ފޮރިން މިނިސްޓަރ އަބްދުލުﷲ ޝާހިދު ރުމޭނިއާގެ މިނިސްޓަރ އޮފް ފޮރިން އެފެއަރޒް ތިއޮޑޯ މެލެސްކާނޯގެ ދަޢުވަތަކަށް ކުރައްވާ ދަތުރުފުޅެއްގައި ރުމޭނިއާއަށް ފުރާވަޑައިގެންފިއެވެ. ފޮރިން މިނިސްޓަރ އަބްދުލުﷲ ޝާހިދު ގެ މި ދަތުރުފުޅުގައި މިނިސްޓަރ އޮފް ސްޓޭޓް ފޮރ ފޮރިން އެފެއަރޒް އަހުމަދު ޚަލީލު އާއި، މިނިސްޓްރީ އޮފް ފޮރިން އެފެއަރޒްގެ އެސިސްޓަންޓް ޑިރެކްޓަރ ފާތުމަތު ރަޒާނާ ބައިވެރިވެވަޑައިގަންނަވައެވެ.
މިނިސްޓްރީ އޮފް ފޮރިން އެފެއާޒް އިން ވިދާޅުވީ، މި ދަތުރުފުޅުގައި ރުމޭނީއާގެ ޚާރިޖީ ވަޒީރު މެލެސްކާނޯއާއި ބައްދަލުކުރައްވައި، ދެޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމާއި ބެހޭ ގޮތުން މިނިސްޓަރ ޝާހިދު މަޝްވަރާކުރައްވާނެ ކަމަށާއި، ރުމޭނިއާގެ ވައިސް ޕްރައިމް މިނިސްޓަރ އަނާ ބަރޗޯލްގެ އަރިހަށް އިހްތިރާމްގެ ޒިޔާރަތެއް ކުރެއްވުމަށް ހަމަޖެހިފައިވާ ކަމަށެވެ.
މީގެ އިތުރުން ރުމޭނިއާ ސަރުކާރުގެ އިސް އެހެން ބައެއް ބޭފުޅުންނާއިއެކު އެޤައުމުގެ ވެރިރަށް ބުކަރެސްޓްގައި ބައްދަލުކުރައްވައި، ދެޤައުމުގެ ގާތް ގުޅުން އިތުރަށް ހަރުދަނާކުރުމާއި ބެހޭ ގޮތުން އެބޭފުޅުންނާއިއެކު މިނިސްޓަރ ޝާހިދު މަޝްވަރާކުރައްވާނެ ކަމަށްވެސް އެ މިނިސްޓްރީން ވިދާޅުވިއެވެ.
ފޮރިން މިނިސްޓަރ ވަނީ މި ހަފްތާގައި އަވަށްޓެރި ސްރީލަންކާއަށްވެސް ވަޑައިގެންފައެވެ. އެ ދަތުރުފުޅަށްފަހު މިނިސްޓަރ ވިދާޅުވީ، ލަންކާ ވިސާގެ މައްސަލަތަކަށް ހައްލެއް ލިބިވަޑައިގަންނަވާނެކަމުގެ އުއްމީދު ބޮޑު ކަމަށެވެ.