English Edition
Dhivehi Edition

ދުނިޔޭގެ ތިމާވެއްޓަށް މިއަންނަ ބަދަލާއެކު އިންސާނުންނަށް ދެން ދުނިޔޭގައި އުޅެވޭނީ ގިނަވެގެން 10 އަހަރު ކަމަށް ސައިންސް ވެރިން ގަބޫލު ކުރަން ފަށައިފިއެވެ.

ޔުނިވާސިޓީ އޮފް އެރިޒޯނާގެ ބައޮލޮޖީ ޕްރޮފެސަރ، ގާއި މެކްފާސަން ވިދާޅުވާ ގޮތުގައި އިންސާނުންގެ ފަރާތުން ދުނިޔެއަށް ލިބެމުންމިދާ ގެއްލުމުގެ ސަބަބުން މުޅިއިންސާނިއްޔަތު ނެތި ދިއުމުގެ ބިރު ވަރަށް ބޮޑު ކަމަށެވެ. މިހާރު ދުނިޔޭގެ ތިމާވެށި މިއޮތް ހާލަތުން އެކަމާއި ދެކޮޅަށް ކުރެވޭނެ މާބޮޑު ކަމެއް ނެތެވެ. އޭގެ ބަދަލުގައި ދެންއުޅެވެން އޮތް ދުވަސްތަކުގައި އެކުވެރިކަމާއި އުފަލާއި އެކު އުޅެލަންވީއެވެ.

“ދުނިޔެ ތިމާވެށި ހިމާޔަތް ކުރެވޭނެ ހުރިހާ ދޮރެއް ބަންދުވެ ތަޅު ލެވިއްޖެ. މިއީ މިއަދަކު ދިމާވި ކަމެއްނޫން. މީގެ އެތަކެއް ދުވަހެއް ކުރިން މިކަން މިއޮތީ ކުރިމަތި ވެފައި. ދުނިޔެ ނެތި ފަނާވެ ދިއުމުގެ ދުވަސް މިއޮތީ އައިސް އަރާހަމަވެފަ.” މެކްފާސަން ވިދާޅުވެފައި ވެއެވެ.

ނަމަވެސް މިވިސްނުމާއި ދެކޮޅު ސައިންސް ވެރިން މަދެއް ނޫނެވެ. ވިކްޓޯރިއާ ޔުނިވާސިޓީގެ ތިމާވެށީގެ ސައިންސްވެރިޔާ، ޕްރޮފެސާ ޖޭމްސް ރެންވިކް ވިދާޅުވަނީ ޕްރޮފެސާ މެކްފާސަން ވިދާޅުވާ އެއްޗަކަށް ބަލައިގެން ތިބުމަށްވުރެ ތިމާވެށި ހިމާޔަތް ކުރުމަށް މަސައްކަތް ކުރުން ހުއްޓާލާ ދެއަތް އުރާލައިގެން ތިބުމަކީ ރަނގަޅު ކަމެއް ނޫން ކަމަށެވެ.

ޕްރޮފެސާ ޖޭމްސްވެސް ގަބޫލު ކުރައްވާ ގޮތުގައި އިންސާނިއްޔަތަށް މިހާރު ދިމާވެފައިވާ އެންމެ ބޮޑު މައްސަލައަކީ ދުނިޔޭގެ ނާޒުކު ތިމާވެށީގެ މައްސަލައެވެ. އެކަމުން ސަލާމަތް ނުވާނެ ކަމަށް ވިސްނައިގެން ތިބުމަކީ ހައްލެއް ނޫންކަމަށެވެ.

ޕްރޮފެސާ މެކްފާސަން އެވިދާޅުވާ ވިދާޅުވުމުކީ ހުރިހާ އެންމެންނަށް ދެވޭ އިންޒާރުގެ ނަސޭހަތެެއް ކަމަށާއި އެކަމަށް އެންމެން އެކީ މަސައްކަތް ކުރުމަށް ލިބޭ ހިތްވަރެއް ކަމެއް ބަލައި ތިމާވެއްޓަށް ދިމާވެފައިވާ މި ބޮޑު ގޮންޖެހުމުން ސަލާމަތް ކުރުމަށް މަސައްކަތް ފަށައި ގަންނަންވީ ކަމަށް ޕްރޮފެސާ ޖޭމްސް ވިދާޅުވެއެވެ.

“ތިމާވެއްޓަށް ކުރިމަތިވެފައިވާ މައްސަލައަކީ ފޫނުބެއްދޭ ވަރުގެ ބޮޑު މައްސަކައެއް. މީގެ ސަބަބުން ކުރިމަތި ވެދާނެ ކާރިސާތަކަކީ ހިތައްވެސް އިހްސާސް ނުކުރެވޭފަދަ ކަންތައްތަކެއް” ޕްރޮފެސާ ޖޭމްސް ވިދާޅު ވިއެވެ. ނަމަވެސް މުޅިއިންސާނިއްޔަތު އަދި ކުރިއަށް އޮތް 10 އަހަރު ނުވަތަ 1000 އަހަރުވެސް ނެތި ދާނެ ކަމަކަށް ގަބޫލު ކުރަން ދަތި ކަމަށެވެ.

ފާއިތުވި 30 އަހަރުގެ ތެރޭގައި ދުނިޔޭގެ މޫސުމަށް ބޮޑެތި ބަދަލު ތަކެއްވަނީ އައިސްފަ ކަމަށް ޕްރޮފެސާ ޖޭމްސް ވިދާޅުވެއެވެ. މިހާރު އޮތް ހިސާބުންވެސް މަސައްކަތް ފަށައި ގަނެވިއްޖެނަމަ ކުރަންޖެހޭ މަސައްކަތް ކުޑަވާނެއެވެ. އެހެންނަމަވެސް މަސައްކަތެއް ނުކޮށް ތިބޭނަމަ ފަހުން އުފުލަން ޖެހޭ ދަތި އުނދަގޫތައް އެތައް ގުނައެއް އިތުރު ވާނެ ކަމަށެވެ.

“އަހަރެން އުއްމީދު ކުރަނީ ވީހާވެސް އަވަހަށް ހުރިހާ އެންމެން ގުޅިގެން މަސައްކަތް ފަށައި ގަތުމަށް. މިއީ ހިތައްވެސް ނާރާ ވަރުގެ ބޮޑު މައްސަލައެއް.” ޕްރޮފެސާ ޖޭމްސް ވިދާޅު ވިއެވެ.

ނަމަވެސް ޕްރޮފެސާ މެކްފާސަން ވިދާޅުވާ ވިދާޅުވުމަކީ ހަގީގަތުގައިވެސް ކަންއޮތްގޮތް ކަމަށް ވާނަމަ ދެން ކޮންމެ ބަޔަކު އިސްވެ މަސައްކަތް ކުރި ކަމުގައި ވީނަމަވެސް އެކަންވާނީ ބޭކާރު ކަމަކަށެވެ.

“އަހަރެންނަކަށް ނުވިސްނޭ ކުރިއަށް އޮތް 10 އަހަރަށް ފަހު އިންސާނުން މިދުނިޔޭގައި އުޅޭނެ ކަމަކަށް” މެކްފާސަން ވިދާޅުވެއެވެ.

މިކަމުގެ ހަގީގަތް ހާމަ ކުރައްވަމުން މެކްފާސަން ވިދާޅުވަނީ ސައިންސް ވެރިން މިކަމުގައި ބަލަނީ މީގެ ވަރަށް ކުޑަ މިންވަރެއް ކަމަށެވެ. އެމީހުން މިބަލަނީ ހަމަ އެކަނި ދުނިޔެއަށް ބޭރުވާ މީތޭންގެ މިންވަރަށާއި އަދި އާކްޓިކްގައި ހުރި އައިސްތައް ވިރިގެން ދާ މިންވަރެވެ. އެއީ ހަމަ އެކަނި މިމައްސަލާއިގެ ވަރަށް ކުޑަކުޑަ މިންވަރެއް ކަމަށް މެކްފާސަން ވިދާޅުވެއެވެ. ހަގީގީ މަންޒަރު މާބޮޑެވެ.

މެކްފާސަން ގަބޫލު ކުރައްވާ ގޮތުން މޫސުމަށް ދިމާވާ މައްސަލަތައް ހައްލު ކުރުމަށްވުރެ ދުނިޔޭގައި އުޅެވެން އޮތް ކުޑަ ދުވަސްކޮޅުގައި ހެޔޮގޮތުގައި އުޅުން މާ ބުއްދިވެރި ކަމަށެވެ.

“އުއްމީދު ކުރުމަކީ މޮޔަ ޚިޔާލެއް. އުއްމީދަކީ ކަންތައް ވާން ބޭނުންވާ ތަސައްވަރު. އުއްމީދު ކުރުމަކީ ނުރަނފަޅު ފިކުރެއް. އެޚިޔާލު ދޫކޮށްލާފަ ހަގީގަތާއި ކުރިމަތި ލާންވީ. އުފާވެރިކަމާއެކު ގުޅިގެން އުޅުން މިހާރު އެންމެ މުހިއްމީ. ހައްލު ކުރެވޭނެ ކަމުގެ އެއްވެސް އަލިމަގެއް ނެތް ކަމަކަށް އުއްމީދު ކުރުމަކީ ބޭކާރު ކަމެއް” މެކްފާސަން ވިދާޅު ވިއެވެ.

މީގެ އިތުރުން މެކްފާސަން ވިދާޅުވަނީ، “އަހަރެން ހިތްވަރު ދެނީ އުޅެވެން އޮތް އެންމެ ރަނގަޅު ގޮތުގައި އުޅުމަށް. އެކަކު އަނެކަކަށް ލޯތްބާއި އިހްތިރާމް ދިނުން. އުފާވެރިކަން ލިބޭނެ ދިރިއުޅުމަކަށް މަގު ފަހި ކުރުން. މިއީ އަކީ މޮޔަ ވާހަކަ ތަކެއް ނޫން. އަހަރެން ހިތްވަރުދީ ގޮވާލަނީ ހުރިހާ އެންމެންވެސް ކެތްތެރި ވުމަށް. ސަބަބަކީ އަހަރުމެންގެ ބާރުވެރި ކަމުގައި އެއްވެސް ކޮންޓްރޯލެއް ނެތް.” ކަމަށެވެ.