ޔޫއެފާ ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލުގެ ދެ ވަނަ ލެގްގައި ނެދަލެންޑްސްގެ އަޔަކްސް ކޮޅަށް ފަހަތުން އަރައި ޖެހި ތިން ގޯލާއެކު އެގްރިގޭޓް ނަތީޖާއިން ކުރި ހޯދި އިންގްލެންޑުގެ ޓޮޓެންހަމް ހޮޓްސްޕާސް މުބާރާތުގެ ފައިނަލަށް ދަތުރުކޮށްފި އެވެ
ޗެމްޕިއަންސް ލީގުގައި މިއަހަރު މޮޅު ކުޅުމެއް ދައްކާފައިވާ އަޔެކްސްގެ ޒުވާން ޓީމު ހިތްތައް ކުދިކުދި ކޮށް ޓޮޓެންހަމްއަށް ފުރަތަމަ ފަހަރަށް ޗެމްޕިއަންސް ލީގުގެ ފައިނަލައަށް ގެންގޮސްދީފައިވަނީ ބްރެޒިލްގެ ލޫކަސް މޯރާގެ ހެޓްރިކުންނެވެ.
ރޭގެ މެޗަށް ނިކުތުމުގެ ކުރިން ސެމީފައިނަލް ފުރަތަމަ ލެގްގައި ޓޮޓެންހަމްގެ ދަނޑުގައި ކުޅުނު މެޗުން އަޔެކްސް 1-0 ލަނޑުން ކާމިޔާބުކޮށްފައިވާއިރު ރޭގެ މިމެޗު ޓޮޓެންހަމް ކާމިޔާބުކޮށްފައިވަނީ 3-2 ލަނޑުގެ ތަފާތަކުންނެވެ.މިނަތީޖާއިން ދެ ލެގުގެ އެގްރިގޭޓުން ދެޓީމު 3-3 ލަނޑުގެ ނަތީޖާއަކުން ހަމަހަމަ ވެފައިވާއިރު ޓޯޓެންހަމްފައިނަލަށް ދަތުރު ކުރީ އަވޭގޯލްގެ ތަފާތުން ކުރި ހޯދައިގެންނެވެ.
މިއީ ޗެމްޕިއަންސް ލީގުގެ ފައިނަލަށް ޓޮޓެންހަމް ދަތުރުކުރި ފުރަތަމަ ފަހަރެވެ. އަނެއްކޮޅުން މިރޭގެ މެޗުން ބަލިވުމުން 1996 ވަނަ އަހަރަށްފަހު ފައިނަލަށް ދަތުރުކުރުމުގެ ފުރުސަތު އަޔަކްސް އަށް ވަނީ ބަންދުވެފައެވެ. އަދި މިމެޗުން ބަލިވުމުން ސީޒަނުގައި ތިން ތަށި ހޯދުމަށް އަޔަކްސް އިން ކުރި އުއްމީދަށްވެސް މިވަނީ ނިމުން އައިސްފައެވެ. އެޓީމު މުބާރާތުގެ ސެމީ ފައިނަލާއި ހަމައަށް ދަތުރުކުރީ ޔޫރަޕްގެ ގަދަ ބާރުތަށް ކަމަށްވާ ޔުވެންޓަސް އާއި ރެއާލް މެޑްރިޑްވެސް ކަޓުވާލުމަށްފަހުގައެވެ.
އަޔަކްސްގެ ޔޮހާން ކްރައިފް އެރީނާގައި ރޭ ކުޅުނު މިމެޗުގައި އަޔަކްސްއިން އަމިއްލަ ސަޕޯޓަރުން ކުރިމަތީގައި ވަރުގަދަ މޮޅު ކުޅުމެއްދައްކާފައިވާއިރު މިމެޗުގެ ފުރަތަމަ ހާފްގައި އަޔަކްސްއިން ވަނީ 2 ލަނޑު ކާމިޔާބުކޮށް ފައިނަލްގައި ކުޅުމުގެ އުންމީދު ވަރަށް ބޮޑުކޮށްފައެވެ. ފަސްވަނަ މިނެޓުގައި އަޔެކްސްގެ ކެޕްޓަން މަތިއަސް ޑިލިޓްގެ ގޯލުން އަޔެކްސް ލީޑު ނެގި އިރު، ހާފް ނިމެން ދަނިކޮށް ޒިޔެޗް ވަނީ އެ ޓީމްގެ ދެވަނަ ލަނޑު ކާމިޔާބުކޮށްފައެވެ.
ރޭގެމިމެޗުގެ ހުރިހާ ކަމެއް ބަދަލުވެގެން ދިޔައީ ދެވަނަ ހާފްގައި ޓޮޓެންހަމްގެ ލޫކަސް މޯރާގެ ލަނޑު ތަކުން މެޗުގެ ނަތީޖާ އެނބުރުނު ހިސާބުންނެވެ.މިގޮތުން ޓޮޓެންހަމްގެ ފުރަތަމަ ލަނޑު މެޗުގެ 55 ވަނަ މިނެޓް ލޫކަސް މޯރާ ކާމިޔާބުކޮށްދިން އިރު މެޗުގެ ނަތީޖާ ހަހަމަ އޭނާ ކޮށްދީފައިވަނީ މެޗުގެ59 ވަނަ މިނެޓުގަ އެވެ. އަދި އިތުރު ވަގުތުގެ ހަ ވަނަ މިނެޓުގައި ޑެލޭ އަލީ ދިން ބޯޅައެއް އަޔަކްސްގެ ދެ ޑިފެންޑަރުގެ ދެމެދުން އަރައި ގޯލުގެ ތިރީ ކަނަށް ވައްދާލައި ލޫކަސް މޯރާ ޓޮޓެންހަމް ފައިނަލަށް ގެންގޮސްދިނެވެ.
ޗެމްޕިއަންސް ލީގުގެ ފައިނަލުގައި ޓޮޓެންހަމް ނުކުންނާނީ ސެމީގެ ފުރަތަމަ މެޗުގައި ބާސެލޯނާގެ މައްޗަށް ކުރި ހޯދި ލިވަޕޫލާ ދެކޮޅަށެވެ. ފައިނަލް މެޗު ކުޅޭނީ އަންނަ މަހުގެ އެއް ވަނަ ދުވަހު ސްޕެއިންގެ އެތުލެޓިކޯ މެޑްރިޑްގެ ވަންޑާ މެޓްރޮޕޮލިޓާނޯ ސްޓޭޑިއަމްގައެވެ.