އިއްޔެގެ ވަގުތެއްގައި ރާއްޖޭގެ ރަށެއްގައި ވިހެއި އުމުރުން 15 އަހަރުގެ އަންހެން ކުއްޖާގެ ހާލު ރަނގަޅު ކަމަށް ޖެންޑާ މިނިސްޓްރީން ބުނެފި އެވެ.
ޖެންޑާ މިނިސްޓްރީގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ، އެ ކުއްޖާގެ ހާލު ސްޓޭބަލް ކަމަށާއި އެ ކުއްޖާ އަށް މިހާރުވެސް އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާދެމުންދާ ކަމަށެވެ. އަދި އެކުއްޖާގެ ހާލަތު ގާތުން ބަލަމުންދާ ކަމަށް ވެސް އޮފިޝަލް ވިދާޅުވި އެވެ.
ފުލުހުން ވިދާޅުވީ މެއި 13 ވަނަ ދުވަހު ހެނދުނު 07:10 ހާއިރު 15 އަހަރުގެ ކުއްޖަކު ވިހައިގެން އަދި ވިހޭ ކުއްޖާ މަރުވެފައިވާ މައްސަލައެއް ފުލުހުންނަށް ހުށަހެޅިފައިވާ ކަމަށެވެ. ނަމަވެސް އެ ކުއްޖާގެ މައުލޫމާތާއި އެކަން ހިނގި ރަށުގެ މައުލޫމާތު މީޑިއާގައި ހާމަ ނުކުރުމަށް ފުލުހުން ވަނީ އެދިފައެވެ.
އެނގިފައިވާ ގޮތުގައި މެދުރާއްޖެތެރޭ ރަށެއްގައި، ގޭގައި ކުއްޖާ ވިއްސަން އުޅުނީ ކުއްޖާގެ މަންމަ އާއި އިތުރު މީހަކު ވެގެންނެވެ. މިކަން ހިނގާފައިވަނީ އިއްޔެ ހެނދުނެވެ. ފުލުހުން ދަނީ އެމައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.