English Edition
Dhivehi Edition

ގަތަރުން ފަލަސްތީނު ރައްޔިތުންނަށް އެހީގެ ގޮތުގައި 480 މިލިއަން އެމެރިކާ ޑޮލަރު ދޭން ނިންމާފައިވާކަމަށް އެގައުމުގެ ފޮރިން މިނިސްޓްރީން އިއްޔެ ބުނެފިއެވެ. އެގޮތުން މިކަން ހާމަކޮށް ގަތަރުގެ ފޮރިން މިނިސްޓްރީއިން ނެރެފައިވާ ބަޔާނުގައި ވާގޮތުން އެހީގެ ގޮތުގައި ފޮނުވާ ފައިސާގެ ތެރެއިން 300 މިލިއަން ޑޮލަރު ބޭނުންކުރާނީ ވެސްޓު ބޭންކު ކޮންޓްރޯލްކުރާ ރަމަލާގައި ހުންނަ ފަލަސްތީނިއަން އޮތޯރިޓީގެ ސިއްހީ އަދި ތައުލީމީ ޕްރޮގްރާމުތަކުގަ އެވެ. އަދި ބާކީ 180 މިލިއަން ޑޮލަރު ބޭނުން ކުރާނީ އިންސާނީ އެހީއަށް ބޭނުންވެފައިވާ މީހުނަށް އެހީތެރިކަމާއި ކަރަންޓުގެ ހިދުމަތް ފޯރުކޮށް ދިނުމަށެވެ.

ގަތަރަކީ ކުޑަ ގައުމެއް ނަމަވެސް ތެލުގެ މުއްސަނދިކަން ލިބިފައިވާ މި ގައުމުން ފަލަސްތީނުގެ ރައްޔިތުންނަށް އެހީތެރި ވުމުގައި އަބަދުވެސް ފެންނަނީ އެންމެ ކުރީ ސަފުންނެވެ. މިދިޔަ ފެބްރުއަރީ މަހުވެސް ގާޒާގެ ޕޯސްޓް އޮފީސްތަކުގެ ޒަރީޔާއިން ގަތަރުން ފޮނުވި ފައިސާގެ އެހީ ގާޒާގެ 94،000 އާއިލާއަކަށް ފޯރުކޮށްދީފައި ވެއެވެ.

އިޒްރޭލާއި ފަލަސްތީނުގެ ދެމެދުގައި 2014 ވަނަ އަހަރަށް ފަހު ހިނގި އެންމެ ވަރުގަދަ ކުރިމަތިލުންތައް ހުއްޓުމަކަށް އައިސްފައި ވަނީ މިސްރުގެ އިސް ނެގުމުގެ ދަށުން ގަތަރާއި އދ. އިން ބައިވެރިވި މަޝްވަރާތަކުގެ ތެރެއިން ނެވެ. އެ ހަމަނުޖެހުންތަކުގައި ފަލަސްތީނުގެ 25 މީހުން ޝަހީދު ކޮށްލާފައި ވެއެވެ.