މިދިޔަ މަހުގައި ލަންކާއަށް ދިން ނިރުބަވެރި ހަމަލާއަށްފަހު ލަންކާގެ ސްކޫލްތައް ބަންދުކުރުމަށްފަހު އަލުން ސްކޫލުތައް އަންނަ ހޯމަ ދުވަހު ހުޅުވައި ކިޔަވައިދޭން ފަށާނެ ކަމަށް ސްރީލަންކާގެ އެޑިއުކޭޝަން މިނިސްޓަރު އަކިލަ ވިރާޖް ކަރިޔަވަސަމް ވިދާޅުވެއްޖެއެވެ.
ލަންކާގެ އެޑިއުކޭޝަން މިނިސްޓަރު ވިދާޅުވީ، މި ފެށޭ ހަފްތާގެ ހަވަނަ ދުވަހު ސްކޫލުތައް އަލުން ހުޅުވާނެ ކަމަށާއި، އެކަން ކުރަނީ ސަލާމަތީ ބާރުތަކުން މުޅި ގައުމުގެ ހުރިހާ ސްކޫލެއްގެ ސެކިއުރިޓީގެ ހާލަތު ބަލައި، އެ ފަރާތްތަކުގެ ހުއްދަ ލިބުމުން ކަމަށެވެ. މިކަމަށްޓަކައި ސްކޫލުތަކުގެ ސެކިއުރިޓީގެ ކަންކަންކުރިއަށް ގެންދާނެ ގޮތް ބަޔާންކޮށް، 18 ނުކުތާގެ މައްޗަށް އެކުލެވޭ ސާކިއުލާއެއްވެސް ވަނީ ތައްޔާރުކޮށްފައެވެ.
ސްރީލަންކާގެ ކޮލޮމްބޯ، ނެގަމްބޯ އަދި ބަޓިކަލޯގައި ދިން ޖާނުން ފިދާވުމުގެ ހަތް ހަމަލާއާ ގުޅިގެން 500 އެއްހާ މީހުން ޒަހަމްވެފައި ވާއިރު 257 މީހުން ވަނީ މަރުވެފައެވެ.
މި ހަމަލާތަކާއި ގުޅިގެން ލަންކާގައި ކުރި ތަހުގީގުން ހާމަވިގޮތުގަައި އެ ހަމަލާތައް ދީފައިވަނީ ނިއުޒީލެންޑުގެ މިސްކިތަކަށް ދިން ހަމަލާތަކަށް ބަދަލުހިފުމުގެ ގޮތުން ކަން ވަނީ ހާމަވެފައިއެވެ. ލަންކާގެ ސްޓޭޓް ޑިފެންސް މިނިސްޓަރު ރުވާން ވިޖޭވަރުދަނަ ވަނީ މިކަން ކަށަވަރުވެސް ކޮށްދެއްވާފައެވެ.