English Edition
Dhivehi Edition
????????????????????????????????????

ފާހާނާ ކުރުމަށް އިހުޒަމާނުގައި އަންހެނުންނަށް އަތިރިއެއް އަދި ފިރިހެނުންނަށް އަތިރިއެއް ރަށްރަށުގައި ހާއްސަ ވެފައިވެއެވެ. އެގޮތުން އެއްޒަމާނެއްގައި ފުވައްމުލަކު އަންހެނުންނަށް ހާއްސަވެފައިވާ އަތިރިއަކީ އަންހެނުން ފަންނެވެ.

އާދައިގެ މަތިން އެއްރޭ ފަތިހު އަންހެންވެރިން އަތިރިއަށްދިޔައެވެ. އެދުވަހު އޭގެ ކުރީދުވަހުނެތް އެއްޗެއް ގޮނޑުދޮށުން ފެންނަން އޮތެވެ. އެއާބެހޭ ގޮތުން އެކިމީހުން ތަފާތު ވާހަކަ ދައްކަމުންދިޔައެވެ. އެއްބަޔަކުބުނީ އެއީ ލައްވެފައިވާ ލަކުޑިގަނޑެއް ކަމަށެވެ. އަނެއްބައި ބުނީ އެއީ ކޮންމެވެސް އެހެން އެއްޗެއް ކަމަށެވެ.

ކޮންމެއަކަސް އަލިވެ ތަންދޮރުވަކިވާ ވަރުވުމުން އެންމެ ފުރަތަމަ އެދިމާއަށް ފޭބީ ފުވައްމުލަކު ދޮރޮބައިގެދަރު މޫސާ ތައްޚާނު ގެ ދަރިފުޅު ފާތުމެއިފާނު (ދޮރޮބައިގެދަރު ބީފާނު) އެވެ.

ބީފާނު ރަނގަޅަށް ބަލައިލިއިރު އެއީ އިންސާނެކެވެ. އޭރުއޭނާގެ އެއްވެސް ހަރަކާތެއްނެތެވެ. އެހިނދު ބީފާނު ވަރަށް އަވަސް އަރުވާލައިފައި އެއީ އިންސާނެއް ކަމަށް އެތާތިބި އެހެން މީހުންނަށް އަންގައިފިއެވެ. އެއީ އިންސާނެކޭ ބުނި އަޑަށް ލައްގާފައި އޮންނެވި ބޭކަލަކު ހަރަކާތްވެސް ކުރެއްވި ކަމަށްވެއެވެ.

ފާތިމާބީފާނު އެ ޚަބަރު އޭނާގެ ބައްޕަ، ދޮރުބައިގެދަރު މޫސާ ތައްޚާނަށް ފޮނުއްވިއެވެ. މޫސާ ތައްޚާނަކީ ފުވައްމުލަކުގެ އޭރުގެ އެންމެ އިސްވެރިޔާއެވެ. މޫސާ ތައްޚާނުގެ އަރިހުން ބީފާނު އެދުނީ ވީހާ އަވަހަކަށް އުނދޯއްޔަކާއި 4 މީހުން ގޮވައިގެން އެ ސަރަހައްދަށް ދުރުވުމަށެވެ.

ދަރިފުޅުގެ އެދުމުގެ މަތީން މޫސާ ތައްޚާނު އުނދޯއްޔަކާއި 4 މީހުންނާގެން ވަރަށް އަވަހަށް ދުރުވެއްޖެއެވެ. ލައްގާފައިއޮތް ބޭކަލަކު އުނދޯއްޔަށް އަރުވައިގެން ގެންދިޔައީ ދޮރުބައިގެދޮރަށެވެ. ގޮސް އޭނާއަށް ފަރުވާކޮށް ހޭހަންކުރަން ފެށުމުން ހޭއަަރައިފިއެވެ. އަދި މަޑުމަޑުން ރަނގަޅުވަމުން އައިސް އެއްކޮށް ފަސޭހަވެއްޖެއެވެ.

