English Edition
Dhivehi Edition

ލަންކާގެ ހަތަރު މަސްބޯޓާ އެ ބޯޓުތަކުގައި ތިބި މަސްވެރިންތައް ދޫކޮށްލަން ނިންމައިފިއެވެ. މިގޮތުން ލަންކާގެ ކުރީގެ ރައީސް މަހެންދުރަ ރާޖަޕަކްސާ އިއްޔެ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އެ ބޯޓުތަކާ މަސްވެރިންތައް ދޫކޮށްލަން ނިންމައިފައިވާކަމަށް ރާއްޖޭގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވެފައިވާ ކަމަށެވެ.

ލަންކާގެ މި ބޯޓުތައް އަތުލައިގެންފައިވަނީ ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ގަވާއިދާ ޚިލާފަށް މަސްބާނަން ވަދެފައި އުޅެނިކޮށް އެމްއެންޑީއެފް ގެ ކޯސްޓްގާޑުންނެވެ.

ރާޖަޕަކްސާ މިގޮތަށް ޓުވީޓެއް ކުރަށްވާފައިވާއިރު ރާއްޖޭގެ ފޮރިން މިނިސްޓަރު އަބްދުލްﷲ ޝާހިދު މިހާރު ހުންނެވީ ރަސްމީ ދަތުރުފުޅެއްގައި ސްރީލަންކާގައެވެ. މި ދަތުރު ފުޅުގައި މިނިސްޓަރ ޝާހިދު ވަނީ ރާޖަޕަކްސާއާވެސް ބައްދަލުކުރައްވައިފައެވެ.

“ލަންކާއަށް ދިން ހަމަލާތަކާ ގުޅިގެން ރާއްޖޭގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުއާއި ރައްޔިތުންގެ ފަރާތުން ޝާހިދު ވަނީ ތައުޒިއާވެސް ދަންނަވައިފައި” ރާޖަޕަކްސާގެ ޓުވީޓުގައި ވެއެެވެ.
ލަންކާގެ ބޯޓުތައް ދޭތެރެ ދޭތެރެއިން ރާއްޖޭގެ ކަނޑުގެ ސަރަހައްދަށް ވަދެގެން އެތައް ފަހަރަކު ވަނީ ހިފަހައްޓައިފައެވެ. އެގޮތުން މިދިޔަ މާޗް މަހު ވަނީ ލަންކާގެ ހަތަރު މަސް ބޯޓެއް ހއ. ކެލަޔާ ދިމާ ބޭރުން ހިފަހައްޓައިފައިވެއެވެ.