަ ކޮންޑަކްޓިވް ސިފައިން އެހިސާބަށް އަނެއްކާވެސް ކަރަންޓް ދައުރުވާގޮތް ހަދާލައެވެ.

މިގޮތަށް ކަންތައް ވުމުގެ ދުވަސް އެހާ ދުރެއް ނޫނެވެ. މީގެ ކުރިން އަހަރުމެންނަށް މިމަންޒަރު ފެންނަނީ ފިލްމު ތަކުގެ އުޅޭ ރޮބަޓްތައް އަމިއްލައަށް ކަންކަން ހައްލު ކުރާ ތަނެވެ. ނަމަވެސް މިހާރު މިއޮތީ މިކަންވެސް ހަގީގަތާ ހަމަޔަށް އާދެވިފައެވެ. ކުޑަ ދުވަސްކޮޅަކަށް އިންތިޒާރު ކޮށްލައްވާށެވެ.