އެކުވެރި މާހައުލެއްގައި ވަޒީފާ އަދާކުރުމަކީ ކޮންމެ މުވައްޒަފަކުވެސް އެދޭނެ އެންމެ ބޮޑު އެދުމެވެ. ތެދުވެރި އަދި ވަފާތެރި މުވައްޒަފުން ތިބޭ އޮފީހެއްގެ ހިންގުން ވަރަށް އޮމާންވުމާއެކު އެއޮފީހަކަށް ނުވަތަ ކުންފުންޏަކަށް ކުރިއެރުން ލިބޭނެއެވެ.
ނަމަވެސް މިފަދަ މާހައުލެއް ގާއިމު ކުރުމަކީ ވަރަށް ދަތި ކަމެކެވެ. ކަންކަން އިސްލާހު ކުރުމަށާއި އަދި ހަރުދަނާ އުސޫލެއް ގެންގުޅުމަށް އޮފީސް ތަކުގެ ވެރިން މަސައްކަތް ކުރުމާއެކު މުވައްޒަފުންގެ ތެރޭ ހިތްހަމަ ނުޖެހުން އުފެދެއެވެ. އެއްބަޔަކު ހިތްހަމަ ޖެހޭއިރު އަނެއް ބަޔަކު މިތެބެނީ ހިތްނުތަނަވަސް ވެފައެވެ. ބައެއް ވުވައްޒަފުންގެ ސުލޫކާއި އަޚްލާގު އިންތިހާއަށް ބަދަލުވެ ހަޑިއެއްޗެހި ކިޔުމާއެކު އެކަކު އަނެކަކަށް އިހްތިރާމު ނުކުރާ ހިސާބަށްވެސް ކަންތައް ހިނގާދެއެވެ.
ހުރިހާ ދިމާލެއްގައިވެސް މިފަދަ މުވައްޒަފުން އުޅޭކަމީ ހަގީގަތަކެވެ. އެމީހުން ގަދަރު ކުރާނެ އެއްވެސް މުވައްޒަފަކު ނުހުރެއެވެ. މިފަދަ މުވައްޒަފުންނާއި ކުރިމަތި ލުމަކީ ގިނަފަހަރު ވަރަށް އުނދަގޫ ދަތި ކަމެކެވެ. އެމީހުން ކުރާ މަސައްކަތް ބަރާބަރު ވެދާނެއެވެ. ނަމަވެސް ގަދަރު އުފެލޭފަދަ ރީތި ސުލޫކެއް ނުހުރެއެވެ. މުއާމަލާތް މިކުރަނީ ހަޑި ހުތުރު ބަހުންނެވެ.
މިފަދަ މުވައްޒަފުންނާއި މުޢާމަލާތު ކުރުމުގައި ވަރަށް ވިސްނަން ޖެހެއެވެ. އަމިއްލަ ނަފްސް ކޮންޓްރޯލް ކުރެވެން ޖެހެއެވެ. ކިތައްމެ ރުޅި އައި ކަމުގައި ވީނަމަވެސް އެރުޅިވެރިކަން ބޭރުފުށަށް ނުދައްކާށެވެ. އޯގާތެރިކަމާއި އެކު މުޢާމަލާތު ކުރާށެވެ. އޮފީސް މާޙައުލުގައި އަރާރުން ވެދާނެ އެއްވެސް ބަހެއްވެސް ނުބުނާށެވެ. އެމީހުން ކިޔާއެއްޗެއް ހިނިތުން ވުމާއިއެކު އަޑު އަހާށެވެ. ވީހާވެސް ކުރުކޮށް އެފަދަ މުވައްޒަފުންނަށް ޖަވާބު ދޭށެވެ. ގަވާއިދާއި އުސޫލުތައް ހިފަހައްޓާށެވެ. ގަވާއިދު ތަން ނުދޭ އެއްވެސް ކަމެއް ނުކުރާށެވެ. ނަމަވެސް ގަވާއިދުގެ ތެރެއިން ލުޔެއް ދެވޭނަ އެގޮތަކަށް ކަންތައް ކުރުމަށް ފަހު އެކަން ކުރީ ގަވާއިދުންކަން ޔަގީންކޮށްލަދޭށެވެ.
މިފަދަ ހާލަތް ތަކުންވެސް އެފަދަ މުވައްޒަފެއްގެ ފަރާތުން ކުރިމަތިވާ ދަތި އުނދަގޫތަކުން ސަލާމަތްކަން ނުލިބޭނަމަ އޮފީހުންގެ އިސްފަރާތާއި ބައްދަލުކޮށް ދެންނެވުމަކީ ވަރަށް މުހިއްމު ކަމެކެވެ. މިބައްދަލުވުން ވަރަށް ސިއްރުވާން ޖެހޭނެއެވެ. ސަބަބަކީ މީހެއްގެ ޒާތީ ކަމެއްގެ ވާހަކަ މީގައި އަންނާތީއެވެ. އަދި މި ބައްދަލުވުމުގެ އެއްވެސް މައުލޫމާތެއް އެހެން އެއްވެސް މުވައްޒަކާއި ޙިއްސާ ނުކުރާށެވެ.
ކޮންމެ މީހަކުވެސް ވަޒީފާ ގަބޫލު މިކުރަނީ އެމީހަކަށް ލިބޭ މުސާރައަކަށް ބަލާފައެވެ. ނަމަވެސް އެމީހުން އޮފީހުގައި ދެމި ތިބެނީ އެތަނެއްގައި އޮންނަ އެކުވެރި މާހައުލެއްގެ ސަބަބުންނެވެ. މިއާއި ޚިލާފަށް ސުލޫކީ މިންގަނޑުން ދަށް އަދި ހަޑިހުތުރު ބަހުން މުޢާމަލާތް ކުރާ މީހުންނާ އަބަދު ދިމާވުމަކީ ހިތްނުތަނަވަސްވެ އަދި ސިކުނޑިއަށް އުނދަގޫތައް ދިމާވާނެ ކަމެކެވެ.
ވަޒީފާގެ މާހައުލަކީ ދުވާލުގެ އެންމެ ގިނަ ވަގުތު ހޭދަ ކުރެވޭ ތަނެވެ. އަބަދު މިފަދަ މީހުންނާއި ކުރިމަތި ލާންޖެހުމަކީ ކުރާ މަސައްކަތައްވެސް ބުރޫ އަރާނެ ކަމެކެވެ. އެހެން ކަމުން މިފަދަ މީހުންނާއި ވީހާވެސް ދުރުހެލިކޮށް އުޅުމަކީ މުހިއްމު ކަމެކެވެ. އަމިއްލަ ނަފްސަށް އިތުބާރު ކުރާށެވެ.