English Edition
Dhivehi Edition

ރާއްޖޭގެ ފިރިހެނުންނަކީ އެހެންގައުމުތަކުގެ ފިރިހެނުންނާ އަޅާބަލާއިރު އާދަޔާ ޚިލާފު ބަޔަކީ ހެއްޔެވެ؟ ޒަމާނުއްސުރެން ފެށިގެން ދިވެހިންގެ ކިބައިގައި އޮންނަ ހިތްހެޔޮކަމާއި އެކުވެރިކަން މިއަދުވެސް ދިވެހި ފިރިހެނުންގެ ކިބައިން ފެންނަކަމީ ރާއްޖެއަށް އަންނަ ބޭރު ގައުމުތަކުގެ އަންހެނުން އެންމެ ގަޔާވާ އެއްކަމެވެ.

ތިރީގައި މިވަނީ ބިދޭސީ އަންހެންކުއްޖެއް ކަމަށްވާ ސަންޑްރާ ލަޒްނިކް ރާއްޖޭގައި ހޭދަކުރި ދުވަސްތަކަށް ފަހު ދިވެހި ފިރިހެނުންނާ ބެހޭގޮތުން ލިޔެފައިވާ ވާހަކަތަކެވެ.

1- ބްރިޓިޝް މީހުން ސައި ބޮއި ހަދާގޮތަށް ދިވެހި ފިރިހެނުން ބޮނީ ރެޑް ބުލް

ރެޑްބުލް އަކީ ދިވެހި ފިރިހެނުންގެ އެންމެ ޚާއްޞަ ބުއިމެވެ. އެހެންމީހުން ފެން ބޮއި ހަދާ ގޮތަށް އެމީހުން ރެޑްބުލް ބޮއި ހަދައެވެ. ހެނދުނު ހެނދުނާ ކަމަށް ވިޔަސް، ރޭގަނޑު ދަންވަރު ކަމަށް ވިޔަސް އަދި މެންދުރުގެ ކެއުމާއި ރޭގަނޑުގެ ކެއުމާއެކު ކަމަށްވިޔަސް އެމީހުން ރެޑްބުލް ނުބޯ އެންމެ ވަގުތެއްވެސް ނުދާނެއެވެ. އެމީހުންގެ ލޭގެ ޓެސްޓެއް ހަދައިފިއެއްޔާ ހަށިގަނޑުގައި ހުންނަ ލޭ ހޮޅުތަކުގައި ލެޔަށް ވުރެ ރެޑް ބުލްގެ އަސަރު ގިނަވާނެކަމަށް ލަފާކުރެވެއެވެ.

2- އެއީ ޓެކްނޮލޮޖީ ގައި އަރާތިބި ބައެއް:

ރާއްޖޭގެ ފިރިހެނުންނަނީ ޓެކްނޮލޮޖީގައި ވަރަށް ކުރިއަރާފައިވާ ބައެއްކަމަށް ސަންޑްރާ ބުނެއެވެ. “އެންމެ ފަހުގެ މޮބައިލް ފޯނާ ބެހޭ މައުލޫމާތާއި ސޮފްޓްވެއާރ އަދި ކޮމްޕިއުޓާރ އެޕްސްތަކާ ބެހޭ ހުރިހާ މައުލޫމާތެއް އެމީހުންނަށް އެނގޭނެ. އެމީހުން އަތުގައި އެންމެ ފަހުގެ ޓެކްނޮލިޖީގެ ހުރިހާ ބާވަތެއް ހުރޭ. ގޯޕްރޯ ކެމެރާއާއި އެންމެ ފަހުގެ އައިޕޯންވެސް ހުންނާނެ. ހުރިހާ ސޯޝަލް މީޑިއާއެއްގައި އެމީހުންތިބޭ. އެމީހުންގެ އަތުގައި އަބަދުވެސް ފޯން އޮންނާނެ.

އެންމެންނަށް ހެން ސައިކަލް ދުއްވަން އެނގޭ

“ސައިކަލެއް ދުއްވާނަމަ ސައިކަލް ދުއްވޭފަދަ މަގެއް ބޭނުންވޭ. އެކަމަކު ސައިކަލް ދުއްވާނެ މާގިނަ މަގެއް ނެތް މިރާއްޖޭގެ ހުރިހާ ފިރިހެނުންހެން ސައިކަލް ދުއްވަން ވަރަށް ފަރިތަވެފައި މޮޅު” ރަނގަޅު ފެންވަރަކަށް ހަދާފައިވާ މަގުތައް މަދުން ހުރިނަމަވެސް ސައިކަލް ދުއްވުމުގެ ހުރިހާ އުކުޅަކާއި ހުނަރެއް ރާއްޖޭގެ ފިރިހެނުންނަށް އެނގޭކަމަށް ސަންޑްރާ ބުނެއެވެ.

އެމީހުން އަބަދުވެސް ތިބެނީ ވަރަށް ތާޒާކޮށް

ދިވެހި ފިރިހެނުންގެ އެންމެ ޚާއްޞަ އެއްކަމަކީ ރީތިވެގެން ހަށިގަނޑުގައި މީރުވަސް ދުއްވައިގެން ތިބޭ ކަމެވެ. ސަންޑްރާ ބުނާ ގޮތުގައި އޭނާ 2 އަހަރު ދުވަސް ރާއްޖޭގައި ހޭދަކުރި އިރު ނުބައިވަސް ދުވާ އެއްވެސް މީހަކާ ދިމާވެފައެއް ނުވެއެވެ. “ރާއްޖެއަކީ ހޫނުގައުމެއް. ރޭގަނޑު ފިޔަވައި ހުރިހާ ވަގުތެއްގައި އިރު ހުރޭ. އެކަމަކު ރާއްޖޭގެ ފިރިހެނުން ހިނގާލާފައި ދާއިރު ގައިން ނުބައިވަސް އެރިތަނެއް ނާދޭ. އެންމެ ޚާއްޞަ ކަމަކީ މީރުވަސް ދުވާ ޑިއޮޑަރެންޓް ފަދަ ތަކެތި ވިއްކާ ފިހާރަތައް ކޮންމެ ރަށެއްގައިވެސް ހުންނަކަން”

އެމީހުންނަކީ ހިތްހެޔޮބައެއް

ސަންގްލާސް އަކުން އެމީހުންގެ ލޯ ފޮރުވައިގެން އެއްބަޔަކު ތިބެދާނެއެވެ. އަނެއްބަޔަކު އެމީހުންގެ ފޯނާއެކު މާ ބިޒީވެގެން ތިބޭތަންވެސް ފެނިދާނެއެވެ. އަދި ކުރިމަތިން ފެންނަ މީހުންނަށް އެމީހުން އެއްވެސް ޚާއްޞަ ކަމެއް ނުދެޔޭ ވެސް ހީވެދާނެއެވެ. އެހެންނަމަވެސް ހިނިތުންވުމާއި އެކުވެެރިކަމާއެކު އެމީހުންނާ މުޚާޠަބު ކޮށްފިނަމަ ދިވެހި ފިރިހެނުންގެ ކިބައިގައިވާ ހިތްހެޔޮކަން ފެނިގެންދާނެއެވެ. ” އެމީހުންނަށް އިޙްތިރާމްކޮށް ހެޔޮކޮށް ހިތާނަމަ އެއީ މުޅި އުމުރަށް ލިބިގެންދާނެ ރަނގަޅު ރަޙްމަތްތެރިން. އެމީހުން އަމިއްލައަށް އެމީހުންގެ ހިތް ހުޅުވައެއް ނުލާނެ. އެހެނަސް އެމީހުންގެ ހިތަކީ އިންޑިއާ ކަނޑުގެ ފުންމިންފަދަ ފުންތަނެއް. އެ ހިތްތަކުގައި ވަނީ ހިތްހެޔޮކަމާއި ކުލުނާއި ލޯބި” ސަންޑްރާ ބުނެފައިވެއެވެ.