“ހެޕީމާކެޓު ގޯދިއްޔާ ފުޓުސަލް ކަޕް 2019” ގައި މިރޭގެ ދެވަނަ މެޗުގައި ފޭދޫ ފުރެންޑްސް ކުލަބާ ދެކޮޅަށް ނުކުންނަ ހިތަދޫ މަލްޓި ޖީނިއަސް ސިޓީން ބުނަނީ ފުރެންޑްސް ކުލަބާބެހޭ ގޮތުން ބުނާނެ އެއްޗެއް ނެތް ކަމަށެވެ. އެހެންނަމަވެސް މިރޭގެ މެޗަށް ނުކުންނާނީ މޮޅެއް ހޯދައިގެން ހަމަޖެހިލުމުގެ ބޭނުމުގައި ކަމަށް އެޓީމުގެ މެނޭޖަރު އަޙުމަދު ނާޒިމް ވިދާޅުވިއެވެ.
ނާޒިމް ބުނީ މިއީ އެޓީމުން ވެސް މިމުބާރާތުގައި ކުޅޭ ފުރަތަމަ މެޗަށްވުމުން އުންމީދު ކުރަނީ މޮޅަކަށް ކަމަށެވެ. މި މުބާރާތަށް ނުކުތީ ހަ ދުވަހުގެ ފަރިތަކުރުން ތަކަށް ފަހު ކަމަށް އޭނާ ބުންނެވެ.
އެޓީމުގައި ހިމެނެނީ ރަށުން ބޭރުގެ އެންމެ ކުޅުންތެރިއެކެވެ. “އަޅުގަނޑުމެން ބޮޑަށް އިސްކަންދޭނީ ރަށުމީހުން ލައިގެން ކުޅެން. އަޅުގަނޑުމެންނަކީ ރަށުން ބޭރުން މީހުން ގެނެސްގެން ކުޅުވާބައެއްނޫން. އެގޮތަށް ނިންމީ އައްޑޫ ރައްޔިތުންނަށް ހުޅުވާލި މުބާރާތަކަށްވީމައި އައްޑޫ ކުޅުންތެރިންނަށް ފުރުސަތުދިނުމަށް،” އޭނާ ބުންޏެވެ.
ނާޒިމް ބުނީ މިރޭގެ މެޗަށް ޓީމްވަނީ ވަރަށްބޮޑަށް ތައްޔާރުވެފައި ކަމަށެވެ. މި މެޗު ފަށާނީ މިރޭ 10:30 ގައި މަރަދޫ ވެމްބޮޅުފިށި ސްޓޭޑިއަމްގައެވެ.