ޝިފާ ލިބި ރަނގަޅުވުމުން އޭނާއާ ބެހޭގޮތުން އޭނާ އަމިއްލައަށް ޚަބަރު ކުރިއެވެ. އެބޭކަލަކު ބުނުއްވި ކަމަށް ފުވައްމުލަކުގައި އިހުތިބީންގެ ފަރާތުން ރިވާވެފައިވަނީ އެއީ މިސްރު ރަސްގެފާނުގެ މުހައްމަދު ކަމަށެވެ.

ފެހެލާނޑާ ކިޔުނީ ކީއްވެ؟

މިސްރުގެ ރަސްދަރިކަލަކަށް ފެހެލާނޑާ ކިޔުނީ ކީއްވެގެންހެއްޔެވެ؟ އެނަން ކިޔުނީ ފުވައްމުލަކަށް ލެއްގިއިރު އޭނާ ފެހިގަނޑެއްގެ ތެރޭގައި އޮންނެވުމުން ކަމަށް ބެލެވެއެވެ. ފެހެލާނޑާ މިބަހަކީ ފުވައްމުލަކު މީހުން ބޭނުން ކުރާ ބަހެއް ކަމަށް ނުވެއެވެ. ހަމަ ޔަގީނުންވެސް އެބަސް ހުވަދޫ މީހުން ބޭނުން ކުރެއެވެ. ފުވައްމުލަކު ވިދުވަރު އަލިދީދީވެސް ވިދާޅުވެފައިވަނީ އެއީ ހުވަދޫ ބަހެއް ކަމަށެވެ. ކޮންމެ އަކަސް އެނަން އެބޭކަލަކަށް ކިޔަން ފެށީ ވަނަމެއްގެ ގޮތުގައިކަމަށް ބެލެވެއެވެ. އެއީ ކުރިން ބުނިފަދައިން ފުވައްމުލަކަށް އެބޭކަލަކު ލެއްގިއިރު ބޮޑުފެހިގަނޑަކާ އެކު ލައްގާފައި ވުމުންނެވެ. އެހެންކަމުން މުހައްމަދަށް އެނަން ކިޔާފައިވަނީ ހުވަދޫ މީހުން ކަމާއި އެނަން ކިޔަން ފެށީ މަލާމާތަށް ކަމަށްވުމަކީ ދުރުކަމެއް ނޫނެވެ. މަލާމާތަށް އެނަން ކިޔައިފާނެ ކަމަށް ބެލެވެނީ “ލެއްގި ދެރަ ސޮރަކާ” ފުވައްމުލަކުގެ އޭރުގެ އެންމެ އިސްވެރިޔާގެ ދަރިފުޅު ކައިވެނި ކުރުމުންނެވެ. “ފާތިމާ ބީފާނު ކައިވެނި ކުރެއްވީ ލެއްގި ބޮޑު ފެހެލާނޑަކާ (ފެހިގަނޑަކާ) ވިއްޔާ” މިހެން ބުނެ މަލާމާތް ކުރުމަކީ ވަރަށް އެކަށީގެންވާ ކަމެކެވެ. މިގޮތަށް މިވާހަކަ ދައްކައި ހަދާނީ ފާތުމެއިފާނު ދެކެ ހިތާވާ މީހުން ކަމަށްވެސް ވެދާނެއެވެ. ކޮންމެއަކަސް އެންމެ ފަހުން އެނަން ހަރުލައި ވަނަމެއްގެ ގޮތުގައި ބޭނުންކުރަން ފެށީކަމަށް ބެލެވެއެވެ.

އެދުވަސްވަރުވެސް އެފަދަ ބޮޑު ކަމެއް ހިނގުމުން ރާއްޖޭގައި އެވާހަކަ ފެތުރޭނެތާއެވެ. ހާއްސަކޮށް ދެކުނުގެ އަތޮޅުތަކުގައި ފެތުރޭ މިންވަރު ހަލުއިވާނެތާއެވެ. ފުވައްމުލަކަށް ކަނޑުން ލެއްގި ގައިގައި ދިގުފެއްސަށް “ފެހިޖަހައިފައިއޮތް މީހަކާ” އެރަށުގެ އެންމެ އިސް ވެރިމީހާގެ ދަރިފުޅު ކައިވެނި ކުރުމުން އެކަމަށް މަލާމާތްވެސް ރައްދުވާނެތާއެވެ.

ފެހެލާނޑާގެ އަސްލަކީ ކޮބާ؟

ފަހުން އެނގުނު ގޮތުގައި އެއީ މިސްރު ރަސްގެފާނުގެ ދަރިކަލެކެވެ. އެއްބައި މީހުން ބުނަނީ އެއީ މިސްރު ބޮޑުވަޒީރުގެ ދަރިކަލެއް ކަމަށެވެ. އެ ދަރިކަލުން ދުނިޔެ ބައްލަވައިލައްވަން އަމިއްލަފުޅު ނާކޮޅެއްގައި ނުކުމެ ވަޑައިގެންނެވިއެވެ. އޭރު އުމުރުފުޅަކީ ފަންސަވީހަކަށް އަހަރެވެ. ދިމާވި ތޫފާނެއްގައި އެނައުކޮޅު އައްޑޫ ކަނޑަށް ޣަރަގުވީ ކަމަށް ބައެއް މީހުން ބުނެއެވެ. އެ ދަރިކަލުން ސަލާމަތް ކުރެއްވުމަށް ﷲ އިރާދަ ކުރެއްވި ހިނދު ލެއްގިއިރު އޮތް ފެހިގަނޑުގެ ތެރެއަށް އޭނާއަށް ވެންނެވުނީ ކަމަށްވެސް ވެދާނެއެވެ.

ބައެއް މީހުން ބުނާގޮތުގައި ފެހެލާނޑާ ނުކުމެ ވަޑައިގެންނެވީ އިންޑިއާގައިތިބި ޕޯޗުގީޒުންނާ ހަނގުރާމަ ކުރެއްވުމަށެވެ. އަދި އެމީހުންނާ ހަނގުރާމަ ކުރައްވާ ކާމިޔާބުވެސް ހޯއްދެވި ކަމަށް ވެއެވެ. ފަހުން މިސްރުގެ ލަޝްކަރު ހަނގުރާމައަށް ފަރުވާ ކުޑަކޮށްގެން ތިއްބާ ޕޯޗުގީޒުންގެ ކުއްލި ހަމަލާއެއްގައި އެބައިގަނޑު ފައްސާލީއެވެ. އަދި ބައެއް ނައުފަހަރުތައް ފައްތައިލީއެވެ. ފައްތައިލި ނަވެއްގައި ފެހެލާނޑާވެސް ހުންނެވީއެވެ. ނައު ޣަރަގުވުމުން ފެހެލާނޑާ ސަލާމަތްވުމަށް މަސައްކަތް ކުރެއްވިއެވެ. އެމަސައްކަތުން ﷲގެ މިންވަރުފުޅާއެކު ފުވައްމުލަކަށް ލެއްގީއެވެ.

މިވާހަކަ އެހެން ގޮތަކަށްވެސް ކިޔައި އުޅެއެވެ. އެގޮތަކީ ފެހެލާނޑާއަށް ފުރިހަމަ ޝިފާ ލިބިވަޑައިގެންނެވުމަށްފަހު ކަންހިނގިގޮތް އޭނާ ވިދާޅުވެ ދެއްވި ގޮތް ކަމަށް ފުވައްމުލަކުގެ އިހުތިބީންގެ ފަރާތުން އެނގެންއޮތް ގޮތް ކަމަށް އަލިދީދީ ވިދާޅުވިއެވެ.

މިދަރިކަލުން ދުނިޔެ ބައްލަވާލެއްވުމަށް ނުކުމެ ވަޑައިގެން އުޅުއްވަނިކޮށް ހާޖަތަކަށް ވަޑައިގެންނެވީއެވެ. އެ ހާޖަތުގައި އުޅުއްވަނިކޮށް ކަނޑުގަދަވެ ކަނޑަށް ވެއްޓި ވަޑައިގެންނެވީއެވެ. ވެއްޓި ވަޑައިގެންނެވުމުން ނައުކޮޅުގެ މީހުންނަށް ވަރަށް ގިނަފަހަރު ވިދާޅުވި ކަމަށްވެއެވެ. އެހެން ނަމަވެސް ނައުކޮޅުގެ މީހުންނަށް އަޑެއް ނީވުނެވެ. އަދި އެ ހާދިސާ ހިނގީ ފަތިސްވާން ކައިރިވެފައިވަނިކޮށް ކަމުން ނައުކޮޅުގެ މީހުންނަށް އެމަނިއްޕުޅު ނުވެސް ފެނުނެވެ. އޭރު ނައުކޮޅު ދަތުރު ކުރައްވަމުން ގެންދެވީ އައްޑޫ ކަނޑުންނެވެ. ފެހެލާނޑާ ވަޑައިގެން ނޫޅުއްވާކަން އެނގުނީ ޖެހިގެންއައި ދުވަހު ހެނދުނުއެވެ. ނައުކޮޅުގެ މީހުންނަށް އެކަން އެނގުނު ހިނދު ވަރަށް ބޮޑަށް ހޯދުމަށްފަހު ނުފެނިގެން އެމީހުން ބިރުވެރިކަމާއެކު ކަންބޮޑުވެއްޖެއެވެ. އެމީހުން ބިރުގަތީ އެ ދަރިކަލުންނާ ނުލައި އެނބުރި މިސްރަށް ހިނގައްޖެ ކަމަށްވާނަމަ އެމީހުންނަށް ލިބޭނެ އަދަބެއްގެ ބޮޑުކަން ހިތަށް އަރާފައެވެ. އެންމެފަހުން އެމީހުން މިސްރަށް ނުގޮސް ދިޔައީ އިންޑިޔާއަށެވެ. އެމީހުން އިންޑިޔާގައި ވަޒަންވެރިވީއެވެ.

ކޮންމެއަކަސް ފެހެލާނޑާ ފުވައްމުލަކަށް ލެއްގި ހިސާބުން ފެށިގެން އެންމެ ބޮޑު އެހީތެރިކަމަކާއި މަދަދެއް ލިބިވަޑައިގެންނެވީ ދޮރުބައިގެދަރު ފާތިމާ ބީފާނާއި އާއިލާގެ ފަރާތުންނެވެ. އޭރު ބީފާނަކީ ފިރިފުރާވަރުގެ ހުސްހަށިބައިކޮށްއިން ކުއްޖެކެވެ. ބީފާނާއި އާއިލާގެ ފަރާތުން ލިބުނު އެހީތެރިކަމާއި މަދަދާއި އޯގާތެރި ކަމުގެ ސަބަބުން ފެހެލަނޑާގެ ހިތްޕުޅުގައި ބީފާނުގެ މައްޗަށް ހާއްސަ ލޯތްބަކާއި ގަދަރެއް އުފެދުނެވެ. ބީފާނުގެވެސް ހިތުގެ ރާގާއި ވިންދުވެސްހުރީ ހަމަ ފެހެލާނޑާއާ އެއްމިނެއްގައެވެ. އެންމެފަހުން ދެބޭފުޅުން ކައިވެނި ބައްލަވައިގެންނެވީއެވެ.

އެއަށްފަހު ފެހެލާނޑާ ފުވައްމުލަކުގައި ވަޒަންވެރިވެ އެރަށުގައި ދިރިއުޅުއްވުން އާރާސްތު ކުރައްވަން ފަށްޓަވައިފިއެވެ. އެހިސާބުން ފުވައްމުލަކު މީހުން އޭނާއަށް ކިޔައި އުޅެނީ މިސްރު މުހައްމަދު މަނިކު ނުވަތަ މުހައްމަދުލް މިސްރީއެވެ. މިސްރީ ކިޔަންފެށީ އެއީ މިސްރު ބޭކަލަކަށްވުމުން މިސްރަށް ނިސްބަތް ކޮށެވެ. އޭނާއަށް އިބުނުއްސުލްތާނުލް މިސްރީވެސް ކިޔައި އުޅުނުކަމަށް ވެއެވެ. މިހެން ކިޔާކަމަށްވާނަމަ އޭނާއަކީ ރަސްކަލެއްގެ ދަރިއެއް ކަމަށް ނިންމަންޖެހެއެވެ.

ދޮރުބައިގެދަރު ބީފާނާއި މުހައްމަދުލް މިސްރީ ކައިވެނިފުޅު ބައްލަވައިގެން ލިބިވަޑައިގެންނެވި ބޭފުޅުންގެ ތެރެއިން އައްނާއިބު ހަސަން ރަނަހަމައިތި މަނިކުފާނު އައްޑޫ މީދޫ ބެއިކަނބަލަކާ ކައިވެނިފުޅު ބައްލަަވައިގެން ލިބިވަޑައިގެންނެވި ބޭފުޅުންގެ ތެރެއިން އެއްބޭފުޅަކީ އަލްގާޒީ މުހައްމަދު ޝަމްސުއްދީނު (އައްޑޫ ބޮޑު ފަނޑިޔާރު މަނިކުފާނު) އެވެ. އެހެންކަމުން މުހައްމަދުލް މިސްރީއަކީ ޝަމްސުއްދީނު ބޮޑުފަނޑިޔާރު މަނިކުފާނުގެ ކާފާފުޅެވެ.

ރާއްޖޭގައި ރަސްކަންކުރެއްވި ޢާއިލާ ތަކަށް ބަލާއިރު އިސްދޫ ދަރިކޮޅު ނުވަތަ ފުވައްމުލަކު ދައިގަނޑި ގަނޑުވަރު ދަރިކޮޅުގެ ދެ ރަސްކަލުންވެސް ނިސްބަތްވެ ވަޑައިގަންނަވަނީ އައްޑޫ ބޮޑުފަނޑިޔާރު މަނިކުފާނުގެ ބޭފުޅުންގެ ތެރެއިންނެވެ. އެބޭފުޅުންނަކީ އައްސުލްތާނު ހަސަން އަލީ ޝާހު ބަންދަރާއި، އައްސުލްތާނު އިބްރާހީމް މުޟުހިރުއްދީން ރަދުންނެވެ. މީގެ އިތުރަށް ދެއްވަދޫ ރަސްގެފާނަކީ އައްޑޫ ބޮޑުފަނޑިޔާރު މަނިކުފާނުގެ އަލިތުއްކަލާގެ މުހައްމަދު މަނިކުފާނެވެ. އެންމެފަހަކަށް ރަސްކަން ކުރެއްވި ދިޔަމިގިލީ ދަރިކޮޅުގެ ބޭފުޅުންގެ ތެރެއިން އިބްރާހީމް ރަސްގެ ފާނުގެ ބޭފުޅުންނަކީ އައްޑޫ ބޮޑުފަނޑިޔާރު މަނިކުފާނު ނުވަތަ ބޮޑުފަނޑިޔާރު ތަކުރުފާނުގެ ބޭފުޅުންގެ ބޭފުޅުންނެވެ. އޭގެތެރެއިން އައްސުލްތާން މުހައްމަދު ޣިޔާސުއްދީނަކީ އިބްރާހީމް ރަސްގެފާނުގެ އާއިލީ ބޭފުޅުންގެ ތެރެއިން ހިމެނި ވަޑައިގަންވާ ބޭފުޅެކެވެ.

ރާއްޖޭގެ ވެރިކަން ޖޫމްހޫރިއްޔަތަކަށް ބަދަލުވެ ފުރަތަމަ ޖުމްހޫރިއްޔާގެ ފުރަތަމަ ރައީސްކަން ކުރެއްވި މުހައްމަދު އަމީން ދޮށިމޭނާ ކިލެގެފާނަކީ އިބްރާހީމް ރަސްގެފާނުގެ އާއިލާއަށް ނިސްބަތްވެ ވަޑައިގަންނަވާ ބޭފުޅެކެވެ. އެހެންކަމުން މުހައްމަދު އަމީނާއި އައްޑޫ ބޮޑުފަނޑިޔާރު މަނިކުފާނާ އާއިލީ ގޮތުން ގުޅުން އެބަހުއްޓެވެ.

ދެވަނަ ޖުމްހޫރިއްޔާގެ ފުރަތަމަ ރައީސް އިބްރާހީމް ނާސިރާއި، ދެވަނަ ޖުމްހޫރިއްޔާގެ ދެވަނަ ރައީސް މައުމޫން އަބްދުލް ގައްޔޫމް ނިސްބަތްވެ ވަޑައިގަންނަވަނީ އައްސުލްތާނު މުހައްމަދު ޣިޔާސުއްދީން ރަދުންގެ އާއިލާއަށެވެ.

އަލްމަރުހޫމް އިބްރާހީމް ނާސިރަކީ މުހައްމަދު ޣިޔާސުއްދީނުގެ، އިބްރާހީމް ފާމުލަދޭރި ކިލެގެފާނުގެ، ހަސަންދީދީގެ، ހުސައިން ދީދީގެ، މަރިޔަމްދީދީގެ، މޫސާ ދީދީގެ އާއިޝަތު ދީދީގެ، ސުމުއްވުލް އަމީރު އިބްރާހީމް ނާސިރު ރަންނަބަނޑޭރި ކިލެގެފާނު، ނ.ޣ.ޢ.ވ، ކޭސީއެމްޖީގެ އިއްޒަތުގެ ވެރިޔާއެވެ.

ދެވަނަ ޖުމްހޫރިއްޔާގެ ދެވަނަ ރައީސް މައުމޫން އަބްދުލް ގައްޔޫމަކީ، މުހައްމަދު ޣިޔާސުއްދީނުގެ، އިބްރާހީމް ފާމުލަދޭރި ކިލެގެފާނުގެ، އާއިޝަތު ދީދީގެ ދޮންދީދީގެ، މުހައްމަދު ދީދީގެ، އާއިޝަތު ދީދީގެ މަރިޔަމްދީދީގެ، ކައްދާ ދީދީގެ، ފަޟީލަތުއްޝައިޚުލް އުސްތާޒު މައުމޫން އަބްދުލްގައްޔޫމް އަޒުހަރީއެވެ.

ތާރީޚު އިލްމުވެރިޔާ މުހައްމަދު އިބްރާހިމް ލުތުފީ ލިޔުއްވާފައިވާ ގޮތުގައި ފެހެލާނޑާގެ މަހާނަ ހުންނަނީ ފުވައްމުލަކު ހުކުރު މިސްކިތު ހަރިއްމަ ތެރޭގައެވެ. އެމަހާނަ ގަލުގައި ލިޔެވިފައި ވަނީ މުހައްމަދު އިބުނު އައްސުލްތާނުލް މިސްރީ އެވެ. ތާރީޚު ދިރާސާ ކުރައްވާ ބައެއް ބޭފުޅުންވިދާޅުވެފައިވަނީ ފެހެލާނޑާގެ މަހާނަ ހުންނަނީ އައްޑޫ ހިތަދޫ ހުކުރު މިސްކިތުގެ ހަރިއްމަތެރޭގައި ކަމަށެވެ. ފެހެލާނޑާ އައްޑުއަށް ވަޑައިގެންނެވީ ފުވައްމުލައް ފަޅުވި ފަހަރެއްގައި ކަމަށް މި ރައުޔު ގަބޫލު ކުރައްވާ ފުވައްމުލަކު ގޫފަހަވަތި ނުވަތަ ވިދުވަރު އަލިދީދީ ވިދާޅުވިއެވެ.

ފެހެލާނޑާގެ ދުވަސްވަރަކީ މީލާދީން 1400 ގެ ފަހުކޮޅު ނުވަތަ 1500 ގެ ކުރީކޮޅެވެ. މިގޮތަށް މިރައުު ނެެރެފައިވަނީ އަލްގާޒީ މުހައްމަދު ޝަމްސުއްދީން ބޮޑުފަނޑިޔާރު ތަކުރުފާނު ދުނިޔޭގެ އަލިކަން ދެކެވަޑައިގަތީ މީލާދީން 1563 ގައި ކަމަށްވާތީއެވެ.
މައުލޫމާތު: ފުވައްމުލަކު ގޫފަހަވަތި އަލީދީދީ (ވިދުވަރު އަލިބެ)