19ވަނަ ރައްޔިތުންގެ މަޖިލީހުގައި އެ މަޖިލީހުގެ ނާއިބް ރައީސްގެ މަގާމަށް ކުޑަހުވަދޫ ދާއިރާގެ މެންބަރު އަހުމަދު އާމިރު ޝައުގުވެރިކަން ފާޅުކުރައްވައިފިއެވެ.
މިމަހުގެ 28 ވަނަ ދުވަހު ހުވައި ކުރައްވާ ، ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް ކަމަށް ކުރިމަތިލައްވަވާނެ ކަމަށް ވިދާާޅުވެ އާމިރު ވިދާޅުވީ ތާއީދު ހޯއްދެވުމަށް ޕާޓީތަކުގެ މެންބަރުންނާއި މިހާރު މަޝްވަރާކުރައްވަމުން ގެންދަވާކަމަށެވެ.
އެގޮތުން ޕީޕީއެމްގެ މެންބަރުންނާއި، ޖުމްހޫރީ ޕާޓީއާއި އެމްޑީޕީގެ މެންބަރުންގެ އިތުރަށް އަމިއްލަ ހައިސިއްޔަތުން މަޖިލީހަށް އިންތިޚާބުވެވަޑައިގެންފައިވާ މެންބަރުންނާއިވެސް ބައްދަލުކުރައްވާ މަޝްވަރާކުރައްވާނެކަމަށް އާމިރު ވިދާޅުވިއެވެ.
އެމްޑީއޭގެ ނާއިބް ލީޑަރެއްގެ ގޮތުގައިިވެސް ހުންނެވި އަހުމަދު އާމިރު ވިދާޅުވީ މަޖިލީހުގައި އެމްޑީޕީގެ ކިތަންމެ ބޮޑު އައުލަބިއްޔަތެއް އޮތްނަމަވެސް މަޖިލީހުގެ ރިޔާސަތުގައި ރައީސާއި، ނާއިބް ރައީސްގެ ގޮތުގައި އެމްޑީޕީގެ މެންބަރުން ތިއްބެވުމަކީ އެންމެ ރަނގަޅު ގޮތް ނޫންކަމަށެވެ. މަޖިލީހުގެ ގަވާއިދުގައިވާގޮތުން އެެ މަޖިލީހަކީ ނަޒާހަތްތެރި މަޖިލީހަށްވާންޖެހޭކަމަށާ އެކަމަށް މަގުފަހިކުރުމަށް ދެ ޕާޓީއަކަށް ނިސްބަތްވާ މެންބަރުން މަޖިލީހުގެ ރައީސާއި ނާއިބް ރައީސްގެ ގޮތުގައި ތިއްބެވުމަކީ މުހިންމުކަމެއްކަމަށްވެސް އާމިރު ވިދާޅުވިއެވެ.
އާމިރު ވިދާޅުވީ ކުރިއަށް އޮތީ މަޖިލީހުގައި އޭނާގެ މެންބަރު ކަމުގެ ތިން ވަނަ ދައުރު ކަމުން މަޖިލީހުގެ މަސައްކަތުގެ ތަޖުރިބާ ވެސް ރަނގަޅަށް ލިބިވަޑައިގެންފައި ހުންނެވި ކަމަށް ގަބޫލު ކުރައްވާ ކަމަށެވެ. އެހެންކަމުން މަޖިލީހުގެ ނާއިބް ރައީސްކަމަށް އިންތިޚާބުކޮށްދެއްވައިފިނަމަ، މަޖިލީހުގެ ކޮންމެ ކަމެއްވެސް ގެންދަވަނީ ގާނޫނީ އިމުގެ ތެރެއިންކަމަށެވެ. އަދި ރައްޔިތުން އުފާވާފަދަ މަޖިލީހަށް 19ވަނަ މަޖިލީސް ހެއްދެވުމަށް ކުރެވެން އޮތް ހުރިހާ ކަމެއް ކުރައްވާނެކަމަށެވެ.
މަޖިލީހުގެ ނާއިބް ރައީސްގެ މަގާމަށް ކުޑަހުވަދޫ ދާއިރާގެ މެންބަރު އަހުމަދު އާމިރު ޝައުގުވެރިކަން ފާޅުކުރައްވާފައިވާއިރު، އެމްޑީޕީގެ ފަރާތުން ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ އަބްދުﷲވެސް ވަނީ ޝައުުގުވެރިކަން ފާޅުކުރައްވާފައެވެ.
19ވަނަ މަޖިލީހުގެ ރިޔާސަތަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސްޕެޝަލް އެންވޯއީ އަބްދުﷲ ޖާބިރާއި، ކުރީގެ ހޯމް މިނިސްޓަރު އަދި ކުރިއަށް އޮތް މަޖިލީހުގައި ވިލުފުށީ ދާއިރާ ތަމްސީލްކުރައްވާނެ މެންބަރު ހަސަން އަފީފާއި، ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމާއި، މެދު ހެންވޭރު ދާއިރާ މެންބަރު އަލީ އާޒިމާއި، މަރަދޫ ދާއިރާގެ މެންބަރު އިބްރާހިމް ޝަރީފާއި، އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް ވަނީ ޝައުގުވެރިކަން ފާޅުކޮށްފައެވެ.
ރައްޔިތުންގެ މަޖިލީހުގެ އައު ދައުރުގެ ސުޕަ މެޖޯރިޓީ އެމްޑީޕީއަށް ލިބިފައިވާއިރު، މަޖިލީހުގެ ރައީސްކަމަށް ބޭފުޅަކު އިންތިޚާބުކުުރުމަކީ އެޕާޓީއަށް ވަރަށް ފަސޭހަކަމެކެވެ.
މަޖިލީހުގެ ފުރަތަމަ ޖަލްސާގައި، އެ މަޖިލީހުގެ ރައީސާއި ނާއިބް ރައީސް އިންތިޚާބުކުރާނީ މެންބަރުންގެ މެދުގައި ނެގޭ ސިއްރު ވޯޓަކުންނެވެ.