English Edition
Dhivehi Edition

ކޮންމެ ކުއްޖަކީވެސް ތަފާތު ކުއްޖެކެވެ. އުޅޭ އުޅުމާ ކުރާ ކަންކަމުގައެވެ. ކިޔެވުމާއި ކުޅިވަރުގައެވެ. އަމިއްލަ ނަފްސައް އިތުބާރުކުރުމާއި އިސްނެގުމުގައެވެ. މި ގޮތުން ސ.މީދޫ ވަންރޯސް މުހައްމަދު ހިޒްޔަމް ހާމިދު(ހިޒީ) އަކީ މިހުރިހާ ގޮތަކަށް ބެލިނަމަވެސް ފާހަގަކޮށްލެވޭ ފަދަ ދަރިވަރެކެވެ. ހިޒްޔަމްގެ ހިތްހެޔޮކަމާއި އެ މަޖާ މިޒާޖުގެ ސަބަބުން އޭނާ ނޭގޭ މީހަކު އައްޑޫ ސިޓީ މީދޫ ގައި ނޫޅޭނޭ ބުންޏަސް ދޮގަކަށް ނުވާނެވެ.

ސ.އަތޮޅު މަދަރަސާގެ ގްރޭޑް 9 ގައި ކިޔަވަމުން އަންނަ ހިޒީ އަކީ ކިޔެވުމުގައި ފާހަގަކޮށްލެވޭފަދަ މޮޅު ދަރިވަރެކެވެ. ޝަމްސުއްދީން ސްކޫލްގެ ޑެޕިއުޓީ ކެޕްޓަންގެ މަގާމާއެކު އެ ސްކޫލް ގްރޭޑް7 ނިންމާފައިވާ، ހިޒީ އަކީ ސ.އަތޮޅު މަދަރަސާގައިވެސް ޕްރިފެކްޓެކެވެ.މީގެ އިތުރުން ސްކޫލްގެ ދިވެހި ކްލަބުގެ ވައިސް ޕްރެޒިޑެންޓްގެ އިތުރުން ސްޕޯޓްސް ކްލަބްގެ ކްލާސް ރިޕްރެޒެންޓޭޓިވް އެވެ. ހިޒީ އަކީ ސްކޫލްގައި ބާއްވާ އިތުރު ހަރަކާތްތަކުގައި ވަރަށް ފޯރިއާއި އެކު ބައިވެރިވާ ދަރިވަރެކެވެ. ހާއްސަކޮށް ތިމާވެއްޓާއި ގުޅުން ހުރި ކޮންމެ ހަރަކާތަކީވެސް ހިޒީ އެ ހަރަކާތެއްގައި ޖޯޝާ ފޯރިއާއި އެކު ބައިވެރިވަމުން އަންނަ ހަރަކާތްތަކެކެވެ. “ސްކޫލްގަ ހިންގާ ގިނަ ހަރަކާތްތަކުގަ ބައިވެރިވަން. ބައެއް މީހުން ހިތަށް އަރާފާނެ ފަލަކޮށް ހުރީމަ ކުޅިވަރު ހަރަކާތްތަކުގަ ބައިވެރި ނުވެވޭނޭ. އެކަމަކު އަޅުގަނޑު އެތްލެޓިކްސް މީޓްގަވެސް ބައިވެރިވަން” ‘އޭއޯ ނިއުސް’އަށް ދިން އިންޓަވިއުއެއްގައި ހިޒީ ބުންޏެވެ.

އުމުރުގެ އެހެން ކުދިންނާއި އަޅާބަލާއިރު ތަންކޮޅެއް ފަލަކޮށް ހިޒްޔަމް ހުއްޓަސް ދުވަހަކުވެސް އެއްވެސް ކުއްޖަކު އޭނަ ބުލީކޮށް މަލާމަތްކޮށްފައިނުވާކަމަށް ހިޒީ ބުންޏެވެ. “ފަލަވިޔަސް އެހެން ކުދިން ދުވަހަކުވެސް އަޅުގަނޑު ބާކީއެއް ނުކުރޭ. އެންމެންވެސް ވަރަށް ގާތްކޮށް އުޅެނީ.”ހިޒީ ބުންޏެވެ. މީގެ އިތުރުން ހިޒީ ބުނީ އެހެންކުދިން ބުލީކުރާ ކުދިން އެކަން ކުރަނީ އެހެން މީހުންގެ އިހްސާސްތައް ނޭގޭތީ ކަމަށާއި އަބަދުވެސް އެހެން މީހުންގެ އިހްސާސްތަކަށް ގަދަރުކުރަން ޖެހޭނެކަމަށެވެ.

ސްކޫލްގައި ބާއްވާ އިތުރު ހަރަކާތްތަކުގެ އިތުރުން ރަށުގައި ހިންގާ އިޖްތިމާއީ ހަރަކާތްތަކުގައިވެސް ހިޒީ ނުފެންނަ ފަހަރެއް މަދުވާނެއެވެ. މިހާރުވެސް މުލިމަތި ޔުނައިޓެޑްއިން ހިންގާ ގިނަ ހަރަކާތްތައް ރާވާ އިންތިޒާމުކުރުމުގައި އިސްކޮށް މަސައްކަތްކުރަމުންދާ ހިޒީ ބުނީ އުފަން ރަށްދެކެ ވަރަށް ލޯބިވާ ކަމަށާއި އަބަދުވެސް ރަށަށްޓަކައި މަސައްކަތްކުރަން ބޭނުންވާ ކަމަށެވެ. “ތިމާގެ ރަށަށް ތިމާ ނެތް ލޯތްބެއް އެހެން މީހަކު ނުހުންނާނެ. އެހެންކަމުން އަބަދުވެސް ބޭނުންވަނީ މި ރަށަށް ގިނަ ކުރިއެރުންތައް ލިބި ތަރައްޤީވެގެން ދިއުން”ހިޒީ ބުންޏެވެ.ހިޒީ ދެކޭ ގޮތުގައި ރަށާއި ގައުމަށް ހިދުމަތްކުރުމުގައި ވަކި އުމުރެއް ވަކި މީހެއް ނެތެވެ. އެއީ ކޮންމެ އުމުރެއްގެ ކޮންމެ މީހަކަށްވެސް ކުރެވިދާނެ ކަމެކެވެ.

ހިޒީ އަކީ އެ އުމުރުގެ އެހެން ކުދިންނާއި އަޅާބަލާއިރު ގައުމުގައި ހިނގާ ބޮޑެތި ކަންތައްތަކާއި މެދު ވިސްނާ އެކަމާއި ގުޅޭ ހިޔާލުތައް ސޯޝަލް މީޑިއާގައިވެސް ފާޅުކުރަމުންދާ ކުއްޖެކެވެ. “ކޮންމެ ކަމަކަށްވެސް ހައްލު ހޯދަން ބޭނުންވާ. މިހާރު މި އޮންނަ އެނެމް ވަރުގަދަ ހަތިޔާރަކީ ސޯޝަލް މީޑިއާ. އެހެންކަމުން ސޯޝަލް މީޑިއާ މެދުވެރިކޮށް މީހުންނަށް ކަންކަމާއި ގުޅޭ މައުލޫމާތު ހިއްސާކޮށް،ކަމާއި ބެހޭ ފަރާތްތަކުގެ ސަމާލުކަމަށް މައްސަލަތައް ގެނެއުމަށް ސޯޝަލް މީޑިއާ ވަރަށް އިސް ދައުރެއް އަދާކުރޭ”ހިޒީ ބުންޏެވެ. ހިޒީ ބުނީ ސޯޝަލް މީޑިއާ ބޭނުންކުރި ނަމަވެސް އެކަމުގެ ސަބަބުން އޭނާގެ ކިޔެވުމަށް އެއްވެސް ހުރަހެއް ނޭޅޭކަމަށެވެ. އަދި އަބަދުވެސް ސޯޝަލް މީޑިއާ ބޭނުންކުރަނީ ވަކި މިންގަޑުތަކެއްގައި ހިފަހައްޓައިގެން ކަމަށް ހިޒީ ބުންޏެވެ. “ސޯޝަލް މީޑިއާގެ ބޭނުން ރަގަޅު ގޮތުގަ ހިފައިފިނަމަ ރަގަޅުވާނެ. އަޅުގަނޑު ސޯޝަލް މީޑިއާ ބޭނުންކުރުމުގެ ތެރޭގެ އާ މައުލޫމާތުތައް ލިބި އާކަންކަން ދަސްވެފަވެސް އެބަހުރި” ހިޒީ ބުންޏެވެ.

ހިޒްޔަމްގެ ހަޔާތުގައި އައި އެންމެ އުފާވި ދުވަހަކީ އޭއޯ ނިއުސް ސްކޫލް މީޑިއާ ޖާނަލިސް އެވޯޑް ލިބުނު ދުވަހާއި ސްކޫލްގެ ޑެޕިއުޓީ ކެޕްޓަންއަކަށް ހޮވުނު ދުވަސްކަމުގައި ހިޒީ ބުންޏެވެ. އަބަދުވެސް އެހެން މީހުން ހެއްވާލުމުގައި އުޅޭ ހިޒީގެ ހަޔާތުގައި އޭނާ އެންމެ ދެރަވި ދުވަހަކީ ދައްތަ އާއި މާމަ ނިޔާވި ދުވަސްކަމުގައި ހިޒްޔަމް ބުންޏެވެ.

އަބަދުވެސް އެހެން މީހުންނާއި ގުޅިގެން މަސައްކަތްކުރަމުން ދާ ހިޒީ ބޭނުންވަނީ ސްކޫލް ނިންމުމަށްފަހު އަމިއްލަ ވިޔަފާރިއެއް ފެށުމަށްކަމުގައި ހިޒީ ބުންޏެވެ. މީގެ އިތުރުން އަބަދުވެސް ގައުމަށް ކުރިއެރުމާއި، ރީތި ނަން ހޯދުމުގެ އަޒުމުގައި މަސައްކަތްކުރަމުންދާ ހިޒީ ބުނީ ރާއްޖޭގައި އެސްޓްރޯނަމީ ކުރިއެރުވުމަކީ ވަރަށް ބޮޑު ހުވަފެނެއް ކަމުގައެވެ.

މިހާރުވެސް އޭއޯ ނިއުސްގެ ސްކޫލް މީޑިއާ ޓީމްގައި މަސައްކަތްކުރަމުންދާ ހިޒްޔަމްއަށް ‘އޭއޯ ނިއުސް’ އިން އެދެނީ ކާމިޔާބީ އާއި ކުރިއެރުމެވެ.