އައްޑޫ އަތޮޅުގެ ގިނަ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކާއި އެކު އައްޑޫ އަތޮޅު ސިޓީއަކަށް ބަދަލުކޮށްފައިވަނީ ރައީސް ނަޝީދުގެ ވެރިކަމުގެ ފުރަތަމަ އަހަރުގެ ތެރޭގައެވެ. ގިނަރަށްރަށުން އައްޑޫ، ސިޓީއަކަށް ހަދަން ފެންނަކަމަށް ވޯޓްދިން އިރު ފޭދޫ އާއި މީދޫއިން ބުނެފައިވަނީ އައްޑޫ އަށް ސިޓީގެ ދަރަޖަ ދިނުން އަދި ނުފެންނަ ކަމަށެވެ.
މިހާރު ސިޓީއެއްގެ ދަރަޖަ ލިބިފައިވާ އައްޑޫ ރައްޔިތުންނަށް ސިޓީއަކުން ލިބެންޖެހޭ އަސީސީ ޚިދުމަތް ލިބިފައެއް ނެތެވެ. ނަމަވެސް މިއީ ސިޓީއެކެވެ. ލޯކަލް ގަވާމަންތް އޮތޯރިޓީއިން މިހަރުވަނީ ސިޓީއެއްގައި ހުންނަން ޖެހޭ ޚިދުމަތްތައް ކަނޑައަޅާ އާއްމު ކޮށްފައެވެ.
އެގޮތުން ލިބެން ހުންނަންޖެހޭ ހިދުމަތްތަކުގެ ތެރޭގައި، ސިޓީއެއްގެ ދަރަޖަ ދެވޭ ރަށެއްގައި ނުވަތަ ސަރަހައްދެއްގައި އުމްރާނީ ގޮތުން ބަލާއިރު އެފަދަ ތަންތަނަށް އެކަށީގެންވާ ފެންވަރުގެ ހިދުމަތްތައް ލިބެން ހުންނަން ޖެހޭނެ ކަމަށް ބުނެފައިވެ އެވެ.
މީގެ އިތުރަށް އާއްމު ހިދުމަތަށް ބަލާއިރު އިސްލާމީ ޝިއާރު ފާޅުކުރުމާއި، އިޖުތިމާއީ ކަންކަމަށް ބޭނުންވާ ވަސީލަތްތަކާއި، ސިއްހީ ހިދުމަތާއި، ތައުލީމާއި ތަމްރީނަށް ބޭނުންވާނެ ވަސީލަތްތައް ހުންނަންޖެހެއެވެ. އަދި އެއްގަމާއި ކަނޑުދަތުރުފަތުގެ ނިޒާމް ހަމަޖެހި އެ ސަރަހައްދަކުން ނުވަތަ ދުރުނޫން ހިސާބަކުން ވައިގެ ދަތުރުތަކަށް ބޭނުންވާ ވަސީލަތްތައް ހުންނަންޖެހޭ ކަމަށްވެސް މި އުސޫލުގައިވެ އެވެ.
ހަމަ މިއާއިއެކު ބޯހިޔާވަހިކަމާއި ޔުޓިލިޓީޒް ހިދުމަތްތަކާއި، އިޖުތިމާއީ ރައްކާތެރިކަމަށް ބޭނުންވާ ހިދުމަތްތަކާއި އަދި އާންމު ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރެވޭނެ ގޮތްތައްވެސް ގާއިމުވެފައި ހުންނަން ޖެހޭނެ ކަމަށްވެސް އުސޫލުގައިވެ އެވެ.
އުފެއްދުންތެރިކަމުގެ ޖުމްލަ ނިސްބަތް، ސިޓީއެއްގެ ދަރަޖަ ދެވޭ ރަށެއްގައި ނުވަތަ ސިޓީއެއް އަދި ސަރަހައްދެއްގައި އުމްރާނީގޮތުން ބަލާއިރު އެތަނެއްގެ އާބާދީއާއި އަދި އިގްތިސާދީ ސިނާއީ ފުރުސަތުތަކަށް ބިނާކޮށް އުފެއްދުންތެރި ކަމުގެ އެވުރެޖު ނިސްބަތް ގައުމީ މިންގަނޑާއި އަޅާބަލާއިރު އެކަށީގެންވާ މިންވަރެއްގައި ހުންނަންޖެހޭނެ ކަމަށްވެސް އުސޫލުގައި ވަނީ ބުނެފަ އެެވެ.
މިގޮތަށް ހުންނަން ޖެހޭނެ ކަމަށް ކަނޑައަޅާފައިވާ ޔުޓިލިޓީ ޚިދުމަތްތައް އައްޑޫ ސިޓީއަށް ލިބިފައި ވޭތޯ ޗެކްކޮށްލުމަށް އެލްޖީއޭގެ ވެބްސައިޓަށް ވަދެބަލާލީމެވެ. އޭގެއިން އެނގޭގޮތުގައި އައްޑޫ ގައި ފެނާއި ނަރުދަމާ ވަނީ ގާއިމު ކުރެވިފައެވެ. މިގޮތަށް ފެނިފައި ކުޑަކޮށް ޔަގީން ކޮށްލަން ދެވަނަ ފަހަރު ބަލާލެވުނެވެ. ހަމަ އޮތީ “ގާއިމު ކުރެވިފަ” މިހެންނެވެ.
ބޯފެން ހޮޅިއެޅުމުގެ މަސައްކަތް މިހާރު ކުރަމުންދާ ކަމުގައި ވީނަމަވެސް މީގެ ޚިދުމަތް އައްޑޫ އެއްވެސް ރައްޔިތަކަށް ނުލިބޭ ކަމީ ޔަގީން ވާކަމަކެވެ. ފެންވަރަނީ އަދިވެސް ބިމުންނަގާ ވަޅު ފެނުންނެވެ. ކައްކަންވެސް ބޭނުން ކުރަން މިޖެހެނީ ހަމަ މިފެނެވެ. ފާޚާނާގެ ނަޖިސް ހިންދަންޖެހެނީ ފެންބޯވަޅާ މާދުރު ނޫންހިސާބެއްގައި ކޮނެފައި ހުންނަ ފާޚާނާ ވަޅުގަނޑަށެވެ. ބޯފެންވަޅުގެ ފެންތަހުލީލު ކުރާއިރު އެފެން ކައްކަންވެސް ކަމަކު ނުދެއެވެ. ނަމަވެސް އެހެންގޮތެއް އަދި ނެތެވެ.
އައްޑޫގައި ސްވެރޭޖް ސިސްޓަމެއް ގާއިމު ކުރެވިފައި ނެތެވެ. އަދި މިކަމަކަށް އެއްވެސް އަމަލީ މަސައްކަތެއްވެސް ނުކުރެވެއެވެ. ވިއްސާރަވެ ވާރޭ ވެހިލާއިރަށް ރަށުތެރޭ ފެންބޮޑުވެ ނަޖިސްފެނާ އެކުވެ ގޭގެއަށް ފެންވަދެއެވެ. ކޮންމެ ފަހަރަކުވެސް ސަލާމަތީ ބާރުތަކުގެ ބޭފުޅުން ނިކުމެ ވަގުތީ ހައްލެއް ހޯއްދަވާ ދެއްވައެވެ. އުފެދިފައި ހުންނަ ފެންގަޑު ތަކުގެ ފެންތައް ޕަންޕް ޖަހާ ބޭރު ކޮށްލަދެއެވެ.
ވާރޭވެހި މަގުތަކުގައި ހެދިފައި ހުންނަ ފެންގަނޑު ތެރެއިން ނޫންގޮތަކަށް އެއްވެސް މީހަކަށް ހިނގާފަ ނޫޅެވެއެވެ. މަގުތައް އޮންނަނީ ޗަކަވެފައެވެ. ބައެއް މަގުތަކުގައި ހުންނަ ޗަކަ މައްޗައް ސައިކަލް ކަހާލައިގެން ވެއްޓޭ ފަހަރުވެސް އާދެއެވެ. ވަޅުތަކުގެ ތެރެއިން ކާރާއި ޕިކަޕް ދުއްވާފަ ހަފަތާއަކު އެއްފަހަރު ގަރާޖަކަށް ވައްދާފަ މަރާމާތު ކުރަން ނުޖެހި ނުދެއެވެ. އައްޑޫގެ މަގުތައް ރަނގަޅު ފެންވަރަކަށް ހަދާ ވާހަކަ އަބަދުވެސް ދެކެވެއެވެ. އަމަލީ ސިފައެއް ނާދެއެވެ. މިކަމާ އަޅާލައިގެން އުޅޭ ކައުސިލަރަކުވެސް އަދި ރައްޔިތުންގެ މެމްބަރަކުވެސް ނެތެވެ.
މީގެ ތެރެއިން ގިނަ ބޭފުޅުން ޕާޓި ފިކުރުގައި ޖެހިގެން މިފަދަ ކަމެއް ހަނދާން ވާވަރެއް ނުވެއެވެ. އެއްބަޔަކު ސަރުކާރުގެ ރަނގަޅު ވާހަކަ ދައްކާއިރު ގިނަ ބޭފުޅުން އެކަމަށް ރައްދު ދެއްވާ ސަރުކާރު ގޯސްކަމަށް ވަކާލާތު ކުރަނީއެވެ.
ރައްޔިތުން ހޮވާފަ ތިބި މެމްބަރުން ޕާޓީއެއް ލިބޭ ކުރިއެރުމަށް ހިތްހަމަޖެހިލައިގެން އަތްތިލަބަޑި ޖަހަނީއެވެ. ރައްޔިތުންގެ އިހްސާސްތަކާއި ވިންދު ވަރަށް ކައިރިން ބަލާނެކަމަށް ބުނެ ގޮނޑި ލިބުމުން ރައްޔިތުންގެ ވިންދު ބަލަން އޭރު ގެންގުޅުނު ކަށިގަނޑުވެސް ގެއްލިދެއެވެ. ނުވަތަ އެހަނދާނެއް ނުހުރެއެވެ.
ގާނޫނީ ހަމަތަކުގެ މަތިން ކޮންމެ މީހަކު ސަރުކާރުގެ އިސްވެރިއަކަށް ހުރި ކަމުގައި ވީނަމަވެސް އައްޑޫގެ ހުރިހާ ކައުންސިލަރުންނާއި އަދި މަޖިލީސް މެމްބަރުން ގުޅިގެން އައްޑޫ ހަގީގީ ސިޓީއަކަށް ހަދަން މަސައްކަތް ކުރަން އެބަޖެހެއެވެ. އެހެންނޫނަމަ އައްޑުއަށް އައްޑޫ ސިޓީ ކިއުން ހުއްޓާލަމާ ހިނގާށެވެ. އަދިވެސް އެހެންމީހުންގެ ދުލުން ތީ “އައްޑޫ ގޫބައްޑާ” އިންނޭ ބުނަން ފުރުސަތު ދީދީ ތިބެލާށެވެ