English Edition
Dhivehi Edition

ކުރީގެ ރައީސް އަބްދުލްﷲ ޔާމީން އަބްދުލް ގައްޔޫމް ބަންދުން ދޫކޮށްލަން ކުރި ހުކުމް ޕްރޮސެކިއުޓަރ ޖެނެރަލް(ޕީޖީ)ގެ އޮފީހުން ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކޮށްފިއެވެ. މިމައްސަލައިގައި ރައީސް ޔާމީން ބަންދުން ދޫކޮށްލަން ދިވެހިރާއްޖޭގެ ހައިކޯޓުން ކުރި ހުކުމްގެ އިސްތިއުނާފުގެ ޝަރީއަތް ބާއްވާނެ ދުވަހެއް ސުޕްރީމް ކޯޓުން އަދި ތާވަލް ކޮށްފައެއް ނުވެެއެވެ.

ޕްރޮސެކިއުޓަރ ޖެނެރަލް އެދިވަޑައިގަތުމުން ޔާމީން ހައްޔަރު ކުރުމުގެ އަމުރެއް ކްރިމިނަލް ކޯޓުން ނެރުނީ ފެބްރުއަރީ މަހުގެ 18 ގައެވެ. ނަމަވެސް މާޗް 13 ވަނަ ދުވަހު ޑޮކްޓަރުގެ ލަފާގެ މަތިން ޔާމީން ގޭބަންދަށް ބަދަލު ކުރިއެވެ.
ޔާމީން ބަންދުގައި ބަހައްޓަން ކްރިމިނަލް ކޯޓުން ނެރުނު އަމުރު ޔާމީންގެ ފަރާތްޕުޅުން އިސްތިއުނާފު ކުރުމުން އެމަނިކުފާނު ބަންދުގައި ބެހެއްޓެން ނެތް ކަމަށް ހައި ކޯޓުން އަމުރު ކޮށްފައިވަނީ މިދިޔަ މާޗް މަހުގެ 28 ވަނަ ދުވަހުއެވެ.

ދައުލަތުން ރައީސް ޔާމީންގެ މައްޗަށް ދައުވާ އުފުލާފައިވާ މަނީ ލޯންޑްރިން މައްސަލައިގައި މިހާތަނަށް ދެ އަޑުއެހުމެއް ކްރިމިނަލް ކޯޓުގައި ވަނީ ބާއްވާފައެވެ. އެންމެ ފަހުން އޮތް އަޑުއެހުމުގައި ދައުލަތައް ދައުވާ ސާފުކޮށްނުދެވުމުން ދައުވާ ސާފުކޮށްދިނުމަށް ދިހަ ދުވަހުގެ މުހުލަތެއް ކޯޓުން ވަނީ ދައުލަތައް ދީފައެވެ.
މިހާތަނަށް ދައުލަތުން ޔާމީންގެ މައްޗަށް ދައުވާ އުފުލާފައި ވަނީ ހަމައެކަނި މަނީ ލޯންޑްރިން މައްސަލައިގައި ކަމަށް ވީނަމަވެސް އެމަނިކުފާނުގެ މައްޗަށް ތުހުމަތު ކުރެވޭ އިތުރު މައްސަލަތަކެއް ވެސް ފުލުހުން ގެންދަނީ ތަޙްޤީޤު ކުރަމުންނެވެ.