އަވައްޓެރި ސްރީލަންކާގައި މިރޭ ކާފިއު ހިންގާފައިވާތީ، ލަންކާގައި ދިރިއުޅޭ ދިވެހިން ގެއިން ބޭރަށް ނުކުމެ ނޫޅުމަށް ލަންކާގައި ހުންނަ ދިވެހި އެމްބަސީން އިލްތިމާސްކޮށްފިއެެވެ.
ސްރީލަންކާގެ ފުލުހުން އިއުލާނުކޮށްފައިވާ ގޮތުގައި، ކާފިއު ދެމި އޮންނާނީ މިރޭ ލަންކާގަޑިން 9:00އިން ފެށިގެން ފަތިހު 4:00 އަށެވެ.
ސްރީލަންކާގައި އުޅޭ ދިވެހިން ސަމާލުވުމަށް އަންގައި ދިވެހި އެމްބަސީ ކުރި ޓުވީޓެއްގައި ބުނެފައި ވަނީ، ސްރީލަންކާގައި ދިރިއުޅޭ ދިވެހިން ކާފިއު ގަޑިތަކުގައި ބޭރަށް ނުކުމެ ނޫޅުމަށާއި ސްރީލަންކާ ސަރުކާރުގެ އިރުޝާދުތަކަށް ސަމާލު ވުމަށް އިލްތިމާސް ކުރާ ކަމަށެވެ.
މިރޭ ލަންކާގެ ހުރިހާ ސަރަޙައްދެއްގައި ކާފިއު އިއުލާނުކުރާއިރު، އެންމެ ބޮޑަށް ހަމަނުޖެހުންތައް ބޮޑުވެފައިވާ ގަމްޕަހަ ސިޓީގައި މިވަގުތުން ފެށިގެން ކާފިއު ހިންގަން ވަނީ ނިންމާފައެވެ. އެ ސިޓީގައި ކާފިއު ހިންގަން ހަމަޖެހިފައިވަނީ ހެނދުނު 6:00 އާއި ހަމައަށް ކަމަށް ގަމްޕަހަ ޕޮލިސް ޑިވިޝަނުން ބުނެއެވެ.
ލަންކާގައި ހަމަނުޖެހުން ބޮޑުވެ މުސްލިމުންނަށް ހަމަލާދެމުން ދަނީ، މިދިޔަ މަހު އެޤައުމުގެ އެކި ސަރަޙައްދުތަކުގައި ބޮން ގޮއްވައިގެން ދިން ބޮމުގެ ހަމަލާތަކަށްފަހު މުސްލިމުންނާއި އެހެން ދީންތަކުގެ މީހުންނާއި ދެމެދު މައްސަލަ ހޫނުވެފައިވާ ދަނޑިވަޅެއްގައެވެ